Advertisement

ގޮޅިން ނިކުމެ އަޑުއެހުމަށް ދާން ބައްސާމް ދެކޮޅު ހަދައިފި

ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ގޮޅިން ނިކުމެ އޭނާގެ މައްޗަށް އުފުލާފައިވާ އިތުރު ދެ ދައުވާއެއްގެ އަޑުއެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުވާން ދެކޮޅު ހަދައިފި އެވެ.

ހަވާސާ އަށް އެނގިފައިވާ ގޮތުގައި މިއަދު 8:15 ގައި ފެށުމަށް ހަމަޖެހިފައިވާ ޝަރީއަތަށް ބައްސާމް ހާޒިރުކުރަން އޭނާ ގޮޅިން ނެރެން ކަރަކްޝަންސްގެ އޮފިސަރުން އުޅުމުން ވަނީ ހުރަސް އަޅާފަ އެވެ.

Advertisement

ނަމަވެސް ފަހުން ގޮޅިން ނިކުންނަން އެއްބަސްވެގެން އޭނާ މިހާރު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަނީ އެނގިފަ އެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް، އާމިނަތު ޔުސްރީން އަހުމަދު ހަވާސާ އަށް ވިދާޅުވީ ބައްސާމް ކޯޓަށް ހާޒިރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އޭނާ 8:15 ގައި އޮތް ޝަރީއަތަށް ގެނައުން ލަސްވީ ކީއްވެގެން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި ޝަރީއަތުގެ މަޖިލީހަށް ހާޒިރުވާން ގައިދީއަކު ދެކޮޅު ހަދާނަމަ، ބާރުގެ ބޭނުންކޮށްގެން އާންމުކޮށް އެ މީހަކު ހާޒިރުކޮށްފައެއް ނުވެ އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން ތާވަލުކޮށްފައި ވަނީ ބައްސާމް އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އަމީން އެވެނިއުގެ ޕެންޓްހައުސްއެއް ގަތް މައްސަލައިގެ ޝަރީއަތެވެ. އެ މައްސަލައިގައި އެނާގެ މައްޗަށް އުފުލާފައި ވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.

ބައްސާމްގެ މައްޗަށް އެ މައްސަލައިގައި ތުހުމަތުކުރަނީ ފީފާއިން ފޮނުވި ފައިސާ، އެހެން ކުންފުނިތަކުގެ އެކައުންޓަށް ފޮނުވުމަށް ފަހު، އެ ކުންފުނިތައް މެދުވެރިކޮށް ޕެންޓްހައުސް ގަންނަން 25 މިލިއަން ރުފިޔާ އަމީން ކޮންސްޓްރަކްޝަނަށް ދެއްކި ކަމަށެވެ.

ދައުލަތުން ވަނީ އެ މައްސަލައިގައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.2 މިލިއަން ޑޮލަރު ނެގުމަށާއި ޕެންޓްހައުސް ވެސް ދައުލަތަށް ނަގައިދިނުމަށް އެދިފަ އެވެ.

ހިޔާނާތްތެރިވުމާއި މަނީލޯންޑްރިންގެ މައްސަލައިގައި ބައްސާމްގެ މައްޗަށް އެންމެ ފުރަތަމަ ހަތަރު އަހަރުގެ ހުކުމެއް އިއްވީ އޮކްޓޯބަރު 8، ގަ އެވެ. އޭނާގެ މައްޗަށް ހިޔާނާތްތެރިވުމާއި މަނީލޯންޑްރިންގެ އިތުރު މައްސަލައެއްގައި ފަސް އަހަރަށް ހުކުމްކުރީ އޮކްޓޯބަރު 30، ގަ އެވެ.

ބައްސާމްގެ އިތުރު މައްސަލަތަކެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އޭނާގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލުމަކީ އަދި އެކަށީގެންވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް