ވިލާ ކޮލެޖާއި އެޓްމޮސްފިއާ ފައުންޑޭޝަން ގުޅިގެން، އިންޖިނިއަރިން ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމުގެ ޝައުގުވެރިކަން ހުރި، ނަމަވެސް މާލީ ދަތިތަކާހުރެ އެ ފުރުސަތު ލިބިފައިނުވާ ދަރިވަރުންނަށް ހާއްސަކޮށްގެން “އިންޖިނިއަރިން ސްޕޮންސާޝިޕް ސްކީމް” ގެ ނަމުގައި ހިލޭ ކިޔެވުމުގެ ފުރުސަތުތަކެއް ހުޅުވާލައިފި އެވެ.
އެޓްމޮސްފިއާ ފައުންޑޭޝަންގެ މާލީ އެހީތެރިކަމާއެކު، ތައުލީމީ ގޮތުން ގާބިލު އަދި ހުނަރުވެރި ދަރިވަރުން ބިނާކުރުމަށްޓަކައި ކުރިއަށްގެންދާ މި ސްކީމްގެ ދަށުން ކިޔެވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހުގަ އެވެ.
ވިލާ ކޮލެޖުން ބުނީ ޖުމްލަ ތިން ފަރާތަކަށް ސްކީމްގެ ދަށުން ހުރިހާ ހަރަދެއް ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ. އެއީ ފައުންޑޭޝަން އިން އިންޖިނިއަރިން އިން ދެ ޖާގަ އަދި ބެޗްލާ އޮފް ސިވިލް އިންޖިނިއަރިން އިން އެއް ޖާގަ ކަމަށް އެ ކޮލެޖުން އެވެ.
އެ ކޮލެޖުން ބުނީ ސްކީމްގެ ދަށުން ދަރިވަރުންގެ އެޕްލިކޭޝަން އަދި ރެޖިސްޓްރޭޝަން ފީ، ޓިއުޝަން ފީގެ އިތުރުން ކޯހާ ގުޅޭ އިތުރު ފީތައް ހަމަޖެހިގެންދާނެ ކަމަށެވެ.
އިންޖިނިއަރިން ސްޕޮންސާޝިޕް ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ފެބްރުއަރީ 1، ގެ ނިޔަލަށެވެ.
ސްކީމަށް ކުރިމަތިލެވޭ ދަރިވަރުންގެ ޝަރުތުތައް:
- ދިވެހި ރައްޔިތަކަށްވުން.
- ވިލާ ކޮލެޖުން ކަނޑައަޅާފައިވާ، ކުރިމަތިލާ ކޯހަށް ވަނުމުގެ ޝަރުތު (އެންޓްރީ ރިކުއަޔާމެންޓް) ފުރިހަމަވުން.
- މަތީ ތަޢުލީމުދޭ އެހެން އެއްވެސް މަރުކަޒެއްގައި މިވަގުތު ކިޔަވަމުންދާ ދަރިވަރަކަށް ނުވުން.
- ގޭބިސީގެ އާމްދަނީއާއި ޚަރަދުތައް ހާމަކޮށްދިނުމާއެކު، މާލީ އެހީތެރިކަމަށް ބޭނުންޖެހިފައިވާކަން ސާބިތުކޮށްދިނުން.
- އިންޖިނިއަރިން ދާއިރާއިން ކުރިއަށްދިއުމުގެ ޝައުގުވެރިކަމާއި ސާބިތުކަން ހުރުން.
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
- ފުރިހަމަކޮށްފައިވާ ސްކޮލާޝިޕް އެޕްލިކޭޝަން ފޯމު.
- ވިލާ ކޮލެޖުގެ ކޯހަކުން ޖާގަ ކަށަވަރުވިކަމުގެ ލިޔުން (ކޮންފާމްޑް އޮފާ ލެޓާ).
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
- މާލީ ޙާލަތު އަންގައިދިނުމަށްޓަކައި ގޭބިސީގެ އާމްދަނީއާއި ހަރަދުގެ ބަޔާން.
- ޕާސަނަލް ސްޓޭޓްމަންޓެއް.
ދަރިވަރުން ހޮވުމަށް ހަމަޖެހިފައިވަނީ ވިލާ ކޮލެޖާއި އެޓްމޮސްފިއާ ފައުންޑޭޝަން ގުޅިގެން އެކުލަވާލާ ހާއްސަ ކޮމިޓީއަކުންނެވެ.
ދަރިވަރުން ހޮވުމުގައި ބަލާ މިންގަނޑުގެ ދަށުން ތައުލީމީ ނަތީޖާއަށް 40 ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާއިރު، މާލީ ހާލަތަށް 40 ޕޮއިންޓް އަދި ޕާސަނަލް ސްޓޭޓްމަންޓަށް 20 ޕޮއިންޓެވެ.
އިންޖިނިއަރިން ސްޕޮންސާޝިޕް ސްކީމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް [email protected] އަށް މެއިލް ކުރުމަށް ވިލާ ކޮލެޖުން އެދެ އެވެ.


ކިޔުންތެރިންގެ ހިޔާލު