Advertisement

ކުޅުދުއްފުށި ޖަލުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފި

ހދ. ކުޅުދުއްފުށި ޖަލުގައި އެންމެފަހުން ސީސީޓީވީ ކެމެރާ ހަރުކޮށް 24 ގަޑިއިރު މޮނިޓާކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަޕާ ނޯތު ޕޮލިސްގެ ރީޖަން ކޮމާންޑަރު، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް ޒުހުރީ ވިދާޅުވީ ރީޖަންގެ ކަސްޓޯޑިއަލް ފެސިލިޓީތަކަށް ގެންނަން ޖެހޭ ބަދަލުތަކުގެ ތެރެއިން ކުޅުދުއްފުށި ޖަލުގައި ސީސީޓީވީ ހަރުކޮށްފައިވާ ކަމަށެވެ.

Advertisement

“ފުލުހުންގެ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް ހަރުދަނާ ކުރުމަށްޓަކައި ކުރެވުނު މަސައްކަތުގެ ތެރެއިން ރީޖަންގެ ކަސްޓޯޑިއަލް ފެސިލިޓީތަކަށް ބޭނުންވާ ބަދަލު ގެނައުމުގެ މަސައްކަތް ކުރެވިފައިވޭ. އެގޮތުން ކުޅުދުއްފުށި ސިޓީ ކަސްޓޯޑިއަލްގައި ސީސީޓީވީ ކެމެރާ އިންސްޓޯލްކޮށް 24 ގަޑިއިރު މޮނިޓާކުރަން ފެށިފައިވޭ،” އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށި ޖަލުގައި ބަންދުކޮށްފައި ހުއްޓާ އޭޕްރީލް 4، ގައި ދަންޖެހިގެން މަރުވާން މަސައްކަތް ކޮށްގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް އޭޕްރިލް 6، ގައި ކުޅުދުއްފުށި، މަނާޒް، ސާޖިދު ސަމީރު، 34 ވަނީ މަރުވެފަ އެވެ.

މީގެ ކުރިން 2022 ވަނަ އަހަރު ވެސް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި މީހަކު އަމިއްލައަށް ދަންޖެހުނެވެ. އެއީ އދ. ފެންފުށި، ރޯޒީ ވިލާ، އަބޫބަކުރު ފައިސަލް އެވެ. އޭނާ މަރުވި ފަހުން، ގޮޅިތައް ފެންނަ ގޮތަށް ކެމެރާ ހަރު ކުރަން ހިއުމަން ރައިޓްސް ކޮމިޝަނުން އޮތީ ލަފާ ދީފަ އެވެ.

ފުލުހުން އަދި ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ބައިތިއްބާ މީހުން ތިބޭ ގޮޅިތައް ފެންނަ ގޮތަށް ކެމެރާ ހަރު ކުރަން އެޗްއާރްސީއެމުން ލަފާ ދިނީ 2022 ވަނަ އަހަރެވެ. ނަމަވެސް 2022 ގެ މަރަށްފަހު ކުޅުދުއްފުށި ޖަލުގައި ދެވަނަ މީހަކު މިދިޔަ އޭޕްރިލް މަހު މަރުވިއިރުވެސް ސީސީޓީވީ ކެމެރާ ހުރީ ހަރުނުކޮށެވެ.

ހޯމް މިނިސްޓަރު، އަލީ އިހުސާން ކުރިން ވިދާޅުވީ ކަސްޓޯޑިއަލް ހުރިހާ ޖަލެއްގައި ސީސީޓީވީ ކެމެރާ ހަރު ކުރުމަށް މިދިޔަ އަހަރު ޕްރޮކިއުމަންޓް ޕްރޮސެސް ފަށާފައިވާއިރު، އެ މަސައްކަތް ނިމޭއިރު ހުރިހާ ތަނެއްގައި ކެމެރާ ހުންނާނެ ކަމަށެވެ.

އަމިއްލަ ނަފްސަށް ގެއްލުންދޭން މަސައްކަތް ކުރާ މީހުން ގޮޅިން ނެރުމަށްފަހު ބޭރުގައި ބައިންދާ ސަރަހައްދަކީ ސީސީޓީވީ ހަރުކޮށްފައި ހުންނަ ސަރަހައްދެއްކަން ކަށަވަރުކޮށް، އެފަދަ މީހުން ގާތުން ބަލައި މޮނިޓާ ކުރަން ވެސް އެޗްއާރްސީއެމް އިން 2022 ގައި ވަނީ ލަފާދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި