ވިމެން އިން ޑިމޮކްރަސީގެ 10 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގައި އަންހެނުން ސިޔާސީ ގޮތުން ބާކީކޮށްލެވިފައިވާ މިންވަރު ކަންބޮޑުވާ ހިސާބުގައި ދޮސްފައިވާ ކަމަށެވެ.
ޖަމްޢިއްޔާގެ މެންޓަރެއްގެ ހައިސިއްޔަތުން ދުންޔާ ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި އަންހެނުން ތަމްސީލުކުރުން އެންމެ 3 އިންސައްތައިގައި ހުރިކަމަށް ފާހަގަކުރައްވައި، އެއީ ޒަމާންތަކަކަށް ދެމިގެން ގޮސްފައިވާ މައްސަލައެއް ކަމަށް ވިދާޅުވިއެވެ.
“މިއަދު އަޅުގަނޑުމެންގެ ޤައުމުގެ ޙާލަތަށް ބަލާލާއިރު، ފެބްރުއަރީ 2024ގެ ނިޔަލަށް އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ އިންސައްތައަކީ އެންމެ 3%. އަދި އެންމެ ފަހުގެ އިންތިޚާބަށްފަހު ހޮވުނު ރައްޔިތުންގެ މަޖިލީހުގައި ހިމެނެނީ އެންމެ 3 އަންހެނުން. މިއީ ހަމައެކަނި ތަފާސް ހިސާބެއް ނޫން، މީގެން ދައްކުވައިދެނީ ޒަމާންތަކަކަށް ދެމިގެންގޮސްފައިވާ ޙަޤީގަތެއް- އަންހެނުން ބާރުވެރިކުުރުމަށް ކުރަމުންދާ ވަޢުދުތައް ޙަޤީތަގަކަށް ނުވުމުގެ ސަބަބުން މުހިއްމު ހުނަރުވެރިބައެއްގެ ބޭނުން ނުހިފި ދާ މަންޒަރު، ފެންނަކަމަށް” ދުންޔާ ވިދާޅުވިއެވެ.
ދުންޔާ މައުމޫން އިތުރަށް ވާހަކަފުޅު ދައްކަވަމުން، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންހެނުންގެ ކުޅަދާނަ ލީޑަރޝިޕްގެ މިސާލުތައް ފެނިގެންދިޔަކަން ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ނިއުޒީލެންޑްގެ ކުރީގެ ބޮޑުވަޒީރު ޖަސިންޑާ އާޑަން ފާހަގަކުރެއްވިއެވެ.
“ހަރުދަނާ ލީޑަރޝިޕް ބިނާވެގެންވަނީ މީހާގެ ހަށިގަނޑާއި ޖިންސަށްވުރެ، އެމީހެއްގެ ހުރި ޤާބިލުކަމާއި، ހަމްދަރުދީއާއި، އިތުބާރު އުފެއްދުމުގެ މައްޗަށް. ދުނިޔޭގެ އެކިކަންކޮޅުތަކުން މިފަދަ އެތައް މިސާލުތަކަކާއި، ޢިބްރަތްތައް ލިބިގެންދިޔަ. އެގޮތުން، ނިއުޒީލެންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑަންގެ ނަން ޚާއްސަގޮތެއްގައި ފާހަގަކޮށްލަން،” ދުންޔާ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ވަޒީފާގެ މައިދާނުގައި ފިރިހެނުންނާއި އަޅާބަލާއިރު އަންހެނުންގެ ބައިވެރިވުން ބޮޑުތަނުން ދަށްކަން ފާހަގަކުރައްވައި، މީގެ ސަބަބުން އަންހެނުން މާލީގޮތުން މިނިވަން ބަޔަކަށް ވުމަށް ހުރަސްއެޅޭކަމަށް ދުންޔާ ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ ޤަޢުމަށް ބަލާލާއިރު، ވަޒީފާގެ މައިދާނުގައި ފިރިހެނުންނާއި އަޅާކިޔާއިރު، އަންހެނުންގެ ބައިވެރިވުން ބޮޑުތަނުން ދަށްކަން ފާހަގަކުރެވޭ. މީގެ ސަބަބުން އަންހެނުން މާލީގޮތުން މިނިވަންބަޔަަކަށް ވުމަށް ހުރަސް އެޅުމުގެ އިތުރުން ސިޔާސީ މައިދާނަށް ނިކުތުމުގެ ޤާބިލުކަން ހުރި އެތައް ލީޑަރުނެއް ގެއްލިގެން ދާކަމަށް ،” އެމަނިކުފާނު ވިދާޅުވިއެވެ.
ދުންޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އަންހެނުންނާއި ދެކޮޅަށް ކުރާ އަނިޔާއަކީ އަންހެނުން ސިޔާސީ މައިދާނުގައި ކެންޑިޑޭޓުންނަށް، ވޯޓުލާމީހުންނަށް އަދި ލީޑަރުންނަށް ވުމަށް އޮތް ބޮޑު ހުރަހެކެވެ. މިއީ ހަމައެކަނި ޒާތީ މައްސަލަތަކެއް ނޫންކަމަށާއި، މުޅި ޑިމޮކްރަސީ ނިޒާމަށް އޮތް ނުރައްކަލެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދުންޔާ މައުމޫން އިތުރަށް ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ވިދާޅުވީ ދިވެހިރާއްޖެއިން ތަސްދީޤްކޮށްފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުމެންގެ ޤަޢުމުންވަނީ ބައިނަލްއަޤްވާމީ މުޢާހަދާތަކެއް ތަސްދީޤްކޮށް، އޭގައިވާ ކަންކަން ތަންފީޛުކުރުމަށް އެއްބަސްވެފައި. އޭގެ ތެރޭގައި، އަންހެނުންނާއި ދެކޮޅަށް ކުރެވޭ އެންމެހައި ތަފާތުކުރުންތައް ނައްތާލުމާ ގުޅުންހުރި މުޢާޙަދާގައި 1993 ވަނަ އަހަރު ސޮއިކުރިފަހުން ކޮމިޓީއިން ވަނީ ހޯދިފައިވާ ކުރިއެރުންތައް އަދި ކުރަން ހުރި މަސައްކަތްތައް އެކިފަހަރު މަތިން ފާހަގަކޮށްފައި، ވާކަމަށް” ދުންޔާ ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ވިމެން އެންޑް ޑިމޮކްރަސީން ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ކުރައްވާފައިވާ މަސައްކަތްތަކުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް، ޖަމްޢިއްޔާގެ އެގްޒެކެޓިވް ޕްރެޒިޑެންޓް ސަފާތު އަޙްމަދު ޒާހިރުގެ ހިންގުންތެރިކަމަށް ޝުކުރު ދެންނެވިއެވެ.
“ވިމެން އެންޑް ޑިމޮކްރަސީގެ މަސައްކަތް މުހިއްމުވަނީ މިހެންވެ. އަޅުގަނޑުމެންގެ ޖަމިއްޔާގެ މަސައްކަތަށް ބަލާލުމުން، އަންހެނުން ބާރުވެރިކުރުމަށްދޭ އަހައްމިއްޔަތުކަން ފެނިގެންދާނެ. ޚާއްސަކޮށް، އަޅުގަނޑުމެންގެ ޖަމިއްޔާގެ މޭސްތިރިއެއް އަދި ލީޑަރެއްގެ ގޮތުގައި ސަފާތު ކުރައްވާ މަސައްކަތަށް އަޅުގަނޑުގެ ހިތުގެ އުމުގުން ތަޢުރީފްކުރަން،” ދުންޔާ ވިދާޅުވިއެވެ.
ދުންޔާ މައުމޫން އެކަމަނާގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގައި އަންހެނުންގެ ސިޔާސީ ބައިވެރިވުން އިތުރުކުރުމަށް ކުރެވިދާނެ މުހިންމު 5 ކަމެއް ހުށަހެޅުއްވިއެވެ:
1. އަންހެނުން ތަމްސީލުކުރުމަށް ވަގުތީ ޚާއްޞަ ފިޔަވަޅުތައް-: ޕާޓީ ނޮމިނޭޝަންތަކުގައި ކެންޑިޑޭޓުންގެ ކޯޓާ ތަޢާރަފްކޮށް، އަންހެނުންނަށް ސަޕޯޓް ކުރުމަށް ޕާޓީތަކަށް އިނާޔަތްތައް ދިނުން.
2. އިޤްތިޞާދީ ހުރަސްތައް ނައްތާލުން -: ސީޑް ގްރާންޓް، ކެމްޕެއިން ތަމްރީނުތައް، ޗައިލްޑް ކެއަރ ސްޓައިޕެންޑް، އަދި ޕޭޑް ލީވް ޕްރޮޓެކްޝަންގެ ދަށުން އަންހެނުންނަށް، ޚާއްސަކޮށް އަތޮޅުތަކާއި ފުރުސަތުތަކުން މަޙްރޫމްވެފައިވާ އަންހެނުންނަށް މަޤާމުތަކަށް ކުރިމަތިލުމަށް ފުރުޞަތު ފަހިކޮށްދިނުން.
3. މުއައްސަސާތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުން-: ސިޔާސީ ޕާޓީތަކުގެ ލީޑަރޝިޕްއިން ފެށިގެން، ސިވިލް ސަރވިސްއަށް މީހުން ނެގުމާއި، ބަޖެޓާއި ގުޅުންހުރި ނިންމުންތައް ނިންމުމުގައި ޖެންޑާ އިމްޕްކްޓް އެސެސްމަންޓްތައް ހެދުން.
4. ބައިނަލްއަޤްވާމީ ކޮމިޓްމަންޓްތައް ތަންފީޛުކުރުން:- ސީޑޯ ކޮމެޓީގެ ހުށަހެޅުންތައް ފުރިހަމައަށް ތަންފީޛުކޮށް، އަންހެނުންގެ ސިޔާސީ ޙައްޤުތައް ހަނިކުރާ ޤާނޫނީ އަދި ޢަމަލީ އިއުތިރާޒްތައް ނައްތާލުން.
5. ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ސިވިކް އެޑިއުކޭޝަން:- ފިރިހެނުންގެ ވިސްނުން ބަދަލުކޮށް، ގުޅިގެން މަސައްކަތްކުރުމަކީ ލިބޭ ބާރެއްކަން ވިސްނައިދީ، އަންހެނުން ލީޑަރޝިޕް މަޤާމުތަކަށް ދިޔުމުން މުޅި މުޖްތަމަޢުގައި ހެޔޮ ވެރިކަމާއި، ސުލްހަވެރިކަން އިތުރުވާނެކަން ބަޔާންކޮށްދިނުން.
ދުންޔާ މައުމޫން ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، އަންހެނުން ބާކީކޮށްލުމަކީ މުޅި ނިޒާމަށް ލިބޭ ނިކަމެތިކަމެއް ކަމަށެވެ.
“އަންހެނުން ބާކީކޮށްލައިފި ނަމަ އެއީ މުޅި ނިޒާމަށް ލިބޭ ނިކަމެތިކަމެއް- އެފަދަ މުޖްތަމަޢައެއް ވެގެން ދާނީ، ވަކި ބައެއްގެ މަސްލަޙަތު ކުރިޔަށް ނެރޭ، ޢާއިލާތަކާއި އާންމުންގެ ބޭނުންތަކަށް އިޖާބަނުދޭ، އަންހެނުންގެ ނަޒަރިއްޔާއަށް ރިޢާޔަންނުކުރެވުމުން ބަޖެޓް ކަނޑައެޅުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި އެކު ވިލުންތެރިވުމަށް އަދި ޤައުމީ ސަލާމަތުގެ ކަންކަމުގައި ނިކަމެތި މުޖްތަމަޢަކަށެވެ،” ދުންޔާ ވިދާޅުވިއެވެ.
ވިމެން އިން ޑިމޮކްރަސީގެ 10 ވަނަ އަހަރީ ޙަފްލާގައި ކެނެޑާގެ ޑެޕިއުޓީ ހައިކޮމިޝަނަރ މިސް ގްވެން ޓެމެލް، ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޞިލް ފައިސަލް ނަސީމް، މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް، އަދި ވިމެން އެންޑް ޑިމޮކްރަސީގެ އެގްޒެކެޓިވް ޕްރެޒިޑެންޓް އަލްފާޞިލާ ސަފާތު އަޙްމަދު ޒާހިރު ހިމެނޭގޮތުން ސަރުކާރާއި އަމިއްލަ ޖަމްޢިއްޔާތަކުގެ އިސް ފަރާތްތައް ބައިވެރިވެވަޑައިގެންނެވިއެވެ.
ދުންޔާ މައުމޫނަކީ ދިވެހިރާއްޖޭގެ ކުރީގެ ސްޓޭޓް މިނިސްޓަރެއްގެ އިތުރުން، އަންހެނުންގެ ޙައްޤުތަކަށް ވަކާލާތުކުރާ ފާހަގަކޮށްލެވޭ އަޑެކެވެ. ދުންޔާ ވަނީ އދ. ގެ އަންހެނުންގެ ކޮމިޝަންގެ ބައްދަލުވުންތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރައްވައި، ރާއްޖޭގެ އަންހެނުންގެ ޙައްޤުތަކަށް ބައިނަލްއަޤްވާމީ ފެންވަރުގައި ވަކާލާތުކުރައްވާފައެވެ.
ވިމެން އިން ޑިމޮކްރަސީއަކީ 2014 ވަނަ އަހަރު އުފެދުނު، އަންހެނުން ސިޔާސީގޮތުން ބާރުވެރިކުރުވުމަށާއި ޑިމޮކްރަސީ ހަރުދަނާކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. ޖަމްޢިއްޔާއިން ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ޒުވާން އަންހެނުންނަށް ސިޔާސީ ތަމްރީނުދިނުމާއި، އިންތިޚާބުތައް މޮނިޓަރކުރުމާއި، އަންހެނުންނަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު