އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލަށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ތާއީދުކުރައްވާ ކަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިއުލާންކުރައްވައިފިއެވެ.
މިކަން ހާމަކުރެއްވީ “ބޮޑުބަދަލު”ގެ ނަމުގައި ރައީސް ނަޝީދާއި ފައްޔާޒް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓެއްގެ ގޮތުގައި ފައްޔާޒަށް ތާއީދުކުރައްވާ ކަން ރަސްމީކޮށް އިއުލާންކުރައްވައިފައެވެ.
2028 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓަކާ މެދު އެމްޑީޕީގެ އެތެރޭގައި ބޮޑެތި ބަހުސްތައް އުފެދިފައިވާ މި ދަނޑިވަޅުގައި، މީގެ ކުރިން އެ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާނެ ކަމަށް އެންމެ ބޮޑަށް އަޑުފެތުރިފައިވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް ނަޝީދެވެ.
ރައީސް މުޙައްމަދު ނަޝީދަކީ 2008 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ފުރަތަމަ މަލްޓި-ޕާޓީ ޑިމޮކްރެޓިކް އިންތިޚާބުން ހޮވިވަޑައިގެންނެވި ފުރަތަމަ ރައީސެވެ. އެމަނިކުފާނު ވަނީ އެމްޑީޕީގެ ޗެއާޕާސަންކަމާއި ރައީސް ޞާލިޙްގެ ވެރިކަމުގެ ދައުރުގައި އެ ޕާޓީގެ ރައީސްކަންވެސް ކުރައްވައިފައެވެ.


ކިޔުންތެރިންގެ ހިޔާލު