Advertisement
ސޮނިކް ވެޕަން އޮޕަރޭޓުކުރި ފުލުސް މީހާ ---

ފުލުހުން “ސޮނިކް ވެޕަން” ބޭނުން ކުރީ ގާނޫނާ ހިލާފަށް!

އެމްޑީޕީން ރޭ ބޭއްވި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ބާރުގަދަ އަޑު އިއްވާ “ސޮނިކް ވެޕަން” ބޭނުންކުރީ ގާނޫނާ ހިލާފަށް ކަން އެނގިއްޖެއެވެ.

ފުލުހުން ރޭ ސޮނިކް ވެޕަން ބޭނުން ކުރަން ފެށީ ގަޑިން 11:00 ހާއިރުއެވެ. އޭރު ކުރީގެ ރައީސް އިބްރާހިމް މުހައްދު ސޯލިހު، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި ޕާޓީގެ ލީޑަޝިޕު ތިއްބެވީ ފުލުހުންގެ ޝީލްޑުތަކާ ޖެހިގެންނެވެ.

Advertisement

މުޒާހަރާ ރޫޅާލުމަށް ތަކުރާރުކޮށް ސޮނިކް ވެޕަން ބޭނުން ކުރިއެވެ. އޭގެ އަޑު، ޖެޓެއްގެ އިންޖީނުގެ އަޑު ކައިރިން އިވޭ މިންވަރަށް ވުރެ ވެސް ބާރެވެ.

ސޮނިކް ވެޕަންއަކީ ލޯންގު ރޭންޖް އެކޮސްޓިކް ޑިވައިޒް ނުވަތަ އެލްއާރުއޭޑީ ބޭނުންކޮށްގެން އެއް ރިދަމަކަށް އުފައްދާ ގަދަ އަޑެކެވެ. މިއީ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ފުލުހުންނާއި ސިފައިން ބޭނުންކުރާ ނޮން-ލީތަލް ހަތިޔާރެކެވެ.

ހަތިޔާރު ބޭނުންކުރުމުގައި ފުލުހުން އަމަލުކުރަން ޖެހޭ ގޮތުގެ އުސޫލެއް އޮންނަން ޖެހެއެވެ. ޕެޕާ ސްޕްރޭ އާއި ކަރުނަ ގޭސް އަދި މުގުރު ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު ނުވަތަ އެސްއޯޕީ ހަދާފައި އޮވެއެވެ.

ނަމަވެސް ސޮނިކު ވެޕަން، ނުވަތަ ބާރު އަޑު ބޭނުންކުރަން ޖެހޭ ހާލަތާއި ބޭނުންކުރާ ގޮތް ފުލުހުން އާންމުކޮށްފައެއް ނެތެވެ.

އެމްޑީޕީގެ ގާނޫނީ ޓީމުން ރޭ ދަންވަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައި ގާނޫނީ ވަކީލު އަހުމަދު މައުރޫފު ވިދާޅުވީ ސޮނިކް ވެޕަން ބޭނުންކުރުމުގެ ހުއްދަ ފުލުހުންނަށް ނެތް ކަމަށެވެ.

“އަޅުގަނޑުމެން ބަލައިލިއިރު މައުލޫމާތު ލިބެނީ ދިވެހި ފުލުހުންނަށް ބޭނުން ކުރުމުގެ ހުއްދަ އޮންނަ ހަތިޔާރެއް ނުވަތަ އާލާތެއް ނޫންކަން މިރޭ ދިވެހި ފުލުހުން ބޭނުންކޮށްފައި ވަނީ،” މައުރޫފް ރޭ ވިދާޅުވިއެވެ.

ސޮނިކް ވެޕަން ބޭނުންކުރުމާ ގުޅޭ އުސޫލެއް އެކުލަވާލާފައިވޭތޯ އެހުމުން ފުލުހުންގެ މީޑިއާ ޓީމުން ބުނީ އެކަމުގެ މައުލޫމާތު ސާފުކުރުމަށްފަހު ޖަވާބެއް ދޭނެ ކަމަށެވެ.

ހަވާސާ ނޫހަށް އެނގިފައިވާ ގޮތުގައި ސޮނިކް ވެޕަންގެ ގޮތުގައި ބޭނުންކުރި އާލާތް ފުރަތަމަ ގެނައީ 2013 ގަ އެވެ. ނަމަވެސް، މިހާތަނަށް މުޒާހަރާއެއް ރޫޅާލުމަށް ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފައެއް ނުވެއެވެ. ކުރިން އެ ބޭނުންކުރީ އެނައުންސްމެންޓު ދިނުމަށް އެލާޓެއްގެ އެވެ.

ނަމަވެސް ރޭ ގިނަ އިރުތަކެއް ވަންދެން ސޮނިކް ވެޕަން ފުލުހުން ބޭނުންކުރަމުން ދިޔައިރު، އޭގެ އަޑުގެ ބާރުމިން ވެސް އިތުރަށް މަތިކުރަމުން ދިޔައެވެ.

ހަތިޔާރު ހޯދުމާއި ގެންގުޅުމާއި ބޭނުންކުރުމާ ގުޅޭ ފުލުހުންގެ ގަވާއިދުގައި ބުނާ ގޮތުން ހަތިޔާރެއް ބޭނުންކުރުމުގެ ކުރިން އިންޒާރު ދޭން ޖެހެއެވެ. ގަވާއިދު ބުނާ ގޮތުން ފުލުހުން އިންޒާރުގެ ގޮތުން “ހަތިޔާރު ބޭނުންކުރަނީ” މި އިބާރާތް ބޭނުންކުރަން ޖެހޭނެއެވެ. ނަމަވެސް ފުލުހުން ސޮނިކް ވެޕަން ބޭނުންކުރަން މިފަދަ އިންޒާރެއް ނުދެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް