ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ލޯނުތައް ދެއްކުން ފަސްކުރުމާ ގުޅޭ މަޝްވަރާތައް ނިމިފައިވާ ކަމަށް ޗަައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވެއްޖެއެވެ.
ޗައިނާއަށް ދައްކަން ޖެހޭ ލޯނުތައް ފަސް އަހަރަށް ފަސްކޮށްދޭން ނިންމަދޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ އެއްއަހަރު ކުރިން ހާމަކުރައްވާފައެވެ.
ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ، ބޭރުގެ ދަރަނި ދެއްކުމަށްޓަކައި އެންމެ ބޮޑު އެއްޗެއް އެހީގެ ގޮތުގައި އަބަދުވެސް ދެއްވާ ދެ ގައުމަކީ ޗައިނާ އިންޑިއާ ކަމަށާއި، އެ ދެ ގައުމުގެ ސަރުކާރުން މި ގައުމުގެ ދަރަނި ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދާ ދިނުމަށް އެހީތެރިކަން ދެއްވަވާ ކަމަށެވެ.
“ޗައިނާ ސަރުކާރުން ވަނީ އަޅުގަނޑުމެންގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް، އޭގެ ކުރިން ތަރައްގީގެ އެކި މަޝްރޫއުތަކަށް ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައި ހުރި ލޯނުތައް ނުދައްކާ، ކުރިއަށް އޮތް ފަސް އަހަރު އެ ލޯނުތަކާއި ލޯނުތަކުގެ އިންޓަރެސްޓް ނުދައްކާ ގޮތަށް ނިންމާ ދެއްވާނެ ކަމުގެ ފެހި ސިގްނަލް ދެއްވާފައި،”. ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެކަމުގެ ފަންނީ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށެވެ.
ރައީސް މިފަދައިން ވިދާޅުވިއިރު ޗައިނާގެ ގައުމީ ދުވަހާއި މިޑް އޯޓަމް ފެސްޓިވަލް ފާހަގަކުރުމަށް އިއްޔެ ނަސަންދުރާ ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ކޮންގް ވިދާޅުވީ، ޗައިނާއަށް ރާއްޖެއިން އަދާކުރަން ޖެހޭ ދަރަނި ފަސްކުރުމުގެ މަޝްވަރާތައް ދެ ގައުމުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ މެދުގައި ކުރިއަށް ގެންގޮސް، މަޝްވަރާތައް ނިމިފައިވާ ކަމަށެވެ. އަދި މަޝްވަރާތަކާ އެކު ރާއްޖެއަށް ލުއި ގޮތްތަކެއް ހަމަޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
“މިއީ ޗައިނާ އިން ރާއްޖޭގެ މާލީ ހަމަޖެހުމަށްދޭ އަހަންމިއްޔަތު އެކަނި ނޫން. ރާއްޖޭގެ އިގްތިސާދު ހަރުދަނާކޮށް ވަރުގަދަ ކުރުމަށް ދިވެހި ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކަށް ދޭ ސަޕޯޓެއް” ސަފީރު ވިދާޅުވިއެވެ.
ސަފީރު ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދީ ކުރިއެރުން ހޯއްދަވައިދެއްވުމަށާއި، ރައްޔިތުންގެ ލާބައާއި މަންފާ އިތުރުކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ މައްސަލަތައް ހައްލުކުރުމުގައި ބައިނަލްއަޤްވާމީ މައިދާނުގައި އިސް ދައުރެއް އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދާ ކުރައްވާ ކަމަށެވެ. އަދި ޗައިނާ އިން އެ މަސައްކަތުގެ އަގު ވަޒަން ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ޗައިނާ ސަފީރުގެ މެސެޖުގައި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް އެއްބާރުލުން ދެއްވާނެ ކަމަށާއި، ޤައުމީ ތަރައްގީގެ މަގަށް ވާސިލުވުމަށާއި، ބައިނަލްއަގްވާމީ މުޖްތަމައުގައި ހަރަކާތްތެރިކަމާއެކު މަސައްކަތްކުރުމަށް އެހީތެރިވެދޭނެ ކަމުގައި ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު