ހެނދުނު އެންމެ ފުރަތަމަ ވެސް ފީޑަށް އަައީ ރާއްޖޭގެ އެންމެ މަޝްހޫރު ޓިކްޓޮކް ތަރިންގެ ތެރޭގައި ހިމެނޭ ޓިކްޓޮކް ތަރި މަރިޔަމް ސަަމާގެ ވީޑިއޯއެކެވެ. އެ ވީޑިއޯ ފަށަމުން ސަމާ ބުނަނީ މިހެންނެވެ. “އެހީތެރިކަން ބޭނުންވެފައި ތިބި މީހުންނަށް އެހީވުމަށް އަހަރެންނާއެކު ހިނގާ”، މިހެންނެވެ.
މިއީ ސްރީލަންކާއަށް އެރި ތޫފާން ޑިޓާވާއާ ގުޅިގެން ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް ލިބުނު މީހުންނަށް ތައްޔާރުކޮށްފައި ހުރި އެހީގެ ތަކެއްޗެވެ.
ދެން އޭނާ ދައްކަނީ ގިވްއަވޭ ކުރަން ރެޑީކޮށްފައި ހުރި އަންނައުނު ކޮޅެކެވެ. އެއީ ސަމާގެ ހެދުން ކޮޅަކާއި، އޭނާގެ ދެ ދަރިންގެ ބައެއް އަންނައުނު ކަމަށް ސަމާ ބުނެފައި ވެއެވެ.
“އެއީ އެކޮޅުން ކުޑަކުދިންގެ އެއްޗެހި ފުދޭވަރަަކަށް ބޭނުންވާތީވެ،” ސަމާ ބުނެފައި ވެއެވެ.
ސަމާ އެ ވީޑިއޯގެ ކެޕްޝަންގައި ބުނެފައި ވަނީ “ކޮންމެ ކުޑަ ހެޔޮކަމެއް ވެސް މުހިންމުކަމަށް އަހަރެމެން ގަބޫލުކުރާ،” ކަމަށެވެ. އެ ރޫހުގައި، ލަންކާގައި ފަހުން ފެންބޮޑުވުމުގެ ސަބަބުން އަސަރުކުރި ބައެއް ސަރަހައްދުތަކަށް ކެއުމުގެ ޕެކްތައް ބެހުމުގެ މަސައްކަތް ފެށި ކަމަށް ވެސް ބުންޏެވެ.
“ތި އެންމެންގެ އެހީތެރިކަމުގެ ސަބަބުން، ފެންބޮޑުވުމުގެ އަސަރުކުރި އާއިލާތަކަށް 100 މީލް ޕެކް ހަދިޔާ ކުރެވުނު. ހަމައެކަނި އިއްޔެ/ ރޭ ފަސް މިނެޓުގެ ތެރޭގައި، އަހަރެމެންނަށް 72,000 ރުޕީސް (4,768 ދިވެހި ރުފިޔާ) އެއްކުރެވުނު. މި ފައިސާއިން މެންދުރުގެ ކެއުންތަކަށް ހާއްސަ 100 މީލް ޕެކް ތައްޔާރުކުރުމަށް 39,200 ރުޕީސް ބޭނުން ކުރެވުނު، ބާކީ 32,800 ރުޕީސް އެބަ އިން. މި ބާކީ ފައިސާ ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ކެއުމުގެ ޕެކް ދިނުމަށް ބޭނުންކުރެވޭނެ،”. ލަންކާގައި ދިރިއުޅެމުންދާ ސަމާ ބުނެފައި ވެއެވެ.
އޭނާ ބުނީ ކޮންމެ އެހީއެއް ވެސް ރަނގަޅަށް ބޭނުންކުރެވޭކަން ކަށަވަރުކުރުމަށް ޓަކައި އަދާހަމަތަކާއި ރަސީދުތައް ހިއްސާ ކުރާނެ ކަަމަށެވެ.
ހިތުން ހިތައް ފައުންޑޭޝަންގެ ނަމުގައި އަމިއްލަ ޖަމްއިއްޔާއެއް ވެސް ހިންގަމުން އަންނަ ސަމާ ބުނީ އެ ޖަމިއްޔަގެ ބިންގަލަކީ އިތުބާރު ކަމަށެވެ. އަދި “އަހަރެމެން އެކަން އަބަދުވެސް ދަމަހައްޓާނަން،”. ސަމާ ބުނެފައި ވެއެވެ.
ސަމާ މިފަދަ ހަރަކާތްތަކަށް ފަންޑް ރައިޒް ކުރަނީ ޓިކްޓޮކް ލައިވް މެދުވެރިކޮށެވެ. އަދި ފައިސާ ބޭނުން ކުރާ ގޮތް އަބަދުވެސް ތަފްސީލުކޮށް އާއްމު ކުރެއެވެ. މީގެ ކުރިން އެހީތެރިކަމަށް ބޭނުންވެފައި ތިބި އެތައް ބަޔަކަށް ސަމާގެ ޓިކްޓޮކް ލައިވް މެދުވެރިކޮށް ފައިސާ ހޯދައި، ދިވެހީންގެ ލޯތްބާއި ތައުރީފް އޭނާއަށް ލިބިގެން ގޮސްފައި ވެއެވެ.
ސަމާ ރޭ އާންމު ކުރި އެ ވީޑިއޯގައި ދެން ފެންނަނީ އޮޓޯއެއްގައި ތަންތަނަށް ދަތުރުކޮށް ކާތަކެތި ލިބޭނެ ގޮތް ހޯދާ މަންޒަރެވެ. މިގޮތުން ނިއު ސްޓާ ހޮޓެލް އިން އޭނާ 10،200 ރުޕީސް ހަރަދުކޮށްގެން 25 މީލް ޕެކްއަށް އޯޑަރު ކުރި ކަމަށް ސަމާ ބުންޏެވެ. އޭގެ އިތުރުން ހޮޓެލް ޑި އިމްޕާލާއަށް ގޮސް އޭނާ ވަނީ 50 މީލް ޕެކް ތައްޔާރު ކުރުމަށް އޯޑަރު ދީފައެވެ. އެތަނުން އޯޑަރު ކުރި ކާތަކެއްޗަށް 19،000 ރުޕީސް ހަރަދު ކުރިއެވެ. ތިން ވަނަ ހޮޓަލަކަށް އޭނާ ދިޔައީ ހޮޓެލް ގްރީން ޗިލީއަށެވެ. އެތަނުން ވެސް އޭނާ 25 ޕެކް މީލް ތައްޔާރު ކުރިއެވެ. އެ ކާތަކެއްޗަށް 10،000 ރުޕީސް ދިޔައެވެ.
ސަމާ އޭނާގެ އެ ދަތުރު ޓިކްޓޮކް ވީޑިއޯއެއް މެދުވެރިކޮށް ހިއްސާ ކުރަމުން ގޮސްފައިވާއިރު، އޭނާ އިން އޮޓޯއަށް ކާތަކެތި އަރުވާ މަންޒަރު ވެސް ފެނިގެން ދެއެެވެ. އަދި އެ ކާތަކެއްޗާއެކު އޭނާ ފެންބޮޑުވެ ހާލުގައި ޖެހިފައިވާ މީހުން ކައިރިއަށް ދަތުރު ފެށިއެވެ.

އެގޮތުން ސަމާ ހިއްސާ ކުރި އެ ވީޑިއޯގައި ފެންބޮޑުވެފައިވާ ބައެއް ސަރަހައްދުތައް ވެސް ދައްކާލާފައި ވެއެވެ. އަދި އިތުރު މީހަކާއެކު އޭނާ ކާނާ ޕެކް ބެހުމާއި، އޭނާ ގެންދިޔަ ހެދުންތައް ހެޔޮވަރު ކުރުމުގައި އުޅޭ މަންޒަރު ފެނިގެން ދެއެވެ. އެ ވީޑިއޯގައި ސަމާ އަމިއްލައަށް އަންހެން ކުއްޖަކަށް ހެދުންތަކެއް ހެޔޮ ވަރުތޯ ބަލާ މަންޒަރު ފެނިގެން ދެއެވެ.
“މިހާރު ސަމާ މެން މިތިބީ އެ އޭރިއާގައި،”. ފެންބޮޑުވެ ގެއްލުން ލިބިފައިވާ ސަރަހަައްދެެއް ދައްކަމުން ސަމާ ބުންޏެވެ. ސަމާގެ އެ ވީޑިއޯގައި ފެންބޮޑުވެ، ގެތައް ހުރި ހާލަތު ދައްކައެވެ. އެ ސަރަހައްދު އެއްކޮށް ބަންދުކޮށްފައިވާ ކަމަށް ވެސް ސަމާ ބުނެފައި ވެއެވެ.
“އެކަމަކު މީހުން އެބަ އުޅޭ ގޭގައި، މަތީ ބައިތަކުގެ އެބަ އުޅޭ،”.
ދެން ފެންނަނީ ސަމާ އާއި އެކުގައި އުޅުނު މީހުން އަމިއްލައަށް މީހުންނަށް ކާތަކެތި ބެހުުމުގައި އުޅޭ ތަނެވެ.
މިއީ ސަމާގެ މި މަސައްކަތުގެ ފުރަތަމަ ދުވަހެވެ. ސަމާ އެ މަސައްކަތް ނިންމުމަށް ފަހު އައިސް އިތުރު ކަންކަން ހިއްސާ ކުރިއެވެ.
“ޕްރި އޯޑަރު ނުކޮށް ހުރީމަ ތިން ތަނަކުން ގަންނަން މި ލިބުނީ، ދެން ރޭގައި ކުއްލި ގޮތަކަށް ސަމާ ފަންޑްސް ކޮޅެއް މި ހޯދީ ފަސް މިނެޓް ތެރޭގައި، ގާތްގަނޑަކަށް 5،000ރ. ރެއިޒް ކުރެވެނީ، ރޭގައި ސަމާމެން ހެދީ 550 ރޭޓުން ޕެކެއް، އެކަމަކު މިއަދު މި ލިބުނީ 380 ރޭޓަކުން 75 ޕެކް، ދެން 25 ޕެކް މި ލިބުނީ 400 ރޭޓަކުން. ޕްރި އޮޑަރު ނުކޮށް ހުރީމަ އެއް ތަނަކުން 100 އެއް ނުލިބުނު، އެހެންވެ ތިން ތަނަކުން ސަމާ ގަނެފައި ވަނީ،”.
އޭނާ ވަނީ ފައިސާ ހަރަދުވި ގޮތުގެ ސްލިޕްތައް ވެސް އާއްމުކޮށްފައެވެ.
ސަމާ އެ ވީޑިއޯގައި ބުނީ އޭނާ އާއި އަދި އޭނާގެ ޖަމިއްޔާގެ ބޭންކް އެކައުންޓެއް އަދި ނެތުމުން މިކަން ކުރަނީ މީހެއްގެ އެކައުންޓަށް ފައިސާ ޖަމާކޮށްގެން ކަމަށެވެ.
ސަމާ ބުނީ، /އިއްޔެ/ ރޭގައި ނިންމީ ފެންފުޅި އާއި ޖޫސް ޕެކެޓް، އަދި މޭވާ ފަދަ އެއްޗެހި ވެސް ގެންދަން ކަމަށެވެ. އެކަމަކު ގަންނަން ދިޔައިރު ފެން ވިއްކާ ފިހާރަތައް ބަންދު ކަމަށް ބުންޏެވެ. އަދި ފުޑް ސިޓީ ކަހަލަ ތަންތަނުން ވެސް ނުލިބުނު ކަަމަށް ބުންޏެވެ.
“އެކަމަކު ފެންފުޅި އެއްގޮތަކަށް ވެސް އެރޭންޖެއް ނުކުރެވުނު، އަހަރެންނަށް ވަަރަށް އުނދަގޫވި، އެއީ އެ މީހުން އެތަނުގެ މަގުމަތީގައި ތިބިއިރު ވަރަށް ހޫނު، އެ މީހުން ހަމަ ފެން ނެތިގެން އެކަކު އަނެކަކު ފެން ފުޅި ޕާސް ކުރަމުން ދިޔައީ، އެކަމަކު މިރަށުގައި ވެސް އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދޭން ވެގެން ކަންނޭނގެ، ފެނެެއް ހަމަ އެއްވެސް ތަނަކުން ނުލިބުނު،” ސަމާ ބުންޏެވެ.
މިއަދު އަދި ފެނާއި ޖޫސް ލިބޭތޯ އޭނާ މަސައްކަތް ކުރާނެ ކަަމަށް ސަމާ ބުނެފައި ވެއެވެ.

ސަމާ ވަނީ ހުރިހާ އެންމެންނަށް ޝުކުރު ވެސް އަދާކޮށްފައެެވެ. ދިވެހީންނަކީ އަބަދުވެސް ކަމެއް ދިމާވާހިނދު ވަރަށް ދީލަތި އަދި އެހީތެރިވެދޭ ބައެެއް ކަަމަށް ސަމާ ބުންޏެވެ.
ސަމާ ވެސް ދިވެހީންގެ އެހީތެރިކަމާއެކު ލަންކާ ރައްޔިތުންނަށް އެހީތެރިވުމުގައި އުޅޭއިރު، ޕީއެސްއެމުން އިސް ނަގައިގެން ރާއްޖޭގެ ގިނަ މީޑިއާތަކަކާ ގުޅިގެން ކުރިއަށް ގެންދިޔަ “ސިލޯނާއެކު ދިވެހީން” ޓެލެތޯނަށް 240 މިލިއަނަށް ވުރެ ގިނަ ލަންކާ ރުޕީސްއަށް ވާ ވަރަށް ފައިސާ ވަނީ ހޯދައިފައެވެ.
މީގެ އިތުރުން ލަންކާގައި ދިރިއުޅޭ ދިވެހީން ވެސް ދަނީ ލަންކާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގެ މަސައްކަތް ފަށައިފައެވެ. އޭގެ އިތުރުން ރާއްޖޭގެ ސްކައުޓް، އަދި ރެޑްކްރެސެންޓުން ވެސް ވަނީ އެ މަސައްކަތް ފަށައިފައެވެ.
ލަންކާއަށް ކުރި މޫސުމާއި ވިއްސާރައާއި ތޫފާން ޑިޓާވްއާ ގުޅިގެން ލަންކާގެ ބޮޑު ސަރަހައްދެއްްގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބުނެެވެ. މިގޮތުން ރޭގެ ނިޔަލަށް މަރުވި މީހުންގެ އަދަދު 390 އަށް އަރާއިރު، ގެއްލުނު މީހުންގެ އަަދަދު 352 އަށް އަރައެވެ. އަދި އެ ތޫފަނާއި ގުޅިގެން ގެދޮރު ދޫކޮށް ދިޔަ މީހުންގެ އަދަދު 204،597 އަށްވުރެ މައްޗަށް އަރާއިރު، އެފަދަ މީހުންނަށް ހާއްސަކޮށް އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ހިޔާތަކުގެ އަދަދު 1،368 އަށް އަަރައެވެ. އަދި މި ހާލަތުގައި ގެއްލުން ލިބުނު ގެތަކުގެ އަދަދު 15،688 އަށް އަރާއިރު، ދިރިނޫޅެވޭވަރަށް ގެއްލުން ލިބުނު ގެތަކުގެ އަދަދު 432 އަށް އަރައެވެ.


ކިޔުންތެރިންގެ ހިޔާލު