Advertisement

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އޭސީސީ އަށް ހާޒިރުކޮށްފި

އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އިން، ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެ ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

އޭސީސީގެ ތަހުގީގަކާ ގުޅިގެން އާދިއްތަ ދުވަހުގެ (މިއަދު) 2:30 އަށް އަމީރު ވަނީ އެކޮމިޝަނަށް ހާޒިރުކޮށްފައެވެ.

Advertisement

ރައީސް ޑރ. މުއިއްޒުގެ މާލީ ސިޔާސަތު ތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ އަމީރުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ 2019 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް މާލީ ވަޒީރުކަމުގައި މަސައްކަތް ކުރެއްވީ އަމާނާތްތެރިކަމާއި ތެދުވެރިކަމާ އެކުގައި ކަމަށެވެ. އަދި ރަސްމީ ހައިސިއްޔަތުގެ ބޭނުންކޮށްގެން ދައުލަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.

އަމީރު އިތުރަށް ވިދާޅުވެފައި ވަނީ އެއްވެސް އަސާސެއް ނެތް ކަންތައްތަކުގައި އޭސީސީ އަދި ޕޮލިހަށް ގެންގޮސް، ބިރުދެއްކި ކަމުގައި ވިޔަސް އެއްވެސް ބިރެއް ނުގަންނަ ކަމަށެވެ. އަދި އޭސީސީގެ ރައީސް އަދި މެމްބަރުން ބޭއިންސާފުން މީހުން ފްރޭމް ކުރަން ކުރާ މަސައްކަތް ހުއްޓާލުމަށް ގޮވާލައްވާފައިވެއެވެ.

މި މައްސަލައާ ގުޅިގެން އަމީރު އޭސީސީއަށް ހާޒިރުކޮށްފައިވާއިރު، އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވެސް ބަލަމުންދާ މައްސަލައަކާ ގުޅިގެން އޭސީސީއަށް ހާޒިރުވުމަށް އަންގާފައެވެ.

ފައްޔާޒް އެސީސީއަށް ހާޒިރުކުރަން ނިންމާފައިވާ މައްސަލާގައި އެމްޑީޕީގެ ސަރުކާރުން ބަދަލުދީފައިވާ ސްވިފްޓް އިންޖިނިއަރިން ކުންފުނީގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރާ ޕާޓީ އަށް ނިސްބަތްވާ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވީ ބަދަލުގެ ގޮތުގައި އެކުންފުންޏަށް ކުރީ ސަރުކާރުން ޕްރޮޖެކްޓުތަކެއް ދޭން ނިންމުން، އެއީ ހައްގު ބަދަލެއް ކަމަށާއި އެކަމުން ދައުލަތަށް ގެއްލުމެއް ވުމުގެ ބަދަލުގައި ލިބުނީ ފައިދާ ކަމަށް ބުނެ އެމްޑީޕީ ސަރުކާރުގެ ނިންމުން ދިފާއުކުރައްވާފައެވެ.

އަމީރު އޭސީސީ އަށް ހާޒިރު ކުރި އިރު ސިޔާސީ ތަހުގީގުތައް ހިންގާ ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓުން ވަނީ އޭސީސީގެ ބޭރުގައި އިހުތިޖާޖު ކޮށްފައެވެ. އެ ގޮތުން އިހުތިޖާޖު ކުރި ފަރާތްތަކުން ވަނީ މިސަރުކާރުގެ ކަރަޕްޝަން އަމަލުތައް އޭސީސީ އިން ބެލުމަށް ފަސްޖެހިފައިވާ ކަމަށް ބުނެ ނުރުހުން ފާޅު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް