މެއި މަހަކީ ރާއްޖެއަށް މޫސުން އެންމެ ގޯސް މަސް ކަމަށާ، މި މަސް ނިމެންދެންވެސް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފިއެވެ.
ކުރިއަށް އޮތް ހަފްތާއަށްފަހު، މިމަހު 24ގައި ސްކޫލް މިޑް-ބްރޭކް ފެށޭއިރު، ބަރަކާތްތެރި އަޟުޙާ ޢީދުވެސް އޮތީ އެ ބަންދުގެ ތެރޭގައެވެ. ޢީދު ވަނީ މިމަހުގެ 27 ވަނަ ދުވަހަށެވެ.
ވުމާއެކު، އެ ހަފްތާ ވެގެންދާނީ ގިނަ ބަޔަކު އެކި ރަށްރަށަށް ދަތުރުފަތުކުރާ ކުރާނެ ހަފްތާއެއް ކަމަށް ލަފާކުރެވެއެވެ.
ނަމަވެސް، މެޓް އޮފީހުން ލަފާކޮށްފައިވާގޮތުން، އެ ހަފްތާވެސް ވާނީ މޫސުން ގޯސް ހަފްތާއަކަށެވެ.
އެގޮތުން، ”ހަވާސާ“ އަށް މަޢުލޫމާތު ދެމުން މެޓް އޮފީހުން ބުނީ، މެއި މަހަކީ ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެން އަންނަ މަސް ކަމަށް ވުމުން، މުޅި މި މަހުވެސް ރާއްޖޭގެ އެކިކަންކޮޅުތަކަށް ވިއްސާރަ ކުރާނެއެވެ.
”ދޭތެރެއިން ވިއްސާރަ އަލިވެ ކަނޑު ކުޑަކޮށް މަޑުވި ނަމަވެސް، މަސް އެއްކޮށްވެސް ވިއްސާރަ ވާނެ. އެހެންވީމާ އަޅުގަނޑުމެންގެ އިލްތިމާސްއަކީ މިމަހުގައި ބޮޑު ކަމެއް ނުރޭވުން“ މެޓް އޮފީހުން ބުންޏެވެ.
މެއި މަސް ފެށިގެން އައީވެސް ވިއްސާރައާއެކުގައެވެ. މެޓް އޮފީހުން ބުނެފައިވާގޮތުން މިމަހުގެ 8 ވަނަ ދުވަހު ރާއްޖޭގެ ދެކުނަށް ހުޅަނގު މޫސުން ވަނީ ފެށިފައެވެ. އޭގެ ފަހުން މޫސުމުގެ އަސަރު މެދު ރާއްޖެ ތެރެއަށް ފޯރަން ފަށާފައިވާއިރު، މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
ހުޅަނގު މޫސުން ފެށުނީއްސުރެ ކަނޑުތައް ގަދަވެ، ދެކުނަށާއި މެދުރާއްޖެ ތެރެއަށް ވިއްސާރަ ކުރަމުން އަންނައިރު، މިއަދު 3:30 އާ ހަމައަށްވެސް މެޓް އޮފީހުން ވަނީ، ބ އަތޮޅުން އައްޑު އަތޮޅަށް ހުދު ސަމާލު ނެރެފައެވެ.
އަދި ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ގުގުރާނެ ކަމަށް މެޓުން ބުނެއެވެ.
މީގެއިތުރުން، ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި، އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ވައިޖެހޭނީ، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓުން ބުނެފައިވެއެވެ.
އަދި ހުރިހާ ހިސާބުތަކެއްގެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ލަފާކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު