ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހުން މިރޭ ފެންނަމުންދަނީ ކުރިން އުންމީދު ނުކުރާ ފަދަ ތަފާތު އަދި ތާރީޚީ މަންޒަރެކެވެ. ރާއްޖޭގައި މިހާތަނަށް އުފެދުނު ސިޔާސީ ތިން ފިކުރެއްގެ އެންމެ އިސް ތިން ލީޑަރުން ކަމަށްވާ ކުރީގެ ތިން ރައީސުން މިރޭ ވަނީ އެއް މޭޒަކުން ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ. މި ތިން ބޭފުޅުން މިރޭ ބައްދަލުކުރައްވަނީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ މެދު މަޝްވަރާކުރައްވައި، ނޫސްވެރިކަމުގެ ދިފާއުގައި ގުޅިގެން މަސައްކަތް ކުރެއްވުމަށެވެ.
މާލޭގައި މިހާރު ކުރިއަށްދާ މި ބައްދަލުވުން މިހާރު ވަނީ ރަސްމީކޮށް ފެށިފައެވެ. ސިޔާސީ ގޮތުން ތަފާތު ޚިޔާލުތަކެއް ގެންގުޅުއްވާ މި ތިން ރައީސުން އެއް މޭޒަކުން ފެނިގެން ދިއުމަކީ ރާއްޖޭގެ ސިޔާސީ މަޝްރަހަށް މިރޭ ލިބުނު ބޮޑު ސިއްސުމެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ތިން ބޭފުޅުންގެ މަޝްވަރާތަކަށް ފަހު، އެ ސަރަހައްދުގައި ތިބި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމަކީ ރާއްޖޭގެ ޑިމޮކްރަސީ އާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގައި އެޅުނު ވަރުގަދަ ފިޔަވަޅެއްގެ ގޮތުގައި ސިޔާސީ މުހައްލިލުން ސިފަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު