ކެއުމަށްފަހު ގޭސްޓްރިކްވުމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވަމުން އަންނަ ތަކުލީފެކެވެ. ނަމަވެސް މިކަމަށް އޮތް ހައްލު ވެސް އެހާ އުނދަގުލެއް ނޫނެވެ. ކައި ނިމިގެން ކުޑަ ވަގުތުކޮޅަކަށް ހިނގާލުމަކީ ބަނޑަށް ވަރަށް ލުއި ފަސޭހަވާނެ ކަމެކެވެ.
މިގޮތަށް ހިނގާލާ ހިނގުމަކީ މާބޮޑަށް ކަސްރަތު ކުރުމުގެ ނިޔަތުގައި ކުރާ ކަމަކަށްވުރެ ބޮޑަށް ހަށިގަނޑަށް ލުޔެއް އެކަމުން ހޯދުމަށް ކުރާ ކަމަކަށް ހެދުން މުހިއްމު ކަމަށް ގޭސްޓްރޮއެންޓެރޮލޮޖީގެ ތަޖުރިބާކާރެއް ކަމަށްވާ ސިންތިއާ ޓެއިލާ ވަނީ ބުނެފައެވެ.
ކެއުމަށްފަހު ލުއި ހިނގުމެއް ހިނގާލުމުން ބަރުދަން ލުއިކުރުމަށް އެހީތެރިވެދީ ކާނާ ހަޖަމުކުރުމުގައި ވަރަށް ބޮޑު ފަސޭހައެއް ހަށިގަނޑަށް ލިބިގެންދާނެ ކަމަށް ސިންތިއާ ވަނީ ބުނެފައެވެ.
ހަކުރުބަލި ތަހައްމަލުކުރަމުންދާ މީހުންގެތެރެއިން ޓައިޕް 1 އަދި ޓައިޕް 2 ޑައިބެޓީސް ހުންނަ މީހުންގެ ބްލަޑް ޝުގަ އެއްވަރެއްގައި ބެލެންސްކޮށް ބެހެއްޓުމަށް ވެސް ހިނގާލުމުން އެހީތެރިވެދެއެވެ. އެގޮތުން ކެއުމެއް ނިންމާލުމަށްފަހު އެންމެ ރަނގަޅު ގޮތަކީ 30 މިނެޓަށް ހިނގާލުން ކަމަށް ސިންތިއާ ރިވިއުކޮށްފައިވާ ލިޔުމެއްގައި ވަނީ ފާހަގަކޮށްފައެވެ.
ހަމައެއާއެކު މިއީ ހަށިގަނޑުގައި އުފެދިފައި ހުންނަ ‘އެލްޑީއެލް’ ނުވަތަ ‘ބޭޑް ކޮލެސްޓްރޯލް’ އަދި ބްލަޑް ޝުގަ ދަށްކޮށްލަދީ ސްޓްރޯކް ނުވަތަ ހާޓް އެޓޭކެއް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެއްގެ ގޮތުގައި ސިންތިއާ ވަނީ ފާހަގަކޮށްފައެވެ.
ކެއުމުގައި ކެލޮރީސް ގުނައިގެން ކެއުންތައް ވަކި ގޮތަކަށް ބަހައްޓާ މީހުން އަޅުގަނޑުމެންގެތެރޭ މިހާރަކަށް އައިސް ވަރަށް ގިނައެވެ. ކެއުމަށްފަހު 30 މިނެޓް ވަންދެން ހިނގާލުމަކީ މިފަދަ މީހުންނަށް ފަސޭހައިން ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ


ކިޔުންތެރިންގެ ހިޔާލު