ރައީސް މުހައްމަދު މުއިއްޒުގެ ދެ ކަނބަލުން ނުރަސްމީ ދަތުރެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ އެމަނިކުފާނާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިއަދު ކަމަށެވެ. ދަތުރުގެ މުއްދަތެއް އަދި އިތުރު އެއްވެސް ތަފުސީލެއް އެ އޮފީހުން ނުދެ އެވެ.
ބެލެވޭ ގޮތުގައި މުއިއްޒުގެ ދެ ކަނބަލުން ފުރާވަޑައިގެންނެވީ މީގެ މިއަދު 1:00 ހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރި ސިންގަޕޫރު އެއާލައިންސްގެ ފުލައިޓުންނެވެ.
މިއީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ސިންގަޕޫރަށް ކުރައްވާ ހަ ވަނަ ދަތުރެވެ. އެއީ ނުރަސްމީ ފަސް ދަތުރާއި ރަސްމީ އެއް ދަތުރެވެ. މީގެ ތެރެއިން ފަސް ދަތުރެއްގައި އަނބިކަނބަލުން ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގަންނަވަނީ ބޭސްފަރުވާ ހޯއްދަވަން ކަމަށް މީގެ ކުރިން ސޯޝަލް މީޑިއާގައި އަޑުފެތުރިފައިވެ އެވެ. ރައީސުންގެ ސިއްހީ ހާލަތު ބައެއް އެހެން ގައުމުތަކުގައި އާންމުކުރި ނަމަވެސް ރާއްޖޭގައި އެކަން ކުރަމުން ނުދާތީ މިއީ ހަގީގަތެއް ކަމެއް ޔަގީން ކުރެވިފައެއް ނުވެ އެވެ.


ކިޔުންތެރިންގެ ހިޔާލު