ވޯލްޑް ގަވަރންމަންޓް ސަމިޓް 2026 ގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރ ޚަލީލް ދުބާއީއަށް ފުރާވަޑައިގެންފިއެވެ.
ފެބުރުވަރީ މަހުގެ 3 އިން 5 އަށް ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ދުބާއީގައި ކުރިޔަށް ގެންދާ ”ވޯލްޑް ގަވަރންމަންޓް ސަމިޓް 2026“ ގައި ބައިވެރިވާ ދިވެހިރާއްޖޭގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުން، ޚަލީލް ފުރާވަޑައިގަތީ މިއަދު އެވެ.
ވޯލްޑް ގަވަރންމަންޓް ސަމިޓަކީ ޔޫއޭއީގެ ނައިބު ރައީސް، ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ބެއްލެވުމުގެ ދަށުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަތީ ފަންތީގެ ބައިނަލްއަޤްވާމީ ފޯރަމެކެވެ. ”މުސްތަޤްބަލުގެ ސަރުކާރުތައް ބައްޓަންކުރުން“ (Shaping Future Governments) މި ޝިއާރުގެ ދަށުން ބާއްވާ މިއަހަރުގެ ސަމިޓުގައި، ދުނިޔޭގެ ލީޑަރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން އެކި ދާއިރާތަކުގެ މާހިރުން އެއްވެ، ވެރިކަން ހިންގުމުގެ ދާއިރާއާއި، އީޖާދީ މަސައްކަތްތަކާއި، ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާނެއެވެ.
މި ސަމިޓަކީ ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށާއި، ސަރުކާރުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ދުނިޔޭގެ ފެންވަރުގައި ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގައި ބައިވެރިވުމަށް ލިބޭ އަގުހުރި ފުރުޞަތެކެވެ.
މި އަހަރުގެ ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައި ވަނީ މުސްތަޤްބަލަށް ތައްޔާރުވެފައިވާ ވެރިކަން ހިންގުމުގެ މޮޑެލްތަކާއި، ޑިޖިޓަލް ބަދަލުތަކާއި، މޫސުމީ ބަދަލުތަކަށް ކެތްތެރި ނިޒާމުތައް ބިނާކުރުމުގެ އިތުރުން، ހުރިހާ ދާއިރާއެއް ޝާމިލްވާފަދަ ތަރައްޤީގެ މަސައްކަތްތަކުގެ މައްޗަށެވެ.
މި އަހަރުގެ ސަމިޓުގައި ބައިވެރިވާ ދިވެހި ވަފުދުގައި ސަރުކާރުގެ އެކި މުއައްސަސާތަކުގެ އިސް އޮފިޝަލުން ހިމެނިވަޑައިގަންނަވާއިރު، މިއީ ވެރިކަން ހިންގުމުގެ ނިޒާމު އިޞްލާޙުކުރުމާއި އީޖާދީ ކުރިއެރުންތަކާ ގުޅޭގޮތުން ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަޝްވަރާތަކުގައި ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެކެވެ.
”ވޯލްޑް ގަވަރންމަންޓް ސަމިޓް“ ގައި ރާއްޖެއިން ބައިވެރިވުމަކީ ދިވެހިރާއްޖެއާއި ޔުނައިޓެޑް އެރަބް އެމިރޭޓްސްއާ ދެމެދު އޮތް ބަދަހި އަދި ގާތް ގުޅުން ރަމްޒުކޮށްދޭ ކަމަކަށް ވާއިރު، މިއީ ދެޤައުމުގެ މެދުގައި އޮތް އިޙްތިރާމާއި، އެއްގޮތް އުޞޫލުތަކާއި، ގިނަ ދުވަސްވީ އެއްބާރުލުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ.
ދިވެހި ސަރުކާރުން ވަނީ މި ގުޅުން ފާހަގަކޮށް، މި ސަމިޓުގެ ތެރެއިން ދެޤައުމުގެ ދެމެދުގައި އޮތް ބައިލެޓަރަލް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދުކުރާކަން ހާމަކޮށްފައެވެ. މި ދަތުރުފުޅުގައި މިނިސްޓަރުގެ އަރިހުގައި ވަޑައިގަންނަވާ ދިވެހި ވަފުދުގައި ޔޫ.އޭ.އީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފާއި، ޑެޕިއުޓީ އެމްބެސެޑަރ ޙައްސާން ވަޙީދުގެ އިތުރުން ފޮރިން މިނިސްޓްރީގެ އެސިސްޓަންޓް ޑައިރެކްޓަރ ޢާއިޝަތު ލީން ފަޒީޙް ހިމެނިވަޑައިގަންނަވައެވެ.
މި ސަމިޓަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ޚިޔާލު ބަދަލުކުރުމާއި، އައު ގުޅުންތައް ޤާއިމުކުރުމުގެ އިތުރުން، ދުނިޔޭގެ ވެރިކަން ހިންގުމުގެ މުސްތަޤްބަލު ބައްޓަންކުރުމުގައި ރާއްޖެއަށް ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެ މުހިންމު މަންސައެކެވެ.


ކިޔުންތެރިންގެ ހިޔާލު