Advertisement

ތައުލީމީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދިން އައިންތު މިސް ނިޔާވެއްޖެ

ރާއްޖޭގެ ތައުލީމީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ އާމިނަތު ހަސަން (އައިންތު މިސް) ނިޔާވެއްޖެ އެވެ.

އައިންތު މިސް ނިޔާވީ ކެންސަރުގެ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ހެނދުނު އައިޖީއެމް ހޮސްޕިޓަލުގަ އެވެ. އައިންތު މިސް ނިޔާވިއިރު، އޭނާގެ އުމުރަކީ 58 އަހަރެވެ.

Advertisement

ރާއްޖޭގެ ތައުލީމީ ހަޔާތުގެ މުހިންމު ސަފުހާތަކެއްގައި ނަން ފަވާލެވޭ އައިންތު މިސް ވަނީ 30 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެ ދާއިރާއަށް ހިދުމަތްކޮށްފަ އެވެ. އޭނާއަކީ ކުޅަދާނަ ދިވެހި މުދައްރިސެކެވެ. އެންމެ ގިނަ ދުވަހު އޭނާ ކިޔަވައިދިނީ އަމީނިއްޔާ ސްކޫލުގަ އެވެ. މަޖީދިއްޔާ ސްކޫލުގައި ވެސް އޭނާ ކިޔަވައިދިނެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ސެކަންޑަރީ ދިވެހި ޓީޗިން އާއި ދިވެހި ބަހުގެ ބެޗެލާސް ޑިގްރީ ފުރިހަމަކުރި މީހުންގެ ތެރޭގައި އައިންތު މިސް ހިމެނެ އެވެ.

ދިވެހިރާއްޖޭގައި ޓީޗަރުންގެ އެސޯސިއޭޝަނެއް އުފެއްދުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރި އެކަކީ އައިންތު މިސް އެވެ. އެގޮތުން ޓީޗަރުންގެ މުސާރަ އާއި މަސައްކަތު މާހައުލު ރަނގަޅު ކުރުމަށްޓަކައި 2008 ވަނަ އަހަރު ޓީޗަރުން ރާވައި ހިންގި ހަޅުތާޅުގައި ހިމެނުނު ހަމައެކަނި އަންހެން ޓީޗަރަކީ ވެސް އޭނާ އެވެ.

ޓީޗަރެއްގެ ވަޒީފާގެ އިތުރުން އޭނާ ވަނީ އެސެޓް ރިކަވަރީ ކޮމިޝަންގެ މެންބަރުކަމާއި މީޑިއާ ކައުންސިލްގެ މެންބަރުކަން ވެސް ކުރައްވައިފަ އެވެ. އަދި، އިޖުތިމާއީ މަންސަތަކުގައި ވެސް ހިލޭ ސާބަހަށް ގިނަ މަސައްކަތްތަކެއް އައިންތު މިސް ކޮށްފައިވެ އެވެ. ނިމިދިޔަ މަޖިލިސް އިންތިހާބުގައި އޭނާ ނިސްބަތްވާ މާފަންނު މެދު ދާއިރާގެ ގޮނޑިއަށް ވެސް އައިންތު މިސް ވާދަކުރި އެވެ.

އައިންތު މިސް ނިޔާވުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ހިތާމަ ފާޅުކޮށް ތައުޒިޔާގެ މެސެޖުތައް ސޯޝަލްމީޑިއާގައި ހިއްސާ ކުރަމުންނެވެ. އައިންތު މިސްގެ ޖަނާޒާ އޮންނާނީ މިއަދު އަސުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް