އާއިލާއާބެހޭ ގަވާއިދަށް ހުށަހަޅާ އިސްލާހުތަކުގެ ވެލިޑޭޝަން ބައްދަލުވުން ބާއްވައިފިއެވެ.
އާއިލާއާބެހޭ ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން އެކުލަވާލެވިފައިވާ މި ގަވާއިދަކީ އާއިލާއާބެހޭ ގާނޫނު ތަންފީޛުކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރުމާއި، މިގަވާއިދު އިތުރަށް ފުރިހަމަކޮށް، ތަންފީޛުކުރުމުގައި މިހާރު ދިމާވާ ތަފާތު ގޮންޖެހުންތައް ހައްލުކޮށްދިނުމުގެ ގޮތުން އެކުލަވާލެވިފައިވާ ގަވާއިދެކެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ފަރާތުން އިއްޔެ ކުރިއަށްގެންދިޔަ މި ގަވާއިދު އިސްލާހްކުރުމުގެ ވެލިޑޭޝަން ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ތަޖުރިބާކާރުންނާއި މަސްއޫލުވެރި އިދާރާތަކުގެ ޚިޔާލުތަކަށް ބިނާކޮށް، ހުށަހެޅިފައިވާ އިސްލާހުތައް ވެލިޑޭޓްކޮށް އިތުރަށް ފުރިހަމަކުރަންޖެހޭ ދާއިރާތަކާއި ކަންކަން ފާހަގަކުރުމެވެ.
އެގޮތުން މި ބައްދަލުވުމުގައި ވަނީ އާއިލާއާބެހޭ ގަވާއިދު ތަންފީޛުކުރުމުގައި ހުރި ގޮންޖެހުންތަކާއިއެކު ގަވާއިދަށް ގެންނަށް ފެންނަ މުހިއްމު އިސްލާހުތަކެއް ދެނެގަނެވި، އެކަންކަން ބަދަލުކުރުމަށް އިޖުރާއީ ގޮތެއްގައި ޢަމަލުކުރާނެގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
މި ގަވާއިދުގެ ތަންފީޛީ މަރުހަލާގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި، ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތްކުރެވިފައިވަނީ، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއާއި ފެމިލީ ކޯޓުގެ ފަންނީ އެހީތެރިކަމާއި އެއްބާރުލުމާއެކީގައެވެ.


ކިޔުންތެރިންގެ ހިޔާލު