1. އަމިއްލަ ކްލިނިކްތަކުން ދޫކުރާ ބޭސް ސިޓީއަށް ވެސް އައިނު ހެއްދޭ ހަމަޖައްސައި އާސަންދައިން މިއަދު ކުރި އިއުލާނުގައި ބުނީ ލޮލުގެ ރިފްރެކްޝަން ބޭސް ސިޓީއަށް އާސަންދަ ދިނުމަށް އެމްޕެނަލްވެފައިވާ އަމިއްލަ ކްލިނިކްތަކަށް ވެސް މިހާރު އައިނު ހެއްދޭނެ ކަމަށެވެ.

    Advertisement

    މީގެ ކުރިން އައިނު ހެއްދެނީ އައިޖީއެމްއެޗާއި އޭޑީކޭ އާއި އައިކެއާ ފަދަ ތަންތަނުން ދޫކުރާ ޕްރިސްކްރިޕްޝަންތަކަށް އެކަންޏެވެ. އެކަމަކު، އަލަށް ގެނައި ބަދަލުގެ ދަށުން ކުރިން ހެއްދޭ ތަންތަނާ އެކު ޖުމްލަ 18 ތަނަކުން ދޫކުރާ ޕްރިސްކްރިޕްޝަންތަކަށް އާސަންދައިގެ ދަށުން އައިނު ހެއްދޭނެ އެވެ.

    އެއީ؛

    1. އޭޑީކޭ ހޮސްޕިޓަލް
    2. އެޑްވާންސް އައި ކްލިނިކް
    3. އެޑްވާންސް މެޑިކަލް ކްލިނިކް
    4. އެއިމްސް ޑައިގްނޯސްޓިކް ކެއާ
    5. އޭއެމްޑީސީ
    6. ސިޓީ އޮޕްޓިކަލް- ކްލިނިކް
    7. އައިކެއާ ކްލިނިކް
    8. އައިކެއާ ކްލިނިކް ހުޅުމާލެ ބްރާންޗު
    9. އައިކެއާ ހޮސްޕިޓަލް
    10. އައިކެއާ ހޮސްޕިޓަލް ހުޅުމާލެ އެނެކްސް
    11. ފާރޫކް ހެލްތުކެއާ
    12. މޮލްޑިކެއާ
    13. މެޑިކާ ހޮސްޕިޓަލް
    14. ނޫސަންދަ
    15. ސެނަހިޔާ
    16. ޓްރީޓޮޕް ހޮސްޕިޓަލް
    17. ވިޝަން ކްލިނިކް
    18. ޕަބްލިކް ހެލްތު ފެސިލިޓީސް

    މިއަދުން ފެށިގެން އެ ބަދަލު ގެންނާނެކަން އިއުލާންކޮށް އެންސްޕާއިން މިދިޔަ މަހުގެ 30 ގައި ނެރުނު ބަޔާނުގައި ބުނީ އާއްމުންގެ ހިޔާލުތަކާއި ކަންބޮޑުވުންތަކަށް ބަލައި، އާސަންދައިން ފޯރުކޮށްދޭ ހިދުމަތްތަކަށް ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

    އެގޮތަށް އާއްމުންނަށް ފަސޭހަވާނެ ގޮތް ހެދުމަށް އައިނުގެ ހިދުމަތް ފުޅާކޮށް، ކްލިނިކްތަކާއި އައިނު ފިހާރަތަކުގައި ރަޖިސްޓްރީވެފައިވާ އޮޕްޓޮމެޓްރިސްޓުން ދޫކުރާ ސިޓީއަށް އައިނު ލިބޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

    އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ “ހަވާސާ”އަށް މިއަދު ވިދާޅުވީ އައިނު ފިހާރަތަކުން ވެސް އޮންނަ އުސޫލުން ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީކޮށް، އާސަންދަ ހުށަހެޅުމުން އެ އިންތިޒާމުތައް ހަމަޖެހޭނެ ކަމަށެވެ.

    “ރަޖިސްޓްރީވީމަ އެތަނަކުން ވެސް އޮޕްޓޮމެޓްރިސްޓްސް ދޫކުރާ އައިނު ޕްރިސްކްރިޕްޝަން ކަވަރު ކުރާނެ.” ޒީނިޔާ ވިދާޅުވި އެވެ.

    އައިނުގެ ވިޔަފާރި އަމިއްލަ ތަންތަނުން މޮނޮޕޮލައިޒްކޮށްފައިވާ ކަމަށް ވިދާޅުވެ، ސަރުކާރުން އެ ވިޔަފާރީގެ ތެރެއަށް ވަނީ އައިޖީއެމްއެޗްގައި ހުޅުވި އައިނު ފިހާރައާއެކު މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އޭރު ވަނީ، އާސަންދަ ސްކީމްގެ ދަށުން އައިނު ހައްދަން ކޮންމެ ދެ އަހަރުން އެއް އަހަރު ދޭ އެހީ ވެސް އިތުރުކޮށްފަ އެވެ.

    އާސަންދައިން އައިނު ހައްދަން މީގެ ކުރިން ދެނީ 1،000ރ. އެވެ. އެކަމަކު، އެ އަދަދު މިހާރު ވަނީ 2،000ރ. އަށް ބޮޑުކޮށްފަ އެވެ.