މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން، މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އެންމެ ގިނައިން ކްލިއާ ކުރި މުދަލުގެ ތެރޭގައި ހިމެނެނީ ބިސް ކަަމަށް އެ ކުންފުނިން މިއަދު ވިދާޅުވެއްޖެއެވެ.
އެ ކުންފުނިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އޮގަސްޓް މަހު މުދާ ކްލިއާ ކުރި އަދަދު ޖުލައި މަހާއި އަޅާބާލާއިރު، އިތުުރެވެ. އެގޮތުން އެމްޕީއެލްއިން ޖުލައި މަހު 6،320 ޓީއީޔޫސް (ޓްވެންޓީ–ފޫޓް އިކުއިވަލަންޓްޔުނިޓްސް) ކްލިއާ ކޮށްފައިވާއިރު، އޮގަސްޓްގައި ވަނީ ޖުމްލަ 6،663 ޓީއީޔޫސް ކްލިއާކޮށްފައެވެ.
މިއީ ޖުލައި މަހު ކްލިއާ ކުރި މުދަލުގެ އަދަދާއި އަޅާބަލާއިރު، %5 އިތުރު އަދަދެކެވެ.
އެގޮތުން އޯގަސްޓް މަހުގެ ތެރޭގައި ކްލިއާ ކުރި މުދަލުގެ ތެރޭގައި 20 ފޫޓުގެ 2،607 ކޮންޓެއިނަރާއި، 40 ފޫޓުގެ 2،028 ކޮންޓެއިނަރު ހިމެނެއެވެ. މި މުއްދަތުގައި އެމްޕީއެލްގެ ބަނދަރުގެ ޚިދުމަތް ހޯދި އުޅަނދުފަހަރުގެ ތެރޭގައި 20 ކޮންވެންޝަނަލް އުޅަނދާއި 14 ކޮންޓެއިނަރު ބޯޓު ހިމެނެއެވެ.
އަވަހަށް ހަލާކުވާ ޒާތުގެ މުދާ ނުވަތަ ޕެރިޝަބަލް މުދަލުގެ ތެރެއިން އެންމެ ގިނައިން އޮގަސްޓް މަހު ކްލިއާ ކުރީ ބިހެވެ. އެގޮތުން 71،037 ކޭސް ބިސް ކްލިއާ ކޮށްފައި ވެއެވެ. އަދި 55،581 ބަސްތާ ފިޔާ، 31،966 ބަސްތާ ކަރާ، 24،225 ބަސްތާ އަލުވި،16،918 ބަސްތާ ޓޮމާޓޯ، 12،384 ބަސްތާ އަލަނާސި، 12،400 ބަސްތާ ކެބެޖް،10،949 ގަނޑު ދޮންކެޔޮ، 3،687 ބަސްތާ ފޮނި ކެކުރި އަދި 5،583 ބަސްތާ ބަރަބޯ ޖެނެރަލް ކާގޯގެ ގޮތުގައި ކްލިއާ ކޮށްފައި ވެއެވެ
މި ތަފާސް ހިސާބުތަކުން ދައްކުވައިދެނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަސާސީބޭނުންތަކުގެ ތަކެތި ފޯރުކޮށްދިނުމުގައި އެމްޕީއެލްގެ ބަނދަރުން އަދާކުރާ އިސް ދައުރާއި، ހިދުމަތުގެ ފެންވަރެވެ.


ކިޔުންތެރިންގެ ހިޔާލު