Advertisement

ރައީސް މުއިޒުއަށް ސްރީލަންކާ ސަރުކާރުން ރަސްމީގޮތުން މަރުޙަބާ ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެޤައުމުގެ ސަރުކާރުން އެމަނިކުފާނަށް ރަސްމީގޮތުން މަރުޙަބާ ދަންނަވައިފިއެވެ.

މި ކުލަގަދަ ރަސްމިއްޔާތު ބާއްވާފައިވަނީ ކޮލަމްބޯގައި ހުންނަ ސްރީލަންކާގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރަސްމިއްޔާތު އޮތް މައިދާނަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް އަރުވާފައިވެއެވެ. އަދި ސްރީލަންކާގެ އަސްކަރިއްޔާއިން އެރުވި ގާޑް އޮފް އޮނަރ އެއް ރައީސުލްޖުމްހޫރިއްޔާ ވަނީ އިންސްޕެކްޓް ކޮށްދެއްވާފައެވެ. މީގެއިތުރުން، މި ރަސްމިއްޔާތުގައި ސްރީލަންކާ ސަރުކާރުގެ އިސް ބޭފުޅުންނާއި ޢިއްޒަތްތެރިން ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށް އެރުވިއިރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގެންނެވި ދިވެހި ވަފުދުގެ ބޭފުޅުން ސްރީލަންކާގެ ރައީސަށް ވަނީ ތަޢާރުފުކޮށް އަރުވާފައެވެ. މި ވަފުދުގައި ކެބިނެޓްގެ ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ރަސްމީ އިސްތިޤުބާލަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ސްރީލަންކާގެ ރައީސާއެކު ރަސްމީ ފޮޓޯއެއް ނަންގަވައި، ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައި ބަހައްޓާފައިވާ ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް މި ކުރައްވާ ދަތުރުފުޅަކީ އެޤައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ސްރީލަންކާގެ ރައީސް ޑިސަނާޔަކެ ވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 28 އިން 30 އަށް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅަކީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ކުރެއްވި މުހިންމު ދަތުރުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް