ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ދޫކުރާ ފުލެޓުތައް ކުއްޔަށް ދޫކުރުން ގާނޫނު އިސްލާހުކޮށްގެން ނޫނީ ނުހުއްޓުވޭނެ ކަމަށާއި، އެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް، ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މުއްޠަލިބު ވިދާޅުވީ، ހައުސިން ސްކީމްތަކުގެ ދަށުން ސަރުކާރުން ދޫކުރާ ފުލެޓުތައް ކުއްޔަށް ދޫކުރުން ސީދާ މަނާނޫން ނަމަވެސް ގާނޫނާ ޚިލާފު ކަންކަން ނުކުރެވޭނެ ކަމަށް އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
“އޭގެ ތެރޭގައި އެބަހުރި ސީދާ ކަނޑައެޅިގެން ކުއްޔަށްދިނުން، މިހާރު ޚާއްސަކޮށް ހިޔާ ފުލެޓުގައި، އެގްރީމަންޓުގައި، ސީދާ ކަނޑައެޅިގެން ކުއްޔަށް ދިނުން މަނާކޮށްފައި ލިޔެފައެއް ނެތް، އޭގަ އޮންނަނީ ގާނޫނާ ޚިލާފު ކަމެއް ނުކުރެވޭނެޔޭ،” އޭނާ ވިދާޅުވިއެވެ.

މުއްޠަލިބު ވިދާޅުވީ، ހައުސިން ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ފާސްވުމަށްފަހު، ފުލެޓުތައް ކުއްޔަށްދިނުން މަނާވާނެ ކަމަށާއި، އޭރުން ގާނޫނާ ޚިލާފު އެއް ކަމެއްވެސް ނުކުރެވޭނެ ކަމަށެވެ.
ފުލެޓުތައް ކުއްޔަށް ދޭ މައްސަލައާ ގުޅުވައި، މުއްޠަލިބު ވަނީ، ރެސްޓޯރަންޓުތައް ފަދަ ތަންތަނުން ބިދޭސީން ދިރިއުޅޭނެ ކުއާޓަރުތައް ފުލެޓުތަކުގައި ހަދާފައިވާ ކަން ފާހަގަކުރައްވައިފައެވެ. އެ ތަންތަން ފާހަގަކޮށް ސަރުކާރުން އެ ތަންތަން ހުސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި ނަމަވެސް، ފުލެޓުތަކުގެ އެއްބަސްވުންތައް މިހާރު ހުރިގޮތުން އެދެވޭ ފިޔަވަޅެއް އަޅަން ދަތިކަން މުއްޠަލިބު ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ގާނޫނު އިސްލާހުކޮށް އެފަދަ ކަންކަން ހުއްޓުވުން ކަމަށެވެ.
މީގެ ކުރިން ހިޔާ ފުލެޓުތައް ވެސް ވަރަށް ބޮޑެތި އަގުގައި ކުއްޔަށް ދޭ މައްސަލަ އޮތީ ބޮޑުވެފައެވެ. އޭގެ ފަހުން، މިދިޔަ އެމްޑީޕީ ސަރުކާރުގައި ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފުލެޓު ލިބޭ މީހުންގެ ތެރެއިން ގިނަ ބަޔަކަށް ފްލެޓުތައް ހަވާލުކޮށް ނުނިމި އުޅެނިކޮށް އެ ތަންތަން ބޮޑު އަގުގައި ކުއްޔަން ދޭން ބަޔަކު އިޝްތިހާރު ޖެހި މައްސަލައަށް ވެސް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވިއެވެ.
އެފްޑީސީން 10،500 ރުފިޔާއަށް ކުއްޔަށް ދޭ ތިން ކޮޓަރީގެ އެޕާޓްމަންޓެއް، އޭރު 25،000 ރުފިޔާއަށް ކުއްޔަށް ދޫކުރާ ކަމަށް ބުނެ އިޝްތިހާރެއް ޖަހާފައިވެއެވެ.
އަސާސީ ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށް ހިންގާ މިފަދަ މަޝްރޫއުތަކުން، ފްލެޓް ހޯދަން މަސައްކަތްކުރާއިރު، އެންމެ ހައްގު މީހުންނަށް ނުލިބިދާނެ ކަމަށް އެތައް ކަންބޮޑުވުމަކާއި ޝަކުވާއެއް ގިނަ ބަޔަކު ކުރެއެވެ. ނަމަވެސް ފްލެޓް ހޯދުމަށްފަހު އެ ފްލެޓްތައް ބޮޑު އަގުގައި ކުއްޔަށް ދިނުމަކީ މާލޭ ސަރަހައްދުގައި ވަރަށް އާންމުވެފައި އޮތް މައްސަލައެކެެވެ.


ކިޔުންތެރިންގެ ހިޔާލު