ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނު އިސްލާހުކުރުމުގެ ވެލިޑޭޝަން ބައްދަލުވުން މިއަދު ބާއްވައިފިއެވެ.
ސޯޝަލް މިނިސްޓްރީގައި މިއަދު ކުރިއަށްދިޔަ މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ތަޖުރިބާކާރުންނާއި މަސްއޫލުވެރި އިދާރާތަކުގެ ހިޔާލުތަކަށް ބިނާކޮށް، ހުށަހެޅިފައިވާ އިސްލާހުތައް ވެލިޑޭޓްކޮށް އިތުރަށް ފުރިހަމަކުރަންޖެހޭ ދާއިރާތަކާއި ކަންކަން ފާހަގަ ކުރުމެވެ. އަދި ގާނޫނު ތަންފީޒު ކުރުމުގައި މިހާރު ދިމާވާ ތަފާތު ގޮންޖެހުންތައް ހައްލުކޮށް މުވައްޒަފުންނަށް ރައްކާތެރި ގަދަރުވެރި އަދި ހަމަހަމަ އުސޫލަކުން މަސައްކަތްކުރާ މަސައްކަތުގެ މާހައުލެއް ކަށަވަރުކޮށްދިނުމެވެ.

އެގޮތުން މި ބައްދަލުވުމުގައި ވަނީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނު ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކާއިއެކު ގާނޫނަށް ގެންނަށް ފެންނަ މުހިއްމު އިސްލާހުތަކެއް ދެނެގަނެވި، އެކަންކަން ބަދަލުކުރުމަށް އިޖުރާއީ ގޮތެއްގައި ޢަމަލުކުރާނެގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
މިގާނޫނުގެ ތަންފީޒީ މަރުހަލާގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި، ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތްކުރެވިފައިވަނީ، އަލިފް ލޯ ޗެމްބަރސްއާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަންނީ އެހީތެރިކަމާއިއެކުއެވެ.
ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނަކީ މަސައްކަތުގެ މާހައުލާއި ތައުލީމީ މަރުކަޒުތަކާއި، ސިއްހީ ހިދުމަތްދޭ ތަންތަނާއި އެހެނިހެން އިޖްތިމާއީ ހިދުމަތްތައް ފޯރުކޮށްދޭ ތަންތަނުގައި ހިނގާ ޖިންސީ ފުރައްސާރައާއި ގޯނާގެ ޢަމަލުތައް މަނާކުރުމަށް އެކުލަވާލެވިފައިވާ ގާނޫނެކެވެ. އަދި މިގާނޫނުގެ ދަށުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމަކީ ކޮބައިކަން ކަނޑައެޅުމާއި އެފަދަ ކަންކަން ހުއްޓުވުމުގައި އެކި ފަރާތްތަކުގެ ޒިންމާ ބަޔާންކުރުމާއި، އެފަދަ ކަންކަމާ ގުޅިގެން އަޅާނެ ފިޔަވަޅުތައް ކަނޑައެޅިގެންދެއެވެ.


ކިޔުންތެރިންގެ ހިޔާލު