މިދިޔަ މަސް ނިމުނުއިރު ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވުގައި ބޭނުންކުރެވޭ ގޮތަށް ހުރި ޑޮލަރުގެ އަދަދުން އެއް މިލިއަން ޑޮލަރު މަދުވެފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 193 މިލިއަން ޑޮލަރެވެ. ސެޕްޓެމްބަރު މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 194 މިލިއަން ޑޮލަރެވެ.
ބޭނުންކުރެވޭ ރިޒާވު މިލިއަން ޑޮލަރުން ދަށަށް ދިޔަ ނަމަވެސް، ޖުމްލަ ރިޒާވުގެ އަދަދު ވަނީ މައްޗަށް ގޮސްފަ އެވެ. މިދިޔަ މަސް ނިމުނުއިރު ޖުމްލަ ރިޒާވުގައި ހުރީ 866 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ މަހަށްވުރެ ހަތް މިލިއަން ޑޮލަރުގެ އިތުރު އަދަދެކެވެ.
މި އަދަދާ އެއްވަރަކަށް އެންމެ ފަހުން ޖުމްލަ ޑޮލަރު ރިޒާވު އުފުލުނީ 2022 ވަނަ އަހަރެވެ. އެގޮތުން، މާޗު، 2022، ގައި ޑޮލަރު ރިޒާވުގައި 865 މިލިއަން ޑޮލަރު ހުއްޓެވެ.
ބޭންކުރެވޭ ރިޒާވުގައި ހުރި ޑޮލަރު
- ޖެނުއަރީ – 116 މިލިއަން ޑޮލަރު
- ފެބްރުއަރީ – 179 މިލިއަން ޑޮލަރު
- މާޗު – 170 މިލިއަން ޑޮލަރު
- އޭޕްރިލް – 171 މިލިއަން ޑޮލަރު
- މެއި – 218 މިލިއަން ޑޮލަރު
- ޖޫން – 203 މިލިއަން ޑޮލަރު
- ޖުލައި – 213 މިލިއަން ޑޮލަރު
- އޮގަސްޓު – 188 މިލިއަން ޑޮލަރު
- ސެޕްޓެމްބަރު – 194 މިލިއަން ޑޮލަރު
- އޮކްޓޯބަރު – 193 މިލިއަން ޑޮލަރު
ބޭނުންކުރެވޭ ރިޒާވު މިހާރު ހިސާބު ކުރަނީ އެމްއެމްއޭއިން ބޭންކުތަކުގައި އިންވެސްޓުކޮށްފައި ހުރި އަދަދު ހިމަނައިގެންނެވެ. ސެޕްޓެމްބަރު މަހެކޭ އެއްގޮތަށް މިދިޔަ މަސް ނިމުނުއިރު ވެސް މި އަދަދު ހުރީ 116 މިލިއަން ޑޮލަރުގަ އެވެ.
މި އަހަރު ފެށުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 116 މިލިއަން ޑޮލަރެވެ. އެ ފަހުން ރިޒާވުގެ ހާލަތު ރަނގަޅުވީ، ޑޮލަރު މާރުކުރުމާއި އެމްއެމްއޭއިން އެޅި އިތުރު ފިޔަވަޅުތަކުގެ ސަބަބުން ކަމަށް މަރުކަޒީ ބޭންކުން ބުނެފައި ވެ އެވެ.
ޓްރެންޑުތައް ހުރި ގޮތުން ބެލެވެނީ މި އަހަރު ނިމޭއިރު، ޑޮލަރު ރިޒާވު ބިލިއަން ޑޮލަރަށް އެރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. މިއީ އަންނަ އަހަރަށް ދައްކަން ހުރި ބޮޑު ދަރަނިތަކާއެކީ، ކޮންމެހެން ވެސް ކުރަން ޖެހިފައި އޮތް ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު