އިދިކޮޅު އެމްޑީޕީން އޮކްޓޯބަރު 3، ގައި ބޭއްވި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ބޭނުންކުރި ބާރުގަދަ އަޑު އިއްވާ “ސޮނިކް ވެޕަން” އެއް ކަމަށްވާ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްރެޑު) ބޭނުންކުރި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބަލަން ފަށައިފި އެވެ.
އެޗްއާރްސީއެމްގެ ޕީއާރް އޮފިސަރު، މުހައްމަދު ނާޝިދު ހަސަން ހަވާސާ އަށް ވިދާޅުވީ ސޮނިކް ވެެޕަން ބޭނުންކުރި މައްސަލަ އެ ކޮމިޝަނުން އިސްނަގައިގެން ބެލުމަށް ނިންމާފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
“މި މައްސަލައަކީ ކޮމިޝަނުން އިސްނަގައިގެން ބެލުމަށް ނިންމާފައިވާ މައްސަލައެއްކަމުގައި ދަންނަަވަން،” ސޮނިކް ވެޕަންއާ ގުޅޭގޮތުން ސުވާލުކުރުމުން އެނާ ވިދާޅުވި އެވެ.
އެމްޑީޕީން “ލޫޓުވާލައިފި ލޫޓުވައިފި” ނަމުގައި އެތައް ހާސް ބަޔަކާއެކު ބޭއްވި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ސޮނިކް ވެޕަން ބޭނުންކުރުމުން އެކަމާ ގުޅިގެން ފުލުހުންގެ މުއައްސަސާއަށް އަދި ސަރުކާރަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
އެގޮތުން ފުލުހުން ސޮނިކް ވެޕަން ބޭނުން ނުކުރަން ގޮވާލައި އޮންލައިން ޕެޓިޝަނެއްގައި ވެސް ވަނީ ސޮއިކުރަން ފަށާފައެވެ.
ޖެޓެއްގެ އިންޖީނުގެ އަޑު ކައިރިން އިވޭ މިންވަރަށް ވުރެ ވެސް އަޑުބާރު ސޮނިކް ވެޕަން ބޭނުންކުރުމުގެ ސަބަބުން މުޒާހަރާގެ ބައިވެރިންނާއި މުޒާހަރާކުރި ސަރަހައްދުގެ ގެތަކުގައި ދިރިއުޅޭ އާއިލާތަކާއި ކުޑަކުދިންނަށް އޭގެ އަސަރު ކުރިއެވެ.
ހަތިޔާރު ބޭނުންކުރުމުގައި ފުލުހުން އަމަލުކުރަން ޖެހޭ ގޮތުގެ އުސޫލެއް އޮންނަން ޖެހެއެވެ. ޕެޕާ ސްޕްރޭ އާއި ކަރުނަ ގޭސް އަދި މުގުރު ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު ނުވަތަ އެސްއޯޕީ ހަދާފައި އޮވެއެވެ.
ނަމަވެސް ސޮނިކު ވެޕަން، ނުވަތަ ބާރު އަޑު ބޭނުންކުރަން ޖެހޭ ހާލަތާއި ބޭނުންކުރާ ގޮތް ފުލުހުން އާންމުކޮށްފައެއްނެތެވެ.
ސޮނިކް ވެޕަން ބޭނުންކުރި މައްސަލައިގައި އާންމުން ފާޑުކިޔަން ފެށުމުން އެކަން ދިފާއުކޮށް ފުލުހުން ނޫސް ބަޔާނެއް ނެރުނެވެ. އެގޮތުން ފުލުހުން ބުނީ މުޒާހަރާގައި ބާރުގެ ބޭނުންކޮށްފައި ވަނީ ކަނޑައަޅާފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ނަގަހައްޓަން ޖެހޭ އަސާސްތަކާއެކު ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު