Advertisement

ސިޔާސީ ހައްޔަރީން ދޫކޮށްލަން ގޮވާލައި ސިލްސިލާ ހަރަކާތްތަކެއް ފަށައިފި

މިދިޔަ ހުކުރު ދުވަހުގެރޭ އިދިކޮޅު އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުން ދޫކޮށްލަން ގޮވާލައި ސިލްސިލާ ހަރަކާތްތަކެއް ފަށައިފި އެވެ.

އެމްޑީޕީގެ ހަރުގެ ކުރިމަތީގައި ރޭ ބޭއްވި އެއްވުމެއްގައި އެ ހަރަކާތް ރަސްމީކޮށް ފެށިކަން އިއުލާނު ކުރީ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު، އަލީ ނިޔާޒެވެ.

Advertisement

ނިޔާޒު ވިދާޅުވީ މުޒާހަރާއިން ހައްޔަރުކުރި މީހުން މިނިވަން ކުރަންދެން އެ ޕާޓީން ސިލްސިލާ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މާލެ އާއި ރަށްރަށުގައި ވެސް އެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

“އިރާދަކުރެއްވިއްޔާ މިރޭ މި ފެށޭ ހަރަކާތަކީ މި ހަ މީހުން ދޫކޮށްލުމަށް ހިންގާ ހާއްސަ ހަރަކާތްތަކެއް، ޕޯސްޓަރު ހިއްޕުން، ހަމައެކަނި މާލެއަކު ނޫން ރަށްރަށުގައި ވެސް މި ހަފުތާ ތެރޭގައި ވެސް މި ހައްޔަރީންގެ އެކިއެކި ރަށްރަށަށް ޒިޔާރަތްކޮށް ވެސް މި މަސައްކަތް އަޅުގަނޑުމެން ކުރާނަން،” ނިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކު ހައްޔަރު ނުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ވަރަށް ބޮޑު ވައުދެއް ކަމަށެވެ. އެހެންނަމަވެސް މުޒާހަރާއިން ހައްޔަރު ކުރި މީހުން ބަންދުގައި ބައިތިއްބާފައި ތިބީ ސިޔާސީ ބޭނުމެއްގައި ކަމަށް ނިޔާޒު ވިދާޅުވިއެވެ.

“އެހެންވީމާ މި ހައެއް ބަދަލުވެގެން ދާނެ އެތައް ގުނައަކަށް، އެހެންނަމަވެސް އަޅުގަނޑުމެން އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަނީ ހައްގުތައް ހިމާޔަތް ކުރުމަށް، އަދި ސިޔާސީ ހައްޔަރީންގެ ގޮތުގައި ތިބޭ މީހުންގެ ދިފާއުގައި މީގެ ކުރިން ވެސް އެމްޑީޕީން ނުކުމެފައި ތިބޭނެ،” ނިޔާޒު ވިދާޅުވިއެވެ.

އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާއިން އަށް މީހަކު ފުލުުހުން ހައްޔަރުކުރި އެވެ. އޭގެތެރެއިން ހަތް މީހަކު ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރި އެވެ. ނަމަވެސް ކޯޓުން ބަންދުގެ މުއްދަތު ޖަހައިދިނީ އޭގެތެރެއިން 6 މީހަކަށެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދަށް 15 ދުވަސް ޖެހި މީހުން

  • މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު
  • ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ
  • މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު
  • އަލީ ޖުމާން
  • އަޒްމީ އަލީ
  • ހަސަން ޝާކިރު

މުޒާހަރާގެ ތެރެއިން ބަންދުގެ މުއްދަތު އިތުރުނުކޮށް ދޫކޮށްލީ އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ހަސަން ޒަރީރު އާއި މުހައްމަދު ޚަލަފު އިބްރާހިމް އެވެ. ޚަލަފު ދޫކޮށްލީ ތަހުގީގަށް އެއްބާރުލުން ދޭން ޝަރުތުކޮށް އަދި ހުއްދަ ހޯދައިގެން ނޫން ގޮތަކަށް މާލޭން ބޭރަށް ނުދެވޭ ގޮތަށެވެ.

މުޒާހަރާގައި އެތައް ހާސް ބަޔަކު ޖަމާވެ، މަޖީދީ މަގުން ހިނގާފައި ދާން ދިމާކުރުމުން، ރަޔަޓު ގިޔަރުގައި ފުލުހުން ނުކުމެ ބާރުގެ ބޭނުންކޮށް، ޕެޕަ ސްޕްރޭ ޖެހި އެވެ. އަދި ފުރަތަމަ ފަހަރަށް ސޮނިކް ވެޕަން ބޭނުންކުރި އެވެ.

އާޓިފިޝަލް ބީޗުގައި ތިބުމަށް ފަހު އެއްވުމުގެ ބައިވެރިން ހިނގަން ރާވާފައި އޮތީ މަޖީދީ މަގުން އިރަށެވެ. އެކަން އެގޮތަށް ކުރާކަން އަންގާފައި ވާނެ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް