މިދިޔަ ދެ ދުވަހުގެ ތެރެއިން ހުޅުމާލެއިން 47 އުޅަނދު ޓޯކޮށް 18 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ރޭ ބުނެފިއެވެ.
މާލެއާއި ހުޅުމާލޭގައި ނުގަވައިދުން ޕާކުކުރުމާއި، ނުރައްކާތެރިކޮށް ދުއްވާ މީހުންގެ އުޅަނދު ޓޯކުރުމުގެ މަސައްކަތް ފުލުހުން ވަނީ މިހާރަކަށް އައިސް އިތުރުކޮށްފައެވެ
މިދިޔަ ދެ ދުވަހު ހުޅުމާލެއިން ޓޯކުރި އުޅަނދުތަކުގެ ތަފާސް ހިސާބުތައް އާންމުކުރަމުން ފުލުހުން ބުނީ، ހުޅުމާލެއިން ޖުމްލަ 47 އުޅަނދު ޓޯކުރި ކަމަށެވެ. އެއީ 46 ސައިކަލާއި، ހަތަރުފުރޮޅުލީ އެއް އުޅަނދެވެ.
އޭގެ ތެރެއިން 36 ސައިކަލެއް ޓޯކުރީ ގަވައިދާ ޚިލާފަށް ޕާކުކޮށްފައިވާކަމަށް ބުނެއެވެ. 8 ސައިކަލެއް ޓޯކުރީ ލައިސަންސް ނެތި ދުއްވުމުންނެވެ. އަދި ނުރައްކާތެރިކޮށް ދުއްްވައިގެން 1 ސައިކަލު ޓޯކުރިއިރު، އިތުރު އެއް ސައިކަލާއި، ހަތަރުފުރޮޅުލީ އުޅަނދެއް ޓޯކުރީ އެހެނިހެން މައްސަލަތަކުގައެވެ.
ހުޅުމާލޭގެ މަގުތަކުގައި އާންމު ދަތުރު ފަތުރަށާއި ހިނގާބިގާވެ އުޅުމަށް ދަތިވާގޮތަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯވކުރުމަށާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފާއިތުވި 48 ގަޑިއިރުގެ ތަފާސް ހިސާބު pic.twitter.com/NTqkn14a5h
— Maldives Police (@PoliceMv) November 7, 2025
މިދިޔަ ދެ ދުވަހު ޖުމްލަ 18 މީހަކު ޖޫރިމަނާކުރިއިރު، އޭގެ ތެރެއިން 16 މީހުންނަކީ ސައިކަލު ދުއްވި މީހުންނެވެ. ބާކީ ދެ މީހުންނަކީ، ހަތަރު ފުރޮޅުލީ އުޅަނދު ދުއްވި މީހުންނެެވެ.
ނުގަވައިދުން ދުއްވުމާއި، ނުގަވައިދުން ޕާކުކުރުމުގެ އިތުރުން ޕާކުކުރުމުގެ ޖާގަ ނެތް މައްސަލައަކީ ވެސް މާލެއާއި، ހުޅުމާލެއަށް ދިމާވެފައިވާ ވަރަށް ބޮޑު ދެ މައްސަލައެެވެ.


ކިޔުންތެރިންގެ ހިޔާލު