ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލީހުގެ ގަވާއިދަށް ހުރަސްއަޅައި ރިޔާސަތުގެ އެންގުންތަކަށް ތަބާނުވުމުގެ ސަބަބުން ކަމަށް ބުނެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކޮށްފިއެވެ.
މީކާއިލް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލުމަށްފަހު މަޖިލީހުގައި ދެން ކުރިއަށް ގެންދިޔައީ ސަރުކާރުގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެމްބަރު ހުސެއިން ނާސިޙު ހުށަހަޅުއްވާފައިވާ ސައިބާ ސެކިއުރިޓީ ބިލުގެ ބަހުސެވެ.
މި ބަހުސްގެ ތެރެއިން ވާހަކަދެއްކުމަށް ލިބުނު ފުރުސަތުގައި މީކާއިލް ވަނީ އެ ވާހަކައެއް ދެއްކުން ހުރިހާ ރައްޔިތުންގެ މައްޗަށް މަނާކޮށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރެއްގައި (ގެގް އޯޑަރު) ބުނާ ވާހަކަތަކެއް ދައްކަވާފައެވެ.
މީކާއިލް އެ ވާހަކަތައް ދައްކަވަން ފެއްޓެވުމުން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ ވާހަކަތައް ނުދައްކަވައި ބިލުގެ މައުޟޫއަށް ވާހަކަދެއްކުމަށް ތަކުރާރުކޮށް އެދިވަޑައިގެންފައެވެ. ނަމަވެސް، މީކާއިލް އެކަމަށް ތަބާނުވުމުން ރިޔާސަތުން ވަނީ ދެ ފަހަރެއްގެ މަތިން އޭނާގެ މައިކްގެ އަޑު ވެސް ކަނޑާލާފައެވެ.
މައިކް ކަނޑާލުމުންވެސް މީކާއިލް މަޖިލިސް ތަޅުމުގައި އަޑުގަދަކޮށް ވާހަކަދައްކަވަން ފެއްޓެވުމުން، ރިޔާސަތުން ވަނީ އޭނާގެ ނަން އިއްވައި ތަޅުމުން ނިކުތުމަށް އަންގާފައެވެ.
ނަން އިއްވުމާ ގުޅިގެން މީކާއިލް ވަނީ ސުލްހަވެރިކަމާއެކު މަޖިލިސް ދޫކުރައްވައި ވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު