Advertisement
މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓު ގުނުމަށް އީސީގެ އޮފިޝަލުން މަސައްކަތް ކުރަނީ

ގާނޫނަށް ގެނައި އިސްލާހާއެކު ކައުންސިލަރުންގެ އަދަދު ވަރަށް ބޮޑަށް މަދުވެއްޖެ

އަންނަ އޭޕްރީލް 4، ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ރަށްރަށުގެ ކައުންސިލްތަކަށް މެންބަރުން ހޮވާ އަދަދާއި ސިޓީ ކައުންސިލްތަކުގެ މެންބަރުން ހޮވާ ދާއިރާތައް އިއުލާނުކޮށް، އެ ތަފުސީލުތަކާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ހުޅުވާލައިފި އެވެ.

އަންނަ އަހަރު ބާއްވާ އިންތިހާބުގައި މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުން ހިމެނޭހެން ޖުމްލަ 646 ކައުންސިލަރުން ހޮވާނެ އެވެ. އެއީ 2021 ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށްވުރެ 336 ކައުންސިލަރުން މަދު އަދަދެކެވެ.

Advertisement

ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން މަޖިލީހަށް ހުށަހަޅައި ގެނައި އިސްލާހާއެކު ކައުންސިލްތަކުގައި ހިމެނޭ މެންބަރުންގެ އަދަދަށް ބަދަލުތަކެއް ވަނީ އައިސްފަ އެވެ. އެ އިސްލާހާއެކު، ކުރިއަށް އޮތް އިންތިހާބުގައި އާބާދީގައި 2000 މީހުން ހަމަނުވާ ރަށްރަށުގެ ކައުންސިލަރުންގެ އަދަދު ފަހަކުން ތިނަކަށް ބަދަލުވާނެ އެވެ.

އީސީ އިން އިއްޔެ އާންމުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓުގައިވާ ގޮތުން 133 ރަށެއްގެ ކައުންސިލުގައި ދެން ތިބޭނީ ތިން މެންބަރުންނެވެ. އެއީ ކައުންސިލްގެ ރައީސް އާއި އަންހެން މެންބަރެއްގެ އިތުރުން، އިތުރު އެއް މެންބަރެވެ.

ކުރިއަށް އޮތް އިންތިހާބުގައި މިހާރު ވެސް އޮތް ގޮތަށް ފަސް ކައުންސިލަރުން ހޮވާނީ 46 ރަށެއްގަ އެވެ. އެއީ ކައުންސިލްގެ ރައީސް އާއި ދެ އަންހެން ކައުންސިލަރުން އަދި އިތުރު ދެ ކައުންސިލަރުންނެވެ.

މޭޔަރުންނާއެކު ރާއްޖޭގައި މިހާރު އޮތް ފަސް ސިޓީގެ ސިޓީ ކައުންސިލަރުންގެ އަދަދާއި ކައުންސިލަރުން ހޮވާނެ ދާއިރާތައް ވެސް އީސީގެ ރިޕޯޓުގައި ހިމަނާފައިވެ އެވެ. ސިޓީތަކުގެ ކައުންސިލަރުންގެ އަދަދަކީ؛

  • ކުޅުދުއްފުށި ސިޓީ ކައުންސިލް: މޭޔަރާއެކު ހަތް މެންބަރުން (ދެ އަންހެން މެންބަރުން)
  • ތިނަދޫ ސިޓީ ކައުންސިލް: މޭޔަރާއެކު ހަތް މެންބަރުން (ދެ އަންހެން މެންބަރުން)
  • ފުވައްމުލަކު ސިޓީ ކައުންސިލް: މޭޔަރާއެކު ނުވަ މެންބަރުން (ތިން އަންހެން މެންބަރުން)
  • އައްޑޫ ސިޓީ ކައުންސިލް: މޭޔަރާއެކު 11 މެންބަރުން (ހަތަރު އަންހެން މެންބަރުން)
  • މާލެ ސިޓީ ކައުންސިލް: މޭޔަރާއެކު 18 މެންބަރުން (ހަ އަންހެން މެންބަރުން)

އީސީ އިން އާންމުކޮށްފައިވާ ރިޕޯޓުގައިވާ ދާއިރާތަކާއި ކައުންސިލަރުންގެ އަދަދު އަދި އެހެނިހެން ތަފުސީލުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޑިސެމްބަރު 15، ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

ކައުންސިލް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ ޕްލޭންކުރީ އަންނަ އަހަރުގެ މާޗު 28، ގަ އެވެ. އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލަން ނިންމީ ޖެނުއަރީ 17، ގަ އެވެ. ނަމަވެސް އެ ތާރީހުތައް ފަސްކުރި ސަބަބެއް އިލެކްޝަނުން ނުބުނެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ކުރިން ވިދާޅުވީ ކައުންސިލް އިންތިހާބަށް އެންމެ މަދުވެގެން 70 އާއި 80 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ހަރަދުވާނެ ކަމަށެވެ.

ހަރަދު ކުޑަކުރަން މިފަހަރު ކެންޑިޑޭޓުން ކެންޑިޑެންސީ ކަރުދާހުން ހުށަހެޅުމުގެ ބަދަލުގައި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް އެކަން ފުރިހަމަކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ކުރިން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް