ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ޒުވާނާގެ މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މި މައްސަލައިގައި ދައުވާކުރުމަށް ހުށަހަޅާފައިވަނީ ހދ. ނޮޅިވަރަންފަރު / އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް (29އ) ގެ މައްޗަށެވެ. މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މި ސެޕްޓެންބަރު މަހުގެ 23 ވަނަ ދުވަހު ކަމަށާއި، އެ އޮފީހުން ވަނީ މައްސަލަ ބަލައިގަނެފައެވެ.
މަރުގެ ޝިކާރައަކަށްވީ ލ. މާވަށް / ނަލަހިޔާ، މޫސާ އިބްރާހީމް (29އ) އެވެ. މި މާރާމާރީގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެވުނީ 2025 ޖުލައި 28 ވަނަ ދުވަހުގެ 10:12 އެހައިކަށްހާއިރުއެވެ. މާރާމާރީގައި އަނިޔާވި މޫސާ އިބްރާހީމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ މުހައްމަދު އިބްރާހީމް ހައްޔަރުކޮށްފައިވަނީ ހާދިސާ ހިނގި ދުވަހު، ޖުލައި 28 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
ލިބިފައިވާ މަޢުލޫމާތުން އެނގޭ ގޮތުގައި މޫސާ އިބްރާހީމްއަށް ހަމަލާދީފައިވަނީ ފަހަތުން ގޮސް، ކަރަށް އަމާޒުކޮށެވެ. މި މައްސަލައިގެ ތަހުގީގު މިހާރު ވަނީ ފުރިހަމަކޮށް، ދަޢުވާކުރުމުގެ މަރުހަލާއަށް ފޮނުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު