ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދަށް ބޭނުންވާ ޒަރޫރީ ބޭސްފަރުވާގެ ފުރުސަތު ފަހިކޮށްނުދީ ހިފެހެއްޓުމަކީ އިންސާނިއްޔަތުކަމާ ޚިލާފު އަމަލެއް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޝާހިދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ސައީދަކީ ހިތުގެ ބަލީގެ ސަބަބުން ރާއްޖެއިން ލިބެން ނެތް މުހިންމު ފަރުވާތަކަކަށް ބޭނުންވެފައިވާ ބޭފުޅެއް ކަމަށެވެ. އަދި އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުން ޖަލުގައި އެކަހެރިކޮށް ބެހެއްޓުމަކީ އެންމެ އެކަށީގެންވާ ގޮތެއް ނޫން ކަމަށް ޑޮކްޓަރުން ލަފާދެއްވާފައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ.
“ސިއްހީ މާހިރުންގެ ލަފާ މިގޮތަށް އޮއްވައި، ބޭސްފަރުވާގެ ފުރުސަތުތަކުން މަހްރޫމް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. މިއީ އިންސާނިއްޔަތުކަމާ ކަނޑައެޅިގެން ޚިލާފު އަމަލެއް،” ޝާހިދުގެ ޓްވީޓުގައިވެއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ، ކޮންމެ ރައްޔިތަކާ މެދުވެސް އިންސާފުވެރިކަމާއި އިންސާނިއްޔަތުކަމާއެކު އަމަލުކުރުމަކީ ދައުލަތުގެ މައްޗަށް އޮތް ޒިންމާއެއް ކަމަށެވެ. އެހެންކަމުން، ސައީދަށް ބޭނުންވާ ފަރުވާ ލިބިދިނުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ ސިއްހީ ހާލަތާ މެދު އާއިލާއިންވެސް މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މި މައްސަލައިގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަދި ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު