އިޒުރޭލުގެ ދަނޑުތަކުގައި ހައްދާ މޭވާތައް، ގަންނާނެ ބަޔަކުނުވެ، މޭވާތައް ކުނިވާން ފަށައިފިއެވެ. އިޒުރޭލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން ވިލާތުގެ ޤައުމުތަކުން އިޒުރޭލުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމުގެ ސަބަބުން، އިޒުރޭލުގެ ދަނޑުވެރިކަމުގެ ސިނާޢަތް އެއްކޮށް ފުނޑުފުނޑުވުމުގެ ބިރު އުފެދިއްޖެއެވެ.
މޭވާ ހައްދާ އިޒުރޭލުގެ ކުންފުނިތަކުގެ، ޚާއްޞަކޮށް އަނބާއި، އޮރެންޖު ހައްދާ ފަރާތްތަކުގެ، އެކްސްޕޯޓް ދަށްވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ދަނީ ކުރިމަތިވަމުންނެވެ. އަދި، އިޒުރޭލާއި ދެކޮޅަށް ކުރިއަށް ގެންދާ ބޮއިކޮޓް ޙަރަކާތް ނުހުއްޓި ކުރިއަށްދާ ނަމަ، އިޒުރޭލުގެ ދަނޑުވެރިކަމުގެ ޞިނާޢަތު އެއްކޮށް ނެތިގެން ހިނގައިދާނެއެވެ.
އިޒުރޭލުގެ ޤައުމީ ޓީވީ ޗެނެލް ކާން 11 އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ޣައްޒާގެ ހަނގުރާމައާ ގުޅިގެން ވިލާތުގެ ޤައުމުތަކުން ގިނަ ޢަދަދެއްގެ އޯޑަރުތައް ކެންސަލްކުރުމާއި، އަދި ކަމޭދުން ނުވަތަ ކަސްޓަމަރުން ހިންގާ ބޮއިކޮޓް ޙަރަކާތުގެ ސަބަބުން، އިޒުރޭލުގެ ދަނޑުތަކާއި، ގުދަންތަކުގައި ހުރި އެތައް ޓަނެއްގެ މޭވާ ވަނީ ކުނިވެ ހަލާކުވެފައެވެ.
ގެލިލީގައި އަނބު ހައްދާ، އިޒުރޭލުގެ ދަނޑުވެރިން ބުނާ ގޮތުގައި، އަނބުގެ ވިޔަފާރިކުރާ ވިލާތުގެ ގިނަ ކުންފުނިތަކުން، އިޒުރޭލުގެ އަނބުގެ ބަދަލުގައި، އެހެން ޤައުމުތަކުގެ އަނބު އިމްޕޯރޓްކުރަން ވަނީ ފަށާފައެވެ. ވިލާތުގެ ގިނަ ކަމޭދުން މިހާރު ބުނަނީ “އެމީހުން އިޒުރޭލުގެ އަނބު ބޭނުން ނުވާ” ކަމަށެވެ.
އިޒުރޭލުގެ “ސިޓްރަސް ގްރޯވަރސް އެސޯސިއޭޝަންގެ” ސެކްރެޓަރީ ޖެނެރަލް ޑެނިއަލް ކްލަސްކީ ފާހަގަކުރި ގޮތުގައި، ޣައްޒާގެ ހަމަނުޖެހުމާއި ގުޅިގެން ސްކެންޑިނޭވިއަން ޤައުމުތަކަށް އެކްސްޕޯޓްކުރުން ވަނީ މުޅިން ހުއްޓިފައެވެ. “ހަނގުރާމައިގެ ކުރިން އަހުރެމެން އެކްސްޕޯޓް ކުރިން؛ އެކަމަކު، އޭގެ ފަހުން އެންމެ ކޮންޓެއިނަރެއްވެސް އެކްސްޕޯޓެއް ނުކުރެވޭ.”
އިޒުރޭލުގެ މޭވާ ބަގީޗާއެއްގެ މެނޭޖަރެއް ކަމަށްވާ ނިޓްޒާން ވައިސްބަރގް ކިޔައިދިން ގޮތުގައި، އިޒުރޭލުގެ މޭވާގެ ފެންވަރު ކިތަންމެ ރަނގަޅު ނަމަވެސް “ވިލާތުގެ ޤައުމުތަކުގައި، އިޒުރޭލުގެ މޭވާ ގަންނަން ކަމޭދުން ދަނީ ދެކޮޅު ހަދަމުންނެވެ.” އެހެންކަމުން، ދަނޑުވެރިކަމުން ލިބޭ ގެއްލުން ބޮޑުވެ، ދަނޑުވެރިކަމުގެ މަސައްކަތަށް މިވަނީ އެއްކޮށް ހުއްޓާލަން ޖެހިފައެވެ.
އިޒުރޭލުގެ ދަނޑުވެރިކަމުގެ ޙާލަތު މިހާ ގޯސްވެފައިވަނީ ޣައްޒާ އާއި، ހުޅަނގު އައްސޭރީގެ ބާޒާރުތައްވެސް ބަންދުވުމުގެ ސަބަބުންނެވެ. ހަނގުރާމައިގެ ކުރިން، އެ ބާޒާރުތަކުންވެސް، އިޒުރޭލުގެ އުފެއްދުމުގެ ބޮޑު ބައެއް ނަގަމުން ގޮސްފައިވެއެވެ. ބެލްޖިއަމް، އަޔަރލޭންޑް، އަދި އިނގިރޭސިވިލާތުގެ ސްޕަރމާކެޓް ޗެއިންތަކުން ވަނީ ބޮއިކޮޓުގެ ސަބަބުން، އިޒުރޭލުގައި އުފައްދާ ތަކެތި ގަތުން މަދުކޮށް، ނުވަތަ ގަތުން ހުއްޓާލާފައެވެ. ސަރުކާރުގެ އެހީތެރިކަން ނުލިބިއްޖެނަމަ، އެ ދާއިރާ އިނދަޖެހި، ދުރު ސަރަޙައްދުތަކުގައި ދިރިއުޅޭ އިޒުރޭލުގެ އެތައް ސަތޭކަ ޢާއިލާއަކަށް ނޭދެވޭ އަސަރުކޮށްފާނެ ކަމަށް “ފުރޫޓް ގްރޯވަރސް އެސޯސިއޭޝަނުން” ވަނީ އިންޒާރު ދީފައެވެ.
މި ކާރިސާއިން ދައްކުވައިދެނީ ޣައްޒާގައި އިޒުރޭލުން ހިންގަމުންދާ ނަސްލުހޭދައިގެ ޖަރީމާގެ ދިގުދެމިގެންދާ އިޤުތިޞާދީ އަސަރުތަކެވެ.


ކިޔުންތެރިންގެ ހިޔާލު