ރާއްޖޭގެ ދަނޑުވެރިކަން ކުރިއަރެވުމަށްޓަކައި، ދަނޑުވެރިނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމުގެ އިތުރުން މުހިންމު މައުލޫމާތުތައް ފޯރުކޮށްދިނުމަށްޓަކައި ތައްޔާރު ކުރާ “ދަނޑުވެރިޔާ” އެޕް ރޯދަ މަހުގެ ކުރިން ބޭނުން ކުރެވޭނެ ގޮތް ހެދުމަށް ތައްޔާރުވަމުންދާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ދަނޑުވެރިޔާ އެޕަކީ، 2023 ވަނަ އަހަރު އިފްތިތާޙުކޮށްފައިވާ ވެބް އެޕްލިކޭޝަނެކެވެ. ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ވެބް އެޕްލިކޭޝަނަކަށްވުރެ، މޯބައިލް ފޯނުން ވަގުތުން ވާސިލްވެވޭނެ އެޕެއް ގާއިމުކުރުމަކީ ދަނޑުވެރިންނަށް ފަސޭހަވާނެ ކަމެއް ކަމަށާއި އެހެންކަމުން މޯބައިލް ފޯނު މެދުވެރިކޮށް އެޕްލިކޭޝަން ބޭނުންކުރެވޭ ގޮތް ހަދައިފައިވާ ކަަމަށެވެ.
މި މަސައްކަތްތައް ކުރިއަށް ގެންދަނީ، އިފާޑުގެ އެހީގައި ކުރިއަށްގެންދާ މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމުގެ ދަށުން ކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
އެހެން ކަމުން މި އެޕްލިކޭޝަނުގެ ޒަރީއާއިން ދަނޑުވެރިކަން ކުރާ ރަށްރަށުގައި އިންވެސްޓަރުން ހޯދުމަށާއި ރަށުގެ ދަނޑުވެރިކަން ތަރައްގީ ކުރުމަށް އަމާޒުކޮށްގެން މަޝްރޫއުތައް ހިންގުމަށާއި އަދި ދަނޑުވެރިކަމުގެ ތަފާސް ހިސާބު އެއްކުރުމަށް ފަސޭހަ ވުމާއި އެކު ކަންކަން ތަރުތީބު ވެގެން ދާނެކަމަށެވެ.
ދަނޑުވެރިޔާ މޯބައިލް އެޕްލިކޭޝަންގެ ބީޓާ ވާޝަންގެ ޓެސްޓިން މަރުހަލާ ނިމިފައިވާއިރު، ވަގުތީ މަރުހަލާގައި ދަނޑުވެރިން ފާހަގަ ކޮށްފައިވާ ބަދަލުތަކެއް ގެނައުމުގެ މަސައްކަތްތައް ވެސް މިހާރު ކުރެވެމުންދާ ކަމަށާއި އަދި އެކަންކަން ނިމި ރޯދަމަހުގެ ކުރިން ޕައިލެޓް ސަރަހައްދުތަކުގައި އެޕް ބޭނުން ކުރަން ފެށޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެވޭ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
އެޕްލިކޭޝަން މެދުވެރިކޮށް ލިބެން ހުންނަ ހިދުމަތްތަކުގެ ތެރޭގައި ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ފަންނީ މައުލޫމާތު ފޯރުކޮށްދިނުމާއި ގަސް އިންދާ ހެއްދުމުގައި އެކި މަރުހަލާތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގެ އިރުޝާދު، އެވަގުތެއް ކައިރިވުމުން އޮޓޮމެޓިކުން ފޯރުކޮށް ދިނުމާއި ދަނޑުވެރިކަމުގެ އެކި މައްސަލަތަކުގައި ފަންނީ މަޝްވަރާތައް ކުރުމަށާއި، ހައްލުތައް ހޯދުމަށް ކޮމިއުނިޓީ ފޯރަމަކާއި ދަނޑުވެރިކަމުގެ އުފެއްދުންތައް ވިއްކުމަށް، ދަނޑުވެރިންނާއި ގަންނަ ފަރާތްތައް ގުޅުވާލަދިނުމަށް މާކެޓު ޕްލެޓު ފޯމަކާއި ބާޒާރުގައި ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ އަގުތަކަށް އަންނަ ބަދަލުތައް ހިއްސާކުރެވޭނެ ގޮތް ހިމެނޭކަމަށެވެ.
މި އެޕްލިކޭޝަނުގައި ހުންނަ ފަންނީ މައުލޫމާތުތައް ހުރިހާ ފަރާތްތަކަށް ވެސް ފެންނަން ހުންނާނެ ކަމަށާ އަދި އެޕްލިކޭޝަންގެ ފޯރަމާއި، ދަނޑުވެރި ބާޒާރުގެ ހިދުމަތް ލިބޭނީ އީފާސް މެދުވެރިކޮށް ލޮގްއިން ވެގެން ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު