ހދ.އަތޮޅު ކައުންސިލުން ތަޖުރިބާ ހޯދުމުގެ ނަމުގައި ކޮށްފައިވާ ބައެއް ދަތުރުތަކަކީ މަޤްޞަދު ސާފުނުވާ އަދި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ނެރުއްވާފައިވާ އިރުޝާދުތަކާ ޚިލާފަށް ކޮށްފައިވާ ދަތުރުތަކެއް ކަމަށް އޯޑިްޓް އޮފީހުން ނެރެފައިވާ “ހދ.އަތޮޅު ކައުންސިލް އިދާރާގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް“ގައި ބުނެފިއެވެ.
ހދ.އަތޮޅު ކައުންސިލްގެ އިދާރާއިން 2024 ވަނަ އަހަރު ކޮށްފައިވާ ޚަރަދުތަކާ ގުޅޭގޮތުން އޮޑިޓަރު ޖެނެރަލްގެ އޮފީހުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާލާއިރު:-
1. ބަޖެޓު ތަންފީޒުކުރުމާއި ތަޖުރިބާ ދަތުރުތައް:
ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އާއި ފިނޭންސް މިިނިސްޓްރީން ނެރުއްވާފައިވާ ސާކިއުލާލާތަކާ ޚިލާފަށް ކައުންސިލުން ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، އައްޑޫ ސިޓީއަށާއި، ފުވައްމުލަކު ސިޓީއަށް 12 މުވައްޒަފުން ކުރި ދަތުރަށް 186,584 ރުފިޔާ އަދި ފ.އަތޮޅާއި ދ.އަތޮޅުގެ ރަށްތަކަށް ކުރި ދަތުރަށް 172,138 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މި ދަތުރުތަކަށް ޖުމްލަ 358,722 ރުފިޔާ ބަޖެޓުން ހޭދަކޮށްފައިވާއިރު، މިއީ ޚަރަދު ކުޑަކުރުމުގެ ސިޔާސަތާ ނުބައްދަލު ކަންކަންކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން މި ދަތުރުތަކުން ޙާޞިލުކުރަން ބޭނުންވާ ކަންކަން ކުރިއާލާ ރޭވިފައި ނެތުމާއި، ބައެއް ރަށްތަކުގެ ކައުންސިލްތަކާ ބައްދަލުނުކޮށް ހަމައެކަނި އާސާރީ ތަންތަނަށް ޒިޔާރަތްކޮށްފައިވާކަން ދަތުރު ރިޕޯޓުތަކުން އެނގޭކަމަށް ބުނެފައިވެއެވެ.
އިޞްލާޙީ އިރުޝާދު: މާލީ ސާކިއުލާލާތަކާ އެއްގޮތަށް ޚަރަދުތައް ބައްޓަންކުރުމަށާއި، ކައުންސިލްތަކަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާ ހޯދުމުގައި އެލް.ޖީ.އޭ މެދުވެރިކޮށް ހަރުދަނާ ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރުމަށް ވަނީ ލަފާދީފައެވެ. އަދި ކޮންމެ ދަތުރެއްގެ ބޭނުމާއި، އޭގެއިން ޙާޞިލުވި ކަންކަން ލިޔުމުން ބަލަހައްޓަންވަނީ އިރުޝާދު ދީފައެވެ.
2. އެހީގެ ގޮތުގައި ދޫކުރި ފައިސާ މޮނީޓަރު ނުކުރުން:
ރަށްރަށުގެ ކައުންސިލްތަކަށް ސޯލާ ޕެނަލް ހަރުކުރުމަށާއި، ތަރައްޤީގެ މަޝްރޫޢުތަކަށް އެހީގެ ގޮތުގައި 1,803,456 ރުފިޔާ ދޫކޮށްފައިވީ ނަމަވެސް، އެ ފައިސާ ބޭނުންކުރާ ގޮތް އަތޮޅު ކައުންސިލުން އެކަށީގެންވާ ގޮތެއްގައި މޮނީޓަރު ކޮށްފައި ނުވާކަމަށް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އެއްބަސްވުންތަކުގެ މުއްދަތު ހަމަވެފައިވާއިރުވެސް މުއްދަތު އިތުރުކޮށްފައި ނުވުމާއި، މަސައްކަތް ނުނިމިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތެއް އުޞޫލުތަކުގައި ބަޔާންކޮށްފައި ނުވާކަމަށް ވަނީ ފާގަކޮށްފައެވެ. އަދި ބައެއް މަޝްރޫޢުތަކުގެ ތަފްސީލީ ރިޕޯޓުތައްވެސް ހުށަހަޅާފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.
ހދ.އަތޮޅު ކައުންސިލްގެ ބޮޑު ޓީމެއް 2023 ވަނަ އަހަރު ތައިލެންޑްގެ ބެންކޮކަށް ކުރި އަގުބޮޑު ދަތުރުން ހދ.އަތޮޅުގެ ކައުންސިލްތަކަށް ކުރި މަންފާއެއް ނެތްކަމަށް އެ އިދާރާގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އަދި އޮޑިޓް އޮފީހުގެ ރިޕޯޓަށް ރައްދުދީ ހދ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު ސޮއިކުރައްވައި މިއަދު ނެރުނު ނޫސް ބަޔާނެއްވެސް ނެރުނެވެ.


ކިޔުންތެރިންގެ ހިޔާލު