Advertisement

ސަރުކާރުގެ ވިސްނުމާ ދެކޮޅު ކައުންސިލްތަކާ ހެދި 57 ރަށެއްގައި ޕްރޮޖެކްޓުތައް ނުފެށި އެބައޮތް: ރައީސް މުއިއްޒު

ސަރުކާރުގެ ވިސްނުމާ ދެކޮޅު ލޯކަލް ކައުންސިލްތަކާ ހެދި 57 ރަށެއްގައި ޕްރޮޖެކްޓުތައް ނުފެށި އެބައޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ބޭއްވި ތަރާވީހުގައި ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަށް ހާއްސަ ކޮށްގެން މާލެ ސަރަހައްދުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ރަސްމާލެ އިން 385 ހެކްޓަރުގެ ބިން ހިއްކުމާއި ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

Advertisement

އެގޮތަށް، ރަށްރަށުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެކަމަކު މި ސަރުކާރުގެ ވައުދު ފުއްދަން 57 ރަށެއްގެ ކައުންސިލުން ދަތިތައް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އެ ރަށްރަށުގައި މަސައްކަތް ނުފެށި ދިގުލައިގެން ދަނީ މި ސަރުކާރުގެ ވިސްނުމާ ދެކޮޅު ކައުންސިލްތަކުން އެކި އުޒުރުތައް ދައްކައިގެން ބިން ހަވާލުނުކޮށް ހުރުމުން ކަމަށެވެ.

“މިއަދު އަޅުގަނޑު ހިސާބުތައް ބަލާލިއިރު، 57 ރަށެއްގައި އަޅުގަނޑުމެން ފެށި މަސައްކަތްތައް ނުފެށިފައި އެބަހުރި ކައުންސިލްތަކުން، އަޅުގަނޑުމެންނާ ސިޔާސީ ގޮތުން އިދިކީލަ ވިސްނުމުގެ ކައުންސިލްތަކުން ހުއްޓުވާފައި އެކި އުޒުރުތައް ދައްކާފައި ބިން ހަވާލުނުކޮށްގެން. ބިން ހަވާލުކުރަނީ ކައުންސިލްތަކުން،” އާޓިފިޝަލް ބީޗުގައި ބޭއްވި ހަފުލާގައި ރައީސް ވިދާޅުވި އެވެ.

“ބިން ހަވާލުކުނުކުރީމަ މި 57 މަޝްރޫއު ނުފެށި މި އޮތީ ކައުންސިލްގެ އެއްބާރުލުން ނުލިބިގެން. މިއީ އެންމެ މިސާލެއް. މިފަދަ އެތައް ކަމެއް އެބަހުރި ކައުންސިލްތަކުން ހުރަސް އެޅުމުގެ ސަބަބުން ރައްޔިތުންނަށް އަޅުގަނޑު ވި ވައުދުތައް ބާރު ސްޕީޑުގައި ގެންދިއުމުގައި ހުރަސް އެޅިފައި.”

ވައުދުތައް ފުއްދަން މަސައްކަތްޕުޅު ކުރައްވަނީ އިހުލާސްތެރިކަމާ އެކު ކަމަށާއި އަދި އެ މަސައްކަތްތައް ބާރު ސްޕީޑުގައި ގެންދަން ޕީއެންސީގެ ކެންޑިޑޭޓުން ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހޮވައިދިނުމަށް ރައީސް މުއިއްޒު އެދިވަޑައިގަތެވެ.

އޭގެ އިތުރުން، ކައުންސިލްތަކަށް ޕީއެންސީގެ މެޖޯރިޓީ ދިނަސް ކަންކަން އެޖެންޑާކުރުމާއި ތަންފީޒު ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ކައުންސިލްގެ އެންމެ އިސްމަގާމުގައި ހުންނެވި ބޭފުޅަކު ކަމަށް ވާތީ، ސިޓީތަކުގެ މޭޔަރުންނާއި ކައުންސިލްގެ ރައީސުންނަށް ޕީއެންސީގެ ކެންޑިޑޭޓުން އިހުތިޔާރުކުރުމަށް ވެސް ރައީސް އެދިވަޑައިގެންނެވި އެވެ.

ކައުންސިލްތަކުގެ ރައީސުންނާއި މޭޔަރުންނަށް ޕީއެންސީ ވިސްނުމާ ދެކޮޅު ބޭފުޅުން ތިއްބަވައިގެން ސަރުކާރަށް ވަރަށް އުނދަގޫކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް