Advertisement
ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން—- ފޮޓޯ: ރައީސް އޮފީސް

ލާމުގައި ދެވަނަ އެއާޕޯޓް އަޅާނެ ރަށެއް އަދި ނޭނގޭ

ސަރުކާރަށް ދެ އަހަރު ފުރެން ގާތްވަމުންދާއިރު ވެސް ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އަޅާނެ ތަނެއް ރައީސް ޑރ. މުއިއްޒުއަށް ވިދާޅެއް ނުވެވުނެވެ.

ލ. އަތޮޅަށް ކުރައްވާ ދަތުރުގައި މާވަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މިވަގުތު ދެވަނަ އެއާޕޯޓާ އަޅާނެ ތަނަކާ ގުޅޭ ގޮތުން ދެވެން އޮތް ޔަގީންކަމަކީ އެއާޕޯޓު އަޅާނީ ދުރު ރާސްތާއަށް ވެސް ވިސްނައިގެން އިގްތިސާދީ ގޮތުން ވެސް ދެމެހެއްޓިނިވި ތަރައްގީއެއް ހާސިލްވާ ގޮތަށް ކަމަށެވެ.

Advertisement

“މިއަދު އަޅުގަނޑު ދޭނެ ޔަގީންކަމަކީ. އެއީ ވަރަށް މުހިންމު ޔަގީންކަމެއް. މި އަތޮޅަށް ދެން އަންނަން ޖެހޭ އެއާޕޯޓް އަންނަން ޖެހޭނީ ދުރު ރާސްތާއަށް ވެސް ވިސްނާއިރު އިގްތިސާދީ ގޮތުން ވެސް ދެމެހެއްޓިނިވި ތަރައްގީއެއް ހާސިލުވާނެ ގޮތަކަށޭ،” މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އެޅުމުގެ ވިސްނުން ހުރީ ގިނަ ރިސޯޓުތަކެއް ތަރައްގީ ކުރެވެން އޮތް އަދި ޖިއޮގްރަފިކަލް ގޮތުން ބަލާއިރު ވެސް އެއާޕޯޓު އޮންނަން ޖެހޭ ތަނުގައި ކަމަށެވެ.

“ޓޫރިޒަމް ކުރިއެރުވުމަށް ބަލާއިރުގައި ވެސް އެންމެ ރަނގަޅު ގޮތުގައި ގިނަ ރިސޯޓުތަކެއް ތަރައްގީ ކުރެވެން އޮތް ހިސާބެއްގައި އޮތް ރަށެއް ކައިރީގައި އެއާޕޯޓް އަޅަންޖެހޭނީ. އަދި ޖިއޮގްރަފިކަލީ ބަލާއިރުގައި ވެސް އެންމެ އެއާޕޯޓެއް އޮންނަން ޖެހޭނެ ރަށެއްގައި އެއާޕޯޓް އަޅަންޖެހޭނީ. އެހެންވީމަ މިގޮތަށް އަޅުގަނޑު މިވިސްނަނީ،” ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ވެސް މާވަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ލ. އަތޮޅުގައި ނުނިންމާ އޮތް ހަމައެކަނި ކަމަކީ ދެވަނަ އެއާޕޯޓެއް އަޅަން ނިންމާފައި އޮތް ތަން ކަމަށާއި އެކަން ކުރިއަށް ގެންދާނީ އިގްތިސާދީ ގޮތުން ރައްޔިތުންނަށް ފައިދާވާ ތަނެއްގައި ކަމަށެވެ.

ކޮންމެ ރަށަކުން 20-30 މިނެޓުން ދެވޭނެ އެއާޕޯޓެއް ތަރައްގީ ކުރުމަކީ ރާއްޖޭގެ މައި ދެ ސިޔާސީ ފިކުރުން ވެސް ވެރިކަމަށް އައުމަށް ވި ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި