ސަރުކާރުން ހިންގަން ރާވާފައިވާ މަޝްރޫއުތަކަށް ބައެއް ލޯކަލް ކައުންސިލްތަކުން ހުރަސްއަޅާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމުން، އެކަން އިދިކޮޅު އެމްޑީޕީން މިއަދު ކުށްވެރިކޮށްފިއެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގެ ތަރައްގީއަށް ސަރުކާރުން ހިންގުމަށް ކަނޑައަޅާ މަޝްރޫއުތައް ހުއްޓިފައިވާނީ ކައުންސިލްތަކުން ބިން ދޫނުކުރާތީ ކަމަށް ޕީއެންސީގެ އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދާދި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބުރަ ނުވެ، ކައުންސިލް އިންތިހާބާ ދިމާކޮށް ރައްޔިތުންނަށް އޮޅުވާލައިގެން އިންތިހާބު ކާމިޔާބުކުރުމުގެ މަކަރުވެރި ރޭވުމުގައި ކަމަށެވެ.
އެމްޑީޕީން ބުނެފައި ވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަކީ 2010 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ސަރުކާރުން އޭރުގެ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ފާސްކުރި ވަރަށް މުހިއްމު ގާނޫނެއް ކަމަށެވެ. ދެހާސް އަށް ވަނަ އަހަރު ފާސްކުރި ގާނޫނުއަސާސީގެ ސިފައެއް ކަމުގައި ކަނޑައަޅާ ވަކި ބާބެއް ލާމަރުކަޒީ ނިޒާމަށް ހާއްސަ ކުރެވިފައިވުމަކީ ވެރިކަން ހިންގުމުގައި މި އަސާސްގެ މުހިއްމުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.
އެމްޑީޕީން ބުނި ގޮތުގައި ލާމަރުކަޒީ ނިޒާމު ފުރިހަމަ ކުރުމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މުހިއްމު ގިނަ އިސްލާހުތަކެއް ހުށަހެޅިއެވެ. އެމްޑީޕީގެ ފުރިހަމަ މެޖޯރިޓީ އޮތް އެ މަޖިލިހުން ފާސްކުރި ގިނަ އިސްލާހުތަކުގެ ސަބަބުން ކައުންސިލްތަކުގެ މާލީ ފުދުންތެރިކަން އިތުރުވެގެން ދިޔަ ކަމަށް އެމްޑީޕީން ބުންޏެވެ.
“ސަރުކާރަށް ބަރޯސާނުވެ ކައުންސިލްތަކުގެ އަމިއްލަ އާމްދަނީން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މިދިޔަ ދެ އަހަރު ވަނީ ހިންގައިފައެވެ. މިދިޔަ ދެ އަހަރު ސަރުކާރުން ރަށްފުށު ތަރައްގީއަށް އެދެވޭ ބަދަލެއް ގެނެވިފައިނުވަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި ހުސް ވައުދުތައްވެ، އެ ވައުދުތައް އަލުން އާކުރުން މަތީ ދެމި ތިބީތީއެވެ. އެކަމުގެ ޒިންމާ ކައުންސިލްތަކުން ނަގަންޖެހޭ ކަމަށް ސަރުކާރުން ރައްޔިތުންނަށް ވިސްނައިދިނުމަށް މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،” އެމްޑީޕީގެ ބަޔާނުގައިވެއެވެ.
ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ކުރުން ލާޒިމުކުރާ އެންމެ މުހިއްމު ކަމަކީ ރައްޔިތުންނާ މާޝްވަރާކޮށް، ފަސް އަހަރު ދުވަހަށް އެކުލަވާލާ ތަރައްގީގެ ޕްލޭން ތަންފީޒުކޮށް، ހިންގުން ކަމަށްވާއިރު މި ޕްލޭންތައް ކައުންސިލްތަކުން އެކުލަވާލައި ތަންފީޒުކުރަމުން ދަނިކޮށް ލާމަރުކަޒީ ގާނޫނަށް ބަދަލުގެނެސް ތަރައްގީގެ ޕްލޭން ތަންފީޒުކުރުން އެއް އަހަރު ދުވަހަށް މެދު ކަނޑާލާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.
މި ހާލަތުގައި ކައުންސިލްތައް ބޭއްވުމަށްފަހު ކައުންސިލްތަކުން އެކުލަވާލާ ފާސްކޮށްފައިވާ ތަރައްގީގެ ޕްލޭނަށް ބެލުމެއް ނެތި ސަރުކާރުގެ ރޭވުމެއް، އަމާޒެއް ނެތް ސިޔާސަތުގެ ތެރެއިން ރަށްރަށުގައި އެކި މަޝްރޫއުތައް ހިންގުމުގެ ނަމުގައި އެތައް މަޝްރޫއުތަކެއްގެ ބިންގާ ދާދިމިދާކަށް ދުވަހު ވަނީ އަޅާފައެވެ. އެ މަޝްރޫއުތައް ހުއްޓިފައި ވަނީ ކައުންސިލްތަކުން ބިންތައް ނުދީގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އާއްމުކޮށް އިއުލާނުކުރުމަކީ ކައުންސިލްތަކުގެ އަގު ވައްޓާލުމަށް ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
“އަދި އެބަސްފުޅު އެގޮތަށް ވިދާޅުވުމުގެ ބޭނުމަކީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ގާނޫނާ ގާވާއިދުތައް އެކަހެރިކޮށް އަދި ރައްޔިތުންނާ މަޝްވަރާކުރުމެއް ނެތި ހަމައެކަނި ރައީސް އޮފީހުން އަންގާ އެންގުންތައް ތަންފީޒުކުރުމަށް އޮންނަ ތަނެއްގެ ގޮތުގައި ކައުންސިލްތައް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އިސްވެހުރެ ރާވާ ރޭވުމެއް ދަށުން ހިނގާ ކަމެއް ކަމަށް މި ޕާޓީއިން ގަބޫލުކުރަން،” އެމްޑީޕީ އިން ވިދާޅުވިއެވެ
ކައުންސިލްތަކަކީ ވަކި ގާނޫނީ ޝަހުސެއްކަމާއި އަމިއްލައަށް ކަންކަން ރާވާ ހިންގޭނެ ގޮތް ގާނޫނުން ކައުންސިލްތަކަށް ވަނީ ފަހި ކޮށްދީފައެވެ. ގާނޫނުގެ ފުރިހަމަ ބޭނުން ކައުންސިލްތަކުން ހިފާ ރައްޔިތުން ބޭނުންވާ ލާމަރުކަޒީ ތަރައްގީ ގެނައުމަށް ސަރުކާރުން ހުރަސް ނޭޅުމަށާއި، އަދި ރައްޔިތުން އިތުބާރާއި ތާއީދު ލިބިފައިވާ ލާމަރުކަޒީ ނިޒާމަށް ރައްޔިތުންގެ މަޝްވަރާއެއް ނެތި އެއްވެސް ބަދަލެއް ނުގެނައުމަށް އެ ޕާޓީން ވަނީ ގޮވާލާފައެެވެ.


ކިޔުންތެރިންގެ ހިޔާލު