އެހެން ރަށްރަށުން ލ. ގަމަށް ބަދަލުވާން ޖެހުނު 169 ފަރާތަކަށް ބަދަލުގެ ގޮތުގައި ކޮންމެ ފަރާތަކަށް 50,000 (ފަންސާސް ހާސް) ރުފިޔާ ޖަމާކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ލ. އަތޮޅުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ލ. ގަމުގައި މިރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެގޮތަށް ބަދަލުވާންޖެހޭ ފަރާތްތަކަށް ބަދަލުގެ ގޮތުގައި ވަކި އަދަދެއްގެ ފައިސާ ހަވާލުކުރުމަކީ ސަރުކާރުގެ ދާއިމީ ސިޔާސަތެއް ކަމަށާއި، މި މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ވެސް އެ މަނިކުފާނު ވަޢުދުވެވަޑައިގެންފައިވާނެ ކަމަށެވެ.
“169 ފަރާތަކަށް މި ފައިސާ ލިބެންޖެހޭކަން މިހާރު ވަނީ މިނިސްޓްރީއަށް ރަސްމީކޮށް ލިޔެކިޔުމުން އެނގިފައެވެ. އެއީ ގާތްގަނޑަކަށް 8.45 (އަށް ޕޮއިންޓް ސާޅީސް ފަހެއް) މިލިއަން ރުފިޔާ، 50,000 ރުފިޔާގެ މަގުންނެވެ. މި ފައިސާ މިނިސްޓްރީ އޮފް ފިނޭންސުން މިހާރު ވަނީ ހަމަޖައްސަވާފައެވެ،” އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިނިސްޓްރީ އޮފް ފިނޭންސް އާއި މިނިސްޓްރީ އޮފް ހައުސިންގގެ ޓީމެއް ދާދި އަވަހަށް ލ. ގަމަށް ވަޑައިގެން، މި ފައިސާ ލިބިވަޑައިގަންނަވާ ފަރާތްތަކާ ބައްދަލުކުރައްވައި، އޭގެ ތަފުސީލުތައް އިތުރަށް އޮޅުންފިލުއްވައިދެއްވާނެ ކަމަށެވެ.
ދެން އޮންނާނީ އެ ފަރާތްތަކުގެ ބޭންކު އެކައުންޓުތައް ހޯއްދަވައި، ސީދާ އެކައުންޓުތަކަށް ފައިސާ ޖަމާކުރެއްވުމުގެ މަރުޙަލާ ކަމަށާއި، ކޮންމެ ފަރާތެއްގެ އެކައުންޓަށް 50,000 ރުފިޔާ ޖަމާކުރައްވައި، ވަޢުދު ފުއްދަވައިދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު