Advertisement

ހަވާސާ – ޓިރަމިސޫ ރެސިޕީ

އިޓަލީގެ ފޮނި ކާއެއްޗެއް ކަމަށްވާ ޓިރަމިސޫއަކީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް މަޝްހޫރު އެއްޗެއްކެވެ. ޓިރަމިސޫ ހެދުމަށް އަސްލު ބޭނުން ކުރަނީ މަސްކާޕޯން ޗީޒްއެވެ. ނަމަވެސް ރާއްޖޭގައި މިއީ ވަރަށް އަގުބޮޑު، ހޯދަން އުދަގޫ ޗީޒްއަކަށް ވުމުން އަހަރުމެންގެ މި ރެސިޕީގައި ބޭނުންކޮށްފައި މިވަނީ ކްރީމް ޗީޒްއެވެ.

Advertisement

ޓިރަމިސޫގައި ބޭނުން ކުރާ އެއްޗެހިން އެންމެ މުހިންމު އެކައްޗަކީ ކޮފީއެވެ. އެގޮތުން މި ރެސިޕީގައި އަހަރުމެން ބޭނުންކޮށްފައި މިވަނީ، އަހަރުމެންގެ އެއް ބައިވެރިއެއް ކަމަށްވާ އަރާބީގެ ފަރާތުން ލިބިފައިވާ ބޮން އަރޯމާ ކްލެސިކް އިންސްޓަންޓް ކޮފީއެވެ. މި ކޮފީގައި ކޮފީ ރަހަގަދަވެފައި، ތައްޔާރުކުރާއިރު އެހާމެ މީރުވަސް ދުވައެވެ. މިއީ އައިސް ކޮފީއާއި، ކަޅު ކޮފީ، ލާޓޭ، ކަޕަޗީނޯ، އަދި މިނޫންވެސް ކޮފީގެ އެކި ވައްތަރުތައް ހެދުމަށް ބޭނުންކުރަން ރަނގަޅު ކޮފީއެކެވެ.

މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 6×6 އިންޗި ތަބަކެއްގެ ޓިރަމިސޫ

ބޭނުންވާ ތަކެތި:

ކޮފީ ހެދުމަށް

3 މޭޒުމަތީ ސަމުސާ ބޮން އަރޯމާ ކްލެސިކް އިންސްޓަންޓް ކޮފީ

1 ޖޯޑު ހޫނު ފެން

އެގް ކަސްޓަޑް ހެދުމަށް

3 ބިހުގެ ގޮބޮޅި

¼ ޖޯޑު ހަކުރު

½ 1 ޖޯޑު ފެން

ޓިރަމިސޫ ކްރީމް ހެދުމަށް

250 ގްރާމް ކްރީމް ޗީޒް

½ ޖޯޑު ވިޕިންގ ކްރީމް

1 މޭޒުމަތީ ސަމުސާ ހަކުރު

½ ސައިސަމުސާ ވެނީލާ އެސެންސް

ޓިރަމިސޫގެ ފަށަލަތައް އެތުރުމަށް

12 ލޭޑީ ފިންގަރ ބިސްކޯދު

½ 1 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރ

ހަދާނެ ގޮތް:

1. ކޮފީ ތައްޔާރުކުރުމަށް މެދު މިނެއްގެ ބޯތަށްޓަކަށް 3 މޭޒުމަތީ ސަމުސާ ބޮން އަރޯމާ ކްލެސިކް އިންސްޓަންޓް ކޮފީ އާއި 1 ޖޯޑު ހޫނު ފެން އަޅާފައި އެއްކޮށް ގިރާލާށެވެ. އަދި އެއްފަރާތެއްގައި ބަހައްޓާލާށެވެ.

2. ދެން އެގް ކަސްޓަޑް ތައްޔާރުކުރުމަށް، 3 ބިހުގެ ގޮބޮޅިއާއި ¼ ޖޯޑު ހަކުރު ބިއްލޫރި ބޯތަށްޓަކަށް އަޅާލާށެވެ. ދެން އަތުން ގިރާކަހަލަ ކަރަންޓު މިކްސަރަކުން މަޑު ދުވެލީގައި 20 ސިކުންތު ވަންދެން ނުވަތަ ހަކުރާއި އެއްވެލަންދެން ގިރާލާށެވެ.

3. އެއަށްފަހު، ކުޑަ ތެއްޔަކަށް ½ 1 ޖޯޑު ފެން އަޅާލުމަށްފަހު މަޑު ގިނީގައި 2 މިނެޓު ވަންދެން ނުވަތަ ފެނުން އާވި އަރަންދެން ހޫނުކޮށްލާށެވެ (ފެން ކެއްކުމަށް ބޭނުންކުރާ ތެލި، ބިސް އެއްކޮށްލި ބޯތަށްޓަށް ވުރެން ކުޑަ ވާންޖެހޭނެއެވެ. އޭރުން ތެލީގެ މަތީގައި ރީއްޗަށް އެ ތަށި ބައިންދާލެވޭނެއެވެ). ފެން ހޫނު ވެލުމުން ޑަބަލް ބޮއިލަރ އެއް ހެދުމަށް، ބިސްހުރި ބޯތަށި އޭގެ މަތީގައި ބައިންދާލާށެވެ.

4. ދެން އަތުން ގިރާ ކަރަންޓު މިކްސްރު ބޭނުންކޮށްގެން މަޑު ދުވެލީގައި 4 މިނެޓް ވަންދެން ނުވަތަ ކަސްޓަޑްހެން އޮލަވަންދެން ބިސް ގިރާށެވެ. މިހާރު ބިސް ކަސްޓަޑް ހުންނަން ވާނީ މަޑު ރީނދޫ ކުލައިގައެވެ. އަދި ގާތްގަނޑަކަށް ހުރިހާ ހަކުރެއް ހުންނާނީ ދިޔާވެ، ބިހާއި އެއް ވެފައެވެ.

5. ކަސްޓަޑް ތަށި ޑަބަލް ބޮއިލަރ އިން ނަގާލުމަށްފަހު، އެއަށް 250 ގްރާމް ކްރީމް ޗީޒް އަޅާލާށެވެ. އެއަށްފަހު، އަތުން ގިރާ މިކްސަރުން ކަސްޓަޑްއާއި ކްރީމް ޗީޒް 2 މިންޓު ވަންދެން ނުވަތަ ގުޅަތައް ނުހުންނަ ވަރަށް އެއްކޮށްލާށެވެ. މިހާރު މި ކްރީމް ހުންނާނީ ގާތްގަނޑަކަށް ހުދު ކުލައިގައެވެ. ކްރީމްކޮޅު ވަކިން ބަހައްޓާލާށެވެ.

6. ދެން، އާ ބޯތަށްޓަކަށް، ½ ޖޯޑު ވިޕިންގ ކްރީމް އަޅާލުމަށްފަހު، އަތުން ގިރާ މިކްސަރުން މެދު ދުވެލީގައި 2 ނުވަތަ 4 މިނެޓު ވަންދެން ނުވަތަ “ސޮފްޓް ޕީކްސް” ހެދެންދެން ގިރާށެވެ (ސޮފްޓް ޕީކްސް ހެދުނުކަމަށް ބަލާނީ ގިރާއެތި ކްރީމްގަނޑުގެ ތެރެއިން ނަގާއިރު އޭގައި ކްރީމް ނިކަން ފަސޭހައިން ސޮއްސައިގެން ދާވަރަށް ހަރުވެފައި ހުންނަ ވަރު ވީމައެވެ).

7. އެއަށްފަހު، 1 މޭޒުމަތީ ސަމުސާ ހަކުރު އަޅާލުމަށްފަހު އިތުރު 1 މިނެޓު ވަންދެން ނުވަތަ “ސްޓިފް ޕީކްސް” ހެދެން ދެން ގިރާށެވެ (ސްޓިފް ޕީކްސް ހެދުނު ކަމަށް ބަލާނީ ގިރާއެތި ކްރީމް ގަނޑުގެ ތެރެއިން ނަގާއިރު އޭގައި ކްރީމްގެ ބައްޓަން ހިފެހެއްޓޭ ގޮތަށް ހަރުލާފައި ހުންނާނެ ވަރުވީމައެވެ).

8. ދެން ވިޕް ކްރީމްކޮޅު ކްރީމް ޗީޒްއާއި ކަސްޓަޑް އެއްކުރި ތަށްޓަށް އަޅާލުމަށްފަހު، ސަމުސަލަކުން ދެ ކްރީމް ގާތްގަނޑަކަށް 1 މިނެޓު ވަންދެން މަޑުމަޑުން އެއްވަންދެން އެއްކޮށްލާށެވެ. އެއަށްފަހު، ½ ސައިސަމުސާ ވެނީލާ އެސެންސް އަޅާލުމަށްފަހު އިތުރު 30 ސިކުންތުވަނދެން ސަމުސަލުން އެއްކޮށްލާށެވެ. މިހާރު ޓިރަމިސޫ ކްރީމް މިހުރީ ތައްޔާރު ވެފައެވެ.

9. ދެން ގާތްގަނޑަކަށް 3 މޭޒުމަތީ ސަމުސާ ޓިރަމިސޫ ކްރީމް ފުން ތަބަކަކަށް އަޅާލުމަށްފަހު، ތަބަކުގެ ތިރި އެއްކޮށް ފޮރުވޭހެން ފަތުރާލާށެވެ. އަހަރުމެން ބޭނުންކޮށްލީ 6×6 އިންޗީގެ ހަތަރެސްކަން ބިއްލޫރި ތަބަކެކެވެ.

10. އެއަށްފަހު، ކުރިން ތައްޔާރުކޮށްލި ކޮފީ ބޭނުންކޮށްގެން ފަހަރަކު އެއް ލޭޑީ ފިންގަރ ބިސްކޯދު ފޯކޮށްލާށެވެ. ފޯކުރާއިރު ހަމަ ކޮފީއަށް ފަހަރަކު އެއްފަޅި ލާފައި ވަގުތުން 1 ސިކުންތު ތެރޭގައި ނަގާށެވެ (މިހާރު ކޮފި ހުންނާނީ އެއްކޮށް ހިހޫ ވެފައެވެ). ބިސްކޯދުތައް ފޯކޮށްފައި ތަބަކުގެ ތިރީގައި ރީއްޗަށް އަތުރާށެވެ. ބިސްކޯދުތައް އެއްކޮށް ކޮފީގެ ތެރެއަށް އެއްކޮށް ލައިފިނަމަ އަދި އެއް ސިކުންތަށް ވުރެން ގިނައިރު ފޯކޮށްފި ނަމަ މާބޮޑަށް ފޯވެ ޗަސްވެދާނެއެވެ. މިހެންކަމުން ފޯކުރާއިރު މިކަމަށް ސަމާލުވާށެވެ.

11. ތަބަކުގައި އެއް ފަށަލައިގެ ބިސްކޯދު އަތުރާ ނިމުމުން (އަހަރުމެން ބޭނުންކޮށްލީ 6 ބިސްކޯދު)، އެއަށް ޓިރަމިސޫ ކްރީމްގެ އެއްބައި އަޅާލުމަށްފަހު އެއްވަރަށް ފަތުރާލާށެވެ.

12. ދެން، މިހެން އަދި އެއްފަހަރު ފޯކޮށްފައި ހުރި ބިސްކޯދު ފަށަލައަކާއި ކްރީމް ފަށަލައެއް ހަދާލާށެވެ. އަތުރާ ނިމުމުން މިހާރު ހުންނަން ވާނީ 2 ބިސްކޯދު ފަށަލައާއި 2 ކްރީމް ފަށަލައެވެ.

13. ދެން ކުޑަ ފުރޭންޏެއް ބޭނުންކޮށްގެން ½ 1 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑާ ޓިރަމިސޫގެ މަތީބައި އެއްކޮށް ފޮރުވޭހެން، އޭގެ މައްޗަށް ބުރުވާލާށެވެ.

14. ޓިރަމިސޫ ޓްރޭ ޕްލާސްޓިކް ފުޑް ރެޕް ބޭނުންކޮށްގެން ނުވަތަ މައްޗަކުން ބަންދުކޮށްލުމަށްފަހު، މަދުވެގެން 4 ގަޑި އިރު ވަންދެން ނުވަތަ 12 ގަޑިއިރު ވަންދެން އައިސްއަލަމާރީގައި ފިނިކޮށްލާށެވެ. މިހާރު ޓިރަމިސޫ މިހުރީ ތައްޔާރު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ކޮފީ ބޯ ކުދިން ކޮބާ؟ ދުވާލެއްގެ މައްޗަށް ބުއިން ރަނގަޅީ ކިތައް ކޮފީކަން އިނގޭތަ؟

ރެސިޕީ: ތަންދޫރީ ޗިކަން ޕިއްޒާ

ރެސިޕީ: ޗޮކޮލެޓް މޫސް

ރެސިޕީ: ޗިކަން ޝަވަރުމާ މީރުކުދިންނަށް