މާލޭ ވިޔަފާރި ބަނދަރުގައި އޮތް އާގުބޯޓަކުން ބޭލި ދެ އެކްސްކަވޭޓަރެއް އެރުވި ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި ދެމީހަކު މަރުވި ހާދިސާ ހިނގި އިރު އެ އުޅަނދުގެ ކެޕްޓަނަކަށް ހުރީ އެފަދަ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށާއި ކޮޅުވެއްޓި ބަންޑުން ޖަހާލީ އޭނާ އެދިގެން އެކްސްކަވޭޓަރެއް އެއްފަރާތަކަށް ޖެއްސުމުން ކަމަށް އެމްޕީއެލް އިން މިއަދު ބުނެފި އެވެ.
މި މަހުގެ ދެ ވަނަ ދުވަހު، ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން އެމްޕީއެލް އިން ހިންގި އެތެރޭގެ ތަހުގީގަށް ފަހު އާއްމުކުރި ވަގުތީ ރިޕޯޓްގައި ބުނީ މުދާ ބެހެއްޓުމުގައި އުޅަނދުގެ ސްޓެބިލިޓީ ކަށަވަރުކުރުމަކީ ކެޕްޓަންގެ ޒިންމާއެއް ކަމަށްވާތީ ކޮޅުވެއްޓީގައި ދެ އެކްސްކަވޭޓަރު ފުރަތަމަ ބެހެއްޓީ އޭނާގެ އިރުޝާދާ އެއްގޮތަށް ކަމަށެވެ. ނަމަވެސް އެމްޕީއެލްގެ މުވައްޒަފުން އެ މަސަައްކަތް ނިންމައިލި ފަހުން އެކްސްކަވޭޓަރު ހުރިތަން ބަދަލުކުރި ކަމަށް ތަހުގީގަށް ވަނީ އެނގިފައި ކަމަށް ރިޕޯޓްގައިވެ އެވެ.
“އެހެން ނަމަވެސް މަސައްކަތް ނިންމާލި ފަހުން، އަނެއްކާވެސް ލޭންޑިން ކްރާފްޓްގެ ކެޕްޓަންގެ އެދުމުގެ މަތިން ލޭންޑިން ކްރާފްޓްގެ ކުރީކޮޅުގައި ހުރި އެކްސްކަވޭޓަރ ޕޯޓްު ފަރާތަށް ޖެއްސުމާ ގުޅިގެން، އުޅަނދުގެ ސްޓެބިލިޓީ ގެއްލުމަކީ ލޭންޑިން ކްރާފްޓް ބަންޑުން ޖެހުމަށް މެދުވެރިވި ސަބަބު” ކަމަށް އެމްޕީއެލްގެ ރިޕޯޓްގައި ބުންޏެވެ.
އެމްޕީއެލް އިން ބުނިގޮތުގައި ކޮޅުވެއްޓީގެ ސަލާމަތީ ސެޓްފިކެޓް އޮތް ނަމަވެސް އެ އުޅަނދަށް ބަރު މުދާ އަރުވާއިރު އުޅަނދުގެ ސްޓެބިލިޓީއަށް ކުރަން ޖެހޭ ވަރަށް މުހިއްމު ކަމެއް އޮތީ ނުކޮށެވެ. އެއީ ކޮޅުވެއްޓީގެ ޑެކުގައި ލަކުޑި ނާޅައި ހުރުމެވެ.
ފާހަގަވި މައްސަލަތައް
1- ލޭންޑިން ކްރާފްޓްގެ ކެޕްޓަންގެ އަތުގައި މިފަދަ އުޅަނދެއް ދުއްވުމުގެ ލައިސަންސް އަދި ނިޔަމިކަމުގެ ސެޓްފިކެޓް ނެތް.
2- ލޭންޑިން ކްރާފްޓްގެ ސަލާމަތާއި އެހެނިހެން ކަންތައްތައް ގަވާއިދަށް ފެތުނު ނަމަވެސް، މުދާ ބަރުކުރާ ޑެކްގައި ލަކުޑި އަޅާފައެއް ނެތް. އަދި ދަގަނޑު ޑެކެއް އޮތުމުން މިފަދަ ތަކެތި ބަރުކުރުމާއި އެ މުދާ ބަރުކޮށްގެން ދަތުރުކުރާއިރު، ކަހާލުމުގެ ފުރުސަތު އޮތް. އެއީ ލޭންޑިން ކްރާފްޓްގެ ސްޓެބިލިޓީ ގެއްލިދާނެ ކަމެއް.
3- ޑައިރެކްޓް ޑެލިވަރީ (މުދާ އެތެރެކުރާ ފަރާތުން ފޮނުވާ އުޅަނދަކަށް ސީދާ ކާގޯ ބޯޓުން މުދާ ބޭލުން) އޮޕަރޭޝަންސްތަކުގައި އެ އުޅަނދުގައި މުދާ ބެހެއްޓުމުގައި އެ އުޅަނދުގެ ސްޓެބިލިޓީ ކަށަވަރުކުރުމުގެ ޒިންމާ މިހާރު ހުރި ގަވައިދުތަކުގައި ކަށަވަރުކޮށްދޭންޖެހޭ ފަރާތަކީ އުޅަނދު ކެޕްޓަން. އެ ފަރާތުން ދީފައިވާ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން ދެ އެކްސްކެވޭޓަރު ލޭންޑިން ކްރާފްޓްގައި ބެހެއްޓުމަށް ފަހު، ލޭންޑިން ކްރާފްޓްގެ ކެޕްޓަންގެ ހުއްދައާ އެކު މަސައްކަތް ނިންމާލައި، އެކަމަށް ބޭނުންކުރި އާލާތްތައް ކާގޯ ބޯޓަށް ނެގި.
4- ނަމަވެސް މަސައްކަތް ނިންމާލި ފަހުން، އަނެއްކާވެސް ލޭންޑިން ކްރާފްޓްގެ ކެޕްޓަންގެ އެދުމުގެ މަތިން ލޭންޑިން ކްރާފްޓްގެ ކުރީކޮޅުގައި ހުރި އެކްސްކަވޭޓަރު ޕޯޓް ފަރާތަށް ޖެއްސުމާ ގުޅިގެން، އުޅަނދުގެ ސްޓެބިލިޓީ ގެއްލުމަކީ ލޭންޑިން ކްރާފްޓް ބަންޑުން ޖެހުމަށް މެދުވެރިވި ސަބަބު.
5- ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ވަގުތު އެ އުޅަނދުގައި ތިބި އެމްޕީއެލްގެ 10 މުވައްޒަފުން ވަނީ މޫދަށް ވެއްޓި، އެކި ވަރުގެ އަނިޔާތައް ވެފައި. އެމްޕީއެލްގެ މުވައްޒަފުން އެ އުޅަނދުގައި އެ ވަގުތު ތިބީ މަސައްކަތް ނިންމާލުމަށް ފަހު، މުވައްޒަފުން އަނބުރާ މާލޭ ވިޔަފާރި ބަނދަރަށް އައުމަށް އަރަންޖެހޭ ޓަގު ބޯޓަށް އެރެން އޮތީ ލޭންޑިން ކްރާފްޓް ގިރާކޮށްފައި ކަމުގައިވުން.
އެމްޕީއެލް އިން ބުނީ ލޭންޑިން ކްރާފްޓަށް ދެ އެކްސްކެވޭޓަރު ބޭލުމުގެ އޮޕަރޭޝަންސްތައް އެ ކުންފުނިން ފުރިހަމަކޮށް، ނިންމާފައިވަނީ މިފަދަ އޮޕަރޭޝަންސްތަކުގައި މި ވަގުތު އަމަލުކުރަމުން އަންނަ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ.
އެ ކުންފުނިން ބުނީ އެފަދަ ޑައިރެކްޓް ޑެލިވަރީ އޮޕަރޭޝަންސްތަކުގައި ކޮންސައިނީ (މުދާ ގެންނަ ފަރާތުން) މުދާ ބަރުކުރުމަށް ފޮނުވާ އުޅަނދުތަކުގެ ކެޕްޓަނާއި ފަޅުވެރިން ފެންވަރު ވަޒަންކުރުމާއި ލައިސްނަސް ޗެކްކުރުން ފަދަ ކަންތައްތަކަކީ އެ ކުންފުނިން އަމަލުކުރަމުން އަންނަ ގަވައިދުތަކާއި އުސޫލުގެ ތެރެއިން މި ވަގުތު ބަލަންޖެހޭ ކަމެއް ނޫން ކަމަސެވެ.
“އެހެން ނަމަވެސް މި އުސޫލު މުރާޖައާކޮށް، މިހާރު ވަނީ ބަދަލުކުރެވިފަ އެވެ.” އެމްޕީއެލް އިން ނެރުނު ހޯދުންތަކުގެ ވަގުތީ ރިޕޯޓްގައި ބުނެފައިވެ އެވެ.
އެމްޕީއެލް އިން ބުނީ ތަހުގީގަށް ރިޔާއަތްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެ ކުންފުނިން މިހާރު ތަންފީޒުކުރަމުން އަންނަ ކަމަށެވެ.
ލޭންޑިން ކްރާފްޓް ބަންޑުންޖަހާލި ހާދިސާގައި މަރުވީ އެމްޕީއެލްގެ ދެ މުވައްޒަފެކެވެ. އެއީ އެ ކުންފުނީގެ ދިވެހި މުވައްޒަފަކާއި ބިދޭސީ މުވައްޒަފެކެވެ.


ކިޔުންތެރިންގެ ހިޔާލު