އަންނަ މަހުން ފެށިގެން, ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދުތައް ރަޖިސްޓްރީ ކުރާއިރު، މާލޭ ސިޓީ ކައުންސިލާއި ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން ދޭ ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭ ގޮތަށް ބަދަލު ގެންނާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދުގެ ރަޖިސްޓްރޭޝަން މަރުހަލާގައި ބޭނުންވާ ގަރާޖު ހުއްދަ ނެގުމުގައި ގިނަ ބަޔަކަށް ދަތިތައް ކުރިމަތިވާ ކަމަށެވެ. އެ މައްސަލައަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން، އަންނަ ޖަނަވަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ދެ ބަދަލެއް ގެންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެއް ބަދަލަކީ، އެ އުޅަނދުތައް ރަޖިސްޓްރީކުރާއިރު، މާލެ ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ދޫކުރާ އުޅަނދު ގަރާޖު ކުރުމުގެ ހުއްދަ ހުށަހަޅަން ނުޖެހުމެވެ.
އެ އުޅަނދުތައް ރަޖިސްޓްރީ ކުރަން ހަމައެކަނި ހުށަހަޅަން ޖެހޭނީ، އުޅަނދު ބާއްވާ ތަނަކީ ގަރާޖެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ތަނެއްކަން އަންގައިދޭ ލިޔުމާއި އެ ތަނުގައި އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެއެވެ.
އޭގެއިތުރުން، 2009ގެ ކުރިން ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކާއި ގަރާޖު ލާޒިމު ކުރި ފަހުން، ސައްހަ ގަރާޖަކާ ނުލައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ ވެރިފަރާތް ބަދަލުކުރާއިރު، އިތުރު ގަރާޖު ލިޔުމަކާ ނުލައި، މިހާރު އެ އުޅަނދެއް ރަޖިސްޓްރީކޮށްފައިވާ ޒޯނުގެ ތެރެއިން ވެރިފަރާތް ބަދަލު ކުރެވޭ ގޮތް ހަދަން އެ މިނިސްޓްރީން ވަނީ ނިންމާފައެވެ.
ސައްހަ ގަރާޖަކާ އެއްކޮށް، ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ނަމަ، ގަރާޖުގައި އުޅަނދު ބޭއްވުމަށް ވެރިފަރާތުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމާއެއްކޮށް އެ އުޅަނދުގެ ވެރިފަރާތް އަންނަ މަހުން ފެށިގެން ބަދަލު ކުރަން ފަށާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
ފާހަގަކުރެވޭ ގޮތުގައި، މާލެ ސަރަހައްދަށް އެތެރެކުރާ އުޅަނދުތައް ރަޖިސްޓްރީ ނުކުރެވި ދިގުލައިގެންދާ ކަމުގެ ޝަކުވާތައް ދޭތެރެއަކުން ފެންމަތިވެއެވެ. މި ސަރަހައްދު “ތޮއްޖެހިފައި” އޮންނަނީ އެކި މީހުންގެ އުޅަނދުތަކުން ކަމަށްވާއިރު، ޕާކު ކުރާނެ ޖާގައެއް ވެސް ނޯވެއެވެ.


ކިޔުންތެރިންގެ ހިޔާލު