މި އަހަރުގެ ނޮވެމްބަރު 11 އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑެބިޓް ކާޑުތަކުން، ރާއްޖެ އިން ބޭރުގެ ޕީއޯއެސް ޓާމިނަލްތަކުން ފައިސާ ދެއްކޭ އަދަދު 1،000 ޑޮލަރަށް އިތުރުވެގެންދާނެ ކަމަށް ރައީސް ޑރ. މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރާއްޖެ އިން ބޭރުގައި ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ޕީއޯއެސް މެދުވެރިކޮށް މިހާރު ކެނޑެނީ 500 ޑޮލަރެވެ.
މ. މުލީ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ބީއެމްއެލްގެ އަހަރީ ދުވަސް ކަމުގައިވާ ނޮވެމްބަރު 11 އިން ފެށިގެން އެއާލައިންތަކުން ޓިކެޓް ގަތުމަށާއި، ރާއްޖެއިން ބޭރުގައި ހޮޓަލަށް ޑެބިޓް ކާޑު ތަކުން ފައިސާ ދެއްކޭ އަދަދު 3000 ޑޮލަރަށް އިތުރުވެގެންދާނެ ކަމަށެވެ.
އަދި ހަމަ އެ ތާރީހުން ފެށިގެން ބޭސްފަރުވާއަށް ހޮސްޕިޓަލަށް ދައްކަންޖެހޭ ފައިސާ ބޭންކުގައި އެދުމުން ޑެބިޓް ކާޑުން ހޮސްޕިޓަލަށް ފައިސާ ދެއްކޭނެ ގޮތްވެސް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ. މިކަންކަމުގެ ސަބަބުން އަގުބޮޑުކޮށް ބްލެކް މާކެޓުން ޑޮލަރު ގަންނަން ޖެހުމުން ސަލާމަތްވެ، ހެޔޮ ނަތީޖާ ރައްޔިތުންނަށް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތުގެ ތެރެއިން މިއަދު ވަނީ ބީއެމްއެލް މެދުވެރިކޮށް ޗައިނާ ފައިސާ ޔުއާން އިން އެކައުންޓް ހުޅުވޭ ގޮތަށް ހަމަޖައްސައިފައެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ދިވެހި ވިޔަފާރިވެރިން ޗައިނާ މެދުވެރިކޮށް ވަރަށް ބޮޑަށް ވިޔަފާރި ކުރެއެވެ. އެކައުންޓް ހުޅުވޭ ގޮތް ވުމުން ޓީޓީ ފޮނުވުމާއި އިންވަޑް ރެމިޓެންސްގެ ގޮތުގައި ފައިސާ ލިބިގަތުމާއި އެލްސީ ހުޅުވައި ދިނުން ޗައިނާ ފައިސާ އިން ހަމަޖެހިގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.
އަދި އަންނަ ޖެނުއަރީ 1 އިން ފެށިގެން ޗައިނާ ފައިސާގެ އެކައުންޓްތަކަށް ހާއްސަކޮށް ދުނިޔޭގެ 180 އަށްވުރެ ގިނަ ގައުމުގައި ބޭނުންކުރާ ޔޫނިއަން ޕޭގެ ޑެބިޓް ކާޑާއި ކްރެޑިޓް ކާޑްވެސް ތައާރަފްކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިކަން އިންޑިއަން ރުޕީސް އިން ހަމަޖެއްސުމަށް ބީއެމްއެލް އިން ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
“އޭރުން ޑޮލަރު ފިޔަވާ ދިވެހި ވިޔަފާރިވެރިން ބޭނުންކުރާ މައިގަނޑު ދެ ފައިސާއިން އެކަންތައް ހަމަޖެހުނީމާ ޑޮލަރަށް މި އޮތް ބާރު ބޮޑުކަން، ބްލެކް މާކެޓް، މިކަންތަކަށް ލުޔެއް ލިބި އިރާދަކުރެއްވިއްޔާ ތިޔާގިކަން ލިބިގެންދާނެ.” ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު