އިދިކޮޅު އެމްޑީޕީން އޮކްޓޯބަރު 3، ގައި ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައި ޖަލަށްލި މީހުންނާ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބައްދަލުކޮށްފި އެވެ.
އެޗްއާރްސީއެމްގެ ޕީއާރް އޮފިސަރު އަދަދު އަށް ވިދާޅުވީ މުޒާހަރާގެ ތެރެއިން ހައްޔަރުކޮށް 15 ދުވަހުގެ މުއްދަތަށް ބަންދުގެ މުއްދަތު ޖެހި ހަ މީހުންނާ ދޫނިދޫ ޖަލުގައި އެޗްއާރްސީއެމް އިން ބައްދަލުކޮށް އެމީހުންގެ ކަންބޮޑުވުންތައް އަޑު އަހާފައިވާ ކަމަށެވެ.
ބަންދުގައި ތިބި މީހުން ހިއްސާކުރި ކަންބޮޑުވުންތަކުގައި ހުރި ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް އެ ވެސް ކޮމިޝަނުން ބުންޏެވެ.
ބަންދުގެ މުއްދަތު ޖަހާފައިވާ ހަ މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް އިއްޔެ ފެށި އެވެ. އެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު އެ މީހުން ނިންމާލި ކަމަށް ފުލުހުން ބުނި ނަމަވެސް، އެ ހަޅުތާލު ނިންމާލިކަން މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެ އެވެ.
އެ މީހުން ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފެށީ ގާނޫނާ ހިލާފަށް ބަންދުކުރުމާއި ހަމަހަމަކަމާއެކު އަމަލު ކުރަމުން ނުދާތީ ކަމަށް އެމްޑީޕީގެ ލީގަލް ޓީމުގެ ފަރާތުން އަހްމަދު މައުރޫފް ވިދާޅުވި އެވެ.
ތަހުގީގު ލަސްކުރުމުގެ އިތުރުން ހައްޔަރުކުރި މީހުންނަށް ބޭސްފަރުވާ ދިނުމުގައި ފުލުހުން ލަސްކުރަމުންދާ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ. މިއަދު މިއީ އެ މީހުން ބަންދުގައި ތިބޭތާ ފަސްވަނަ ދުވަހެވެ.
ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދަށް 15 ދުވަސް ޖެހި މީހުން:
- މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު
- ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ
- މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު
- އަލީ ޖުމާން
- އަޒްމީ އަލީ
- ހަސަން ޝާކިރު
މުޒާހަރާގެ ތެރެއިން ބަންދުގެ މުއްދަތު އިތުރުނުކޮށް ދޫކޮށްލީ އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ހަސަން ޒަރީރު އާއި މުހައްމަދު ޚަލަފު އިބްރާހިމް އެވެ. ޚަލަފު ދޫކޮށްލީ ތަހުގީގަށް އެއްބާރުލުން ދޭން ޝަރުތުކޮށް، އަދި ހުއްދަ ހޯދައިގެން ނޫން ގޮތަކަށް މާލޭން ބޭރަށް ނުދެވޭ ގޮތަށެވެ.
މުޒާހަރާގައި އެތައް ހާސް ބަޔަކު ޖަމާވެ، މަޖީދީ މަގުން ހިނގާފައި ދާން ދިމާކުރުމުން، ރަޔަޓު ގިޔަރުގައި ފުލުހުން ނުކުމެ ބާރުގެ ބޭނުންކޮށް، ޕެޕަ ސްޕްރޭ ޖެހި އެވެ. އަދި ފުރަތަމަ ފަހަރަށް ސޮނިކް ވެޕަން ބޭނުންކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު