ﷲގެ އަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަމަލަކީ ނަމާދު އޭގެ ވަގުތުގައި އަދާ ކުރުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައި ވަނީ، “ނަމާދަށް ފަރުވާތެރިވުން” މި މައުޟޫއަށެވެ. ހުތުބާގައި ވިދާޅުވީ، މާތްﷲ އިސްލާމްދީން ބާވައިލެއްވުމަށް ފަހު، އަޅުކަމެއްގެ ގޮތުގައި އަހަރެމެންގެ މައްޗަށް އެންމެ ފުރަތަމަ ފަރުޟުކުރެއްވި އަޅުކަމަކީ ނަމާދެވެ.
“ބާލިޢުވެ ބުއްދި ސަލާމަތުން ހުރި ކޮންމެ މުސްލިމެއްގެ މައްޗަށް، ފިރިހެނަކަސް އަންހެނަކަސް، މުއްސަންޖަކަސް ފަގީރަކަސް، ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހަކަސް ބަލިމީހަކަސް، ރަށުގައި ގާއިމުވެގެން ހުރި މީހަކަސް ދަތުރުވެރިޔަކަސް، އަމާންކަމުގެ ހާލަތުގައި ވެސް އަދި ބިރުވެރިކަމުގެ ހާލަތުގައި ވެސް ދޫކޮށްނުލެވޭ ފަރުޟަކީ ނަމާދު” ހުތުބާގައި ވިދާޅުވިއެެވެ.
ނަމާދަކީ ރަސޫލުބޭކަލުންގެ ސާހިބާ މުހައްމަދުގެ ފާނު ލޯފުޅުގެ ފިނިކަންކަމުގައި ވީ ފަދައިން މުއުމިނުންގެ ވެސް ލޮލުގެ ފިނިކަމެވެ. ތަގުވާވެރީންގެ މިއުރާޖެވެ.
ހުތުބާގައި ވިދާޅުވީ، ނަމާދު ފަރުޟުކުރެއްވުމަށް އިރާދަކުރެއްވި ހިނދު، އެ ނަމާދު ފަރުޟުކުރެވުނީ އެންމެ މަތިވެރި ޝަރަފުވެރި މަގާމަށް އެންމެ މަތިވެރި ސާހިބާ ގެންދެވުމަށް ފަހުގައެވެ. އެއީ މަލާއިކަތުންނަށް ވެސް ކުއްތަންނުވެވޭހައި ހިސާބެވެ. ހަތް އުޑުގެ ވެސް މައްޗަށެވެ. އަރުޝިކޮޅާ އަރިސްކުރެއްވުމަށް ފަހު، އެއްވެސް މެދުވެރިޔަކު ނެތި، އެކަލޭގެފާނަށް ސީދާ ބަސްވަހީކުރައްވައިގެންނެވެ.
“ނަމާދަކީ އެންމެ ފުރަތަމަ ފަރުޟުކުރެވުނު އަޅުކަމަށްވެފައި، އެއީ، ނަބިއްޔާގެ އުންމަތަށް ކުރެއްވި އެންމެފަހު ވަޞިއްޔަތްޕުޅު ވެސް މެއެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގަތް އާލާސްކަންފުޅުގައި އޮންނެވި އިރު ހޭފުޅުނެތިފައި ހޭފުޅުއަރާ ކޮންމެ ފަހަރަކު ޙަދީޘްކުރައްވަނީ މީސްތަކުން ނަމާދުކޮށްފިހެއްޔެވެ؟ ތިމަންކަލޭގެފާނުގެ ހަށިކޮޅަށް ފެންއަޅާށެވެ! ކޮންމެ ފަހަރަކު ފެންއަޅުއްވައިގެން އެކަލޭގެފާނު ނަމާދުކުރެއްވުމަށް ތެދުވެވަޑައިގަންނަވާ ތަނުން ހޭފުޅުނެތޭ” ހުތުބާގައި ވިދާޅުވިއެެވެ.
ﷲ ވަނީ ނަމާދު ގާއިމުކޮށް އެ ނަމާދުތަކަށް ރައްކާތެރިވުމަށް އަހަރެމެންނަށް އަމުރުކުރައްވައިފައެވެ. ހަމަ އެ ފަދައިން އަހަރެމެންގެ ނަބިއްޔާ ވެސް ވަނީ އެ ކަމަށް ބާރުއަޅުއްވައިފައެވެ.
ޝަރުއީ އެއްވެސް އުޒުރެއްނެތި ނަމާދު އޭގެ ވަގުތުން ފަސްކުރުމަކީ ނަމާދުއެޅުމުގެ ތެރޭގައި ހިމެނޭކަމެކެވެ. އަހަރެމެންގެ ތެރެއިން ބައެއް މީހުން ނަމާދު ފަސްކުރަމުން ފަސްކުރަމުން ގޮސް، އެންމެ ފަހުން ނަމާދު ވަގުތު ފާއިތުވެދާ އިރު ވެސް އެ ބައިމީހުންނަށް އެ ނަމާދެއް ނުކުރެވެއެވެ. މިއީ އަހަރެމެން އެ ކަމަކާ މެދު ނުހަނު ސަމާލުކަންދީ ރައްކައުތެރިވާންޖެހޭނޭ ކަމެއް ކަމަށް ހުތުބާގައި ވަނީ ވިދާޅުވެފައެވެ.
“ﷲގެ ހަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަމަލަކީ ނަމާދު އޭގެ ވަގުތުގައި އަދާކުރުން” ހުތުބާގައިވެއެވެ.
ނަމާދަކީ ކީރިތި ގުރްއާނުގައި އެންމެ ގިނައިން ބަޔާންކުރައްވައިފައިވާ އަޅުކަމެވެ. ގިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބުބެއްލެވޭނޭ އަޅުކަމަކީ ވެސް ނަމާދެވެ.
ކޮންމެ ހުކުރު ދުވަހެއްގައި މިންބަރުމަތީ ހުރެ އިމާމު މީހާ މުޅި އުންމަތަށް ވެސް ގޮވައިލަނީ ނަމާދުތަކަށް ރައްކާތެރިވުމަށެވެ. ނަމާދުތަކަށް ފަރުވާތެރިވުމަށެވެ. މިސްކިތްތަކުން ކޮންމެ ދުވަހަކު ފަސް ފަހަރު ބަންގީގައި ގޮވައިލެވެނީ ކާމިޔާބު ހޯދުމަށާއި ނަމާދަށް އަވަސްވެގަތުމަށެވެ.


ކިޔުންތެރިންގެ ހިޔާލު