ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިޔާ، ކުރީގެ ރައީސް, ރައީސް އަލްއުސްތަޒް މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެންބަރު ތިނެއްގެ ގެ ޝަރަފުގެ ހާއްސަ އައްޑަނައެއް އެރުވުމަށާއި، ނޮވެންބަރު ތިނެއްގެ ގެ ޝަހީދުންގެ އާއިލާތަކަށް ހަނދާނީ އައްޑަނައެއް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ އެ އައްޑަނަތައް އެރުވުން އޮންނާނީ، މިއަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު ސޯޝަލް ސެންޓަރުގައި ބާއްވަވާ ރަސްމީ ޖަލްސާގައި ކަމަށެވެ.
ޖަލްސާ ފެށޭނީ ހެނދުނު 9 ޖަހާއިރެވެ.
އެގޮތަށް ރައީސް ނިންމެވީ، ނޮވެންބަރު މަހުގެ ތިނެއްގެ އުދުވާނީ ހަމަލައިގައި އޭރުގެ ރައީސް ކުރެއްވި ތައުރީފު ހައްގު މަސައްކަތްޕުޅުތަކާއި އަދި އެދުވަހުގެ ހަމަލައިގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި، އާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ހިދުމަތުގެ އަގު ގައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުން ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވީ އަށް ބޭފުޅުންނެވެ. އަދި އާންމުންގެ ތެރެއިން ޝަހީދުވީ 11 ބޭފުޅުންނެވެ.
ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުއިއްޒު، ގައުމާ މުހާތަބު ކުރައްވާނެއެވެ. އަދި ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫންވެސް ވާހަކަފުޅު ދައްކަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު