މާލޭގެ އިސްލާމީ މަރުކަޒު ފަރުމާ ކުރަން ލިބުނު ފުރުސަތަކީ ތަފާތު ތަޖުރިބާއެއް ކަމަށް އެ މަރުކަޒުގެ ކުރެހުންތައް ކުރެއްސެވި މެލޭޝިއާގެ އާކިޓެކްޓު ހާޖީދާރު ބިން އަބްދުލް މާޖިދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ މައިދާން ކައިރީގައި 1984 ވަނަ އަހަރުގެ ނޮވެމްބަރު 11 ގައި ހުޅުވި އިސްލާމީ މަރުކަޒަކީ ރާއްޖޭގެ އެންމެ ބޮޑު އިސްލާމީ ބިނާއެވެ. މާލެއަށް އަރައި ފައިބާ ޓޫރިސްޓުންގެ ލޯތައް ވެސް ހުއްޓޭ އެ އިސްލާމީ މަރުކަޒުގެ 133 ފޫޓުގެ މުންނާރާއެކު ދައްކައިދެނީ ދިވެހީންގެ އިސްލާމީ ވަންތަކަމެވެ.
ހަ މިލިއަން ޑޮލަރު ހޭދަކޮށްގެން އިމާރާތްކޮށްފައިވާ އެ ބިނާގެ މަސައްކަތަށް ސައުދީ އަރަބިއްޔާ އާއި ބުރޫނާއީ އާއި ކުވޭތާއި ޕާކިސްތާނާއި މެލޭޝިއާ އަދި ޔޫއޭއީއިން އެހީތެރިވިއެވެ.
ހާޖީދާރު ބިން އަބްދުލް މާޖިދު މި ދަތުރުފުޅަކީ 40 އަހަރު ފަހުން އޭނާ ރާއްޖެއަށް ކުރެއްވި ޒިޔާރަތެކެވެ. މި ދަތުރުފުޅުގައި އޭނާގެ މޭސްތިރިކަމުގައި ފަރުމާކުރި އިސްލާމިކް މަރުކަޒަށް ޒިޔާރަތްކުރެއްވިއެވެ.
އިސްލާމިކް މިނިސްޓްރީން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިސްލާމީ މަރުކަޒު ބިނާކުރުމަށް ލިބުނު ފުރުސަތާއި ގުޅިގެން ވާހަކަދައްކަވަމުން ހާޖީދާރު ވިދާޅުވީ މި މިސްކިތް ފަރުމާކުރަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހަވާލުކުރެއްވުމުން ހައިރާން ކަމެއް ލިބުނު ކަމަށާއި މީގެ ކުރިން މިފަދަ ފުރުސަތެއް ލިބިފައި ނުވާ ކަމަށެވެ. އަދި އޭރު ރާއްޖޭގައި އިމާރާތްކުރުމަށް ބޭނުންވާ ސާމާނާއި، ބިނާކުރުމުގެ އުސްލޫބުތައް ނެތުމުން، މުރަކައިގެ ރަށްތަކުގައި އިމާރާތްކުރުމަކީ މުޅިން ތަފާތު ތަޖުރިބާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
“ރާއްޖޭގައި މިސްކިތެއް ބިނާ ކުރަން ކުރީގެ ރައީސް މައުމޫނުގެ ހުށަހެޅުމެއް ލިބުމުން ވަރަށް ހައިރާންވި. މީގެ ކުރިން ދުވަހަކުވެސް ރާއްޖޭގައި ތަނެއް ފަރުމާކުރުމުގެ ފުރުސަތު ލިބިފައިނުވާތީ. މިދަތުރުގައި ވަރަށް ތަފާތު ތަޖުރިބާއެއް ލިބުނު، މިއީ މެލޭޝިއާގެ އާކިޓެކްޓު ރާއްޖެއިން ފެނިގެންދިޔަ ފުރަތަމަ ޕްރޮޖެކްޓް.”، ހާޖީދާރު ވިދާޅުވިއެވެ.
މެލޭޝިއާއިން އާކިޓެކްޗާގެ ހިދުމަތް އެންމެ ފުރަތަމަ ރާއްޖެއަށް ތައާރަފްވި މަޝްރޫއަކީ މިސްލާމީ މަރުކަޒު ކަމުގައި ވެސް ޑާޓޯ ހާޖީދާރު ފާހަގަކުރެއްވިއެވެ. ގިނަ އިސްލާމީ ގައުމުތަކުން ދެއްވި ފައިސާގެ އެހީތެރިކަމާއެކީ ދިވެހި ކާޕެންޓަރުންގެ ބުރަ މަސައްކަތުން މި މަޝްރޫއު ނިމުނުކަން އޭނާ ހާމަކުރެއްވިއެވެ.
1983 ވަނަ އަހަރު ރާއްޖެއަށް ކުރި ޒިޔާރަތުގައި ދިވެހިންގެ ފަރާތުން އަދާކުރެއްވި މެހެމާންދާރީގެ ފުރިހަމަކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ދިވެހިންގެ ސަގާފަތާއި ރީތި އާދަކާދަތަކުން އޭނާގެ ހިތް އުފަލުން ފުރާލި ކަމަށެވެ. އަދި ދުވަހަކުވެސް އެ ތަޖުރިބާ ހަނދާން ނުނެތޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު