Advertisement

2027 ނިމޭ އިރު ރިޒާވް 904 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވް 904 މިލިއަން ޑޮލަރަށް އުފުލޭނެ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އަންދާޒާކޮށްފިއެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ހިނގާ އަހަރު ނިމޭއިރު ރިޒާވް ހުންނާނެ ކަމަށް ބެލެވެނީ 849 މިލިއަން ޑޮލަރުގައެވެ. މިއީ 2024 ވަނަ އަހަރު ނިމުނުއިރު ރިޒާވްގައި ހުރި 674 މިލިއަން ޑޮލަރާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. ރިޒާވްގެ ހާލަތު މިދިޔަ އަހަރު ރަނގަޅުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ބޭންކްތަކަށް މާރުކުރި ޑޮލަރުގެ މިންވަރު އިތުރުވުމާއި، ބޭރު ފައިސާގެ ގާނޫނަށް ގެނައި ބަދަލުތަކާއެކު މީރާއަށް ލިބުނު އާމްދަނީ އިތުރުވުން ހިމެނެއެވެ. މީގެ އިތުރުން ކަރެންސީ ސްވޮޕް ފެސިލިޓީގެ ސަބަބުން ވެސް ރިޒާވަށް ހެޔޮ ބަދަލުތަކެއް އައިސްފައިވެއެވެ.

Advertisement

އިގްތިސާދީ ކުރިއެރުމަށް ބަލާއިރު، އަންނަ އަހަރުގެ އޭޕްރީލް މަހު ދައްކަންޖެހޭ ސުކޫކް ރީފައިނޭންސް ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާއެކު، ކުރު މުއްދަތަކަށް ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ މިންވަރު އިތުރުވެގެންދާނެ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

ނަމަވެސް، ރާއްޖޭގެ އިގްތިސާދު ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތުމުގެ ސަބަބުން ބޭރުގެ ބައެއް ނިންމުންތަކުގެ އަސަރު ރާއްޖެއަށް ކުރުމުގެ ފުރުސަތު އޮތް ކަމުގެ އިންޒާރު މަރުކަޒީ ބޭންކުން ވަނީ ދީފައެވެ. ވަކިން ހާއްސަކޮށް އެމެރިކާގެ ވިޔަފާރި ސިޔާސަތުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންވެސްޓްމެންޓްތަކަށް އަސަރުކޮށްފާނެ ކަމަށާއި، ދައުލަތުގެ ފިސްކަލް ހާލަތު އެދެވޭ ގޮތެއްގައި ރަނގަޅު ނުވެއްޖެނަމަ މާލީ އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އެމްއެމްއޭ އިން ފާހަގަކުރެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ވަނީ 5.4 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. މި ކުރިއެރުން ލިބުނީ ފަތުރުވެރިކަމުގެ އިތުރުން ދަތުރުފަތުރާއި މުއާސަލާތީ ހިދުމަތްތައް ފުޅާވުމުގެ ސަބަބުންނެވެ. އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރެވެނީ 4.8 އިންސައްތައާއި 5.3 އިންސައްތައާ ދެމެދުގެ މިންވަރަކަށެވެ.

ސަރުކާރުން މި އަހަރަށް ފާސްކުރި 64 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަލާއިރު، އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ޖުމުލަ 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރެއެވެ. ބަޖެޓުގެ ޖުމުލަ ހަރަދަކީ 49.9 ބިލިއަން ރުފިޔާއަށްވާއިރު، އޭގެ ތެރެއިން 39.9 ބިލިއަން ރުފިޔާ ހިމަނާފައިވަނީ ހިންގުމުގެ ހަރަދަށެވެ. މިއީ ޖުމުލަ ބަޖެޓުގެ 62 އިންސައްތައެވެ.

ރާއްޖޭގެ ރިޒާވް ހަރުދަނާކޮށް އިތުރު ކުރުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މީގެ ތެރޭގައި ބޭރުފައިސާގެ އައު ގާނޫނުގެ ދަށުން ބޭންކުތަކަށް ލިބޭ ޑޮލަރުގެ 60 އިންސައްތަ ރިޒާވް ވަރުގަދަ ކުރުމަށް އެމްއެމްއޭއިން ބޭނުންކުރުމާއި، ފަތުރުވެރިކަމުން ލިބޭ ބޭރުފައިސާގެ އާމްދަނީ އިތުރުވުން ހިމެނެއެވެ. މީގެ އިތުރުން ސާކް ފްރޭމްވޯކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑިއާއާ އެކު ސޮއިކޮށްފައިވާ 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕަކީ ވެސް ރިޒާވަށް ހެޔޮ ބަދަލެއް އައި ސަބަބެއް ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް