އަންނަ އަހަރަށް 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

11 months ago

އަޙްމަދް އަޙްނަފް އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ. މަޖިލީހުން ބަޖެޓް ފާސްކޮށްފައިވަނީ 68 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅީވެސް 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް މަޖިލީހުން ދިރާސާކޮށްފައިވަނީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއާއި، އިޤްތިޞާދީ ކޮމެޓީ އެކުވެގެން އުފެއްދި ކޮމެޓީއަކުންނެވެ. ބަޖެޓް ދިރާސާ ކުރުމަށްޓަކައި މިނިވަން މުއައްސަސާތަކާއި، މާލީ އިދާރާތަކާއި ކޮމެޓީން ވަނީ ބައްދަލުކޮށް ބަޖެޓަށް ގެންނަން ޖެހޭ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.


ބަޖެޓް ކޮމެޓީން ފާސްކޮށްފައިވަނީ ބަޖެޓް ދިރާސާކުރުމުގައި ކުރެވުނު މަޝްވަރާތަކާއެކު ބަޖެޓަށް 306 މިލިއަން ރުފިޔާ އިތުރުކޮށް، 49.8 ބިިލިއަން ރުފިޔާގެ ބަޖެޓެކެވެ. ކޮމިޓީން ބަޖެޓް ފާސްކުރިއިރު ބައެއް މަޝްރޫއުތަކުގެ ބަޖެޓު މަދުވެ އަނެއްބައި މަޝްރޫއުތަކަށް ކަނޑައެޅި ބަޖެޓުގެ އަދަދުވަނީ އިތުރުކޮށްފައެވެ.

މަޖިލީހުން ފާސްކުރެއްވި އަންނަ އަހަރުގެ ބަޖެޓުގެ ޑެފިސިޓްވަނީ 13.7 ބިލިއަން ރުފިޔާއިން 14.1 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އަދި ދައުލަތުގެ ޖުމްލަ ދަރަނީގެ މިންވަރު ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން އަންނަ އަހަރަށް 114.3 އިންސައްތައިން، 114.6 އިންސައްތައަށް އިތުރުވެގެންދާނެކަމަށް ލަފާކޮށްފައިވެއެވެ.


އަންނަ އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި އާމްދަނިއާއި ހިލޭ އެހީގެ ގޮތުގައި 33.5 ބިލިއަން ރުފިޔާ ލިބޭނެކަމަށްވަނީ ލަފާކޮށްފައެވެ. މީގެތެރޭގައި ހިލޭ އެހީގެގޮތުގައި 1.2 ބިލިއަން ރުފިޔާވަނީ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު