ލ. ކައްދޫގައި ކަފިހިހުރަސް މަތިން މަގުހުރަސް ކުރަނިކޮށް، ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުން ދެ މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އެ މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ލ. ފޮނަދޫ / ހޯރަވިލާ، މުހައްމަދު ނައުސާން (37އ) ގެ މައްޗަށެވެ.
އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މި ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހުއެވެ. މި މައްސަލަ އެ އޮފީހުން ބަލައިގެންފައިވަނީ ސެޕްޓެންބަރު 28 ވަނަ ދުވަހުއެވެ.
އެ އެކްސިޑެންޓް ހިނގާފައި ވަނީ އަަހަރުގެ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ވަގުތެއްގައެވެ.
އެ މައްސަލައާ ގުޅިގެން އޮގަސްޓު 16 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. މީނާއަކީ ޓްރެފިކް ގަވާއިދާ ހިލާފުވެގެން އެކިފަހަރުމަތިން ޖޫރިމަނާކޮށްފައިވާ މީހެކެވެ. އަދި މީނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އެ އެކްސިޑެންޓުގައި އަނިޔާވުމުގެ ސަބަބުން ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ 64 އަހަރުގެ ދިވެހި އަންހެނެކެވެ.


ކިޔުންތެރިންގެ ހިޔާލު