ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ސަރުކާރުން ނިންމާފައިވާ “ޖެނެރޭޝަނަލް ބޭން” އާ ގުޅުވައިގެން ކުރިއަށްގެންދާ “ނޭޝަން ޓޯޗް ރަން” ގައި މިހާތަަނަށް 7،000 އަށްވުރެ ގިނަ މީހުން ބައިވެރިވެއްޖެއެވެ.
މި ދުވުން ފެށީ އިއްޔެ ހަވީރު އެކުވެނި ޓްރެކްގައި ބޭއްވި ހާއްސަ އިވެންޓެއްގައެވެ. މިއީ 24 ގަޑިއިރަށް ކުރިއަށްގެންދާ ދުވުމެކެވެ.
މި ދުވުން މިއަދު ހަވީރު 16:00 އާ ހަމައަށް ކުރިއަށް ދާނެއެވެ.
މި ދުވުމުގައި ސަރުކާރުގެ މުވައްސަސާތަކާއި، ކުންފުނިތަކާއި، އަދި އަމިއްލަ ޖަމްއިއްޔާތަކާއި، ހޮސްޕިޓަލުތަކުންވެސް ދަނީ ބައިވެރިވަމުންނެވެ. މި ދުވުން މާލޭގެ އިތުރުން އަތޮޅު ތެރޭގައިވެސް ދަނީ ކުރިއަށެވެ.
ކުޅިވަރާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިހާރުވެސް މި ދުވުން ކުރިއަށް ގެންދާ ކަމަށެވެ. އަދި މި ދުވުމަށް މިހާތަނަށް 18 ގަޑިިއިރު ވެފައިވާއިރު، މިހާތަނަށް 7،547 މީހަކު މި ދުވުމުގައި ބައިވެރިވެފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މި ހަރަކާތް ކުރިއަށްގެންދަނީ “ދުޅަހެޔޮ ޖީލަކަށް އެންމެން އެކުގައި” މި ޝިއާރުގެ ދަށުންނެވެ. މި ހަރަކާތް ކުރިއަށް ގެންދާއިރު، މޯބައިލް ސިޒޭޝަން ކްލިނިކްތަކާއި، އެޑޮވޮކޭ ކްލިނިކް، އަދި ލައިވް މިއުޒިކާއި، ފޮޓޯބޫތްވެސް ބަހައްޓާފައި ވެއެވެ.
މިއީ 2007 ވަނަ އަހަރުގެ ޖެނުއަރީ އެކައުން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް މަޖިލީހަށް ހުށަހަޅައި، މި އަަހަރުގެ މެއި މަހުގެ 13 ގައި މަޖިލިހުން ފާސްކުރި ބިލެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މި ބިލް މެއި މަހުގެ 21 ގައި ތަސްދީގުކުރައްވުމާއެކު އެ އުމުރުފުރާގެ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުމާއި ބޭނުން ކުރުމަކީ މަނާކަމެކެވެ.
އެ ބިލް ތަސްދީގު ވުމާއެކު ދުންފަތުގެ ބާވަތްތައް ވިއްކޭނީ ހަމައެކަނި ލައިސަންސް އޮތް ރަޖިސްޓަރީ ކުރެވިފައިވާ ތަންތަނުގައެވެ. އޮންލައިންކޮށް ނުވަތަ ވެންޑިން މެޝިންތައް މެދުވެރިކޮށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާ ވާނެއެވެ. އަދި ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ މެޝިނަރީ ރާއްޖެއަށް އެތެރެކުރުން މަނާކޮށް އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް ގެންގުޅުމާއި ބޭނުންކުރުން ވެސް މަނާވާނެއެވެ. އެ ބިލުގައި ބުނެފައިވާ ގޮތުން ބިލުގައި ހުރި ކަންކަމާ ހިލާފަށް އަމަލު ކުރާ މީހަކު 1000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
އެ ބިލު ތަންފީޒުކުރުމާ ދޭތެރޭގައި ގާތްގަނޑަކަށް ހަ މަސްދުވަސް ލިބޭއިރު، ހަ މަސް މިއަަދަށް ވަނީ ހަމަވެފައެވެ. އެއާއެކު އެ ބިލް ތަންފީޒުކުރެވިގެންދާނެއެވެ. ހަ މަހުގެ މުއްދަތެއް ދިނީ މިހާރު 18 އަހަރު ފުރިފައި ތިބި ކުދިންގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާފައި ތިބި ކުދިންނަށް ވެސް އެއިން ނިކުތުމަށް ފުރުސަތެއް ދިނުމަށެވެ.


ކިޔުންތެރިންގެ ހިޔާލު