މ. ދިއްގަރު ހިއްކި ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.
އެމްޓީސީސީން 323 ދުވަސް ތެރޭގައި ނިންމި އެ މަސައްކަތުގެ ނިންމާލުން ފާހަގަކޮށްފައިވަނީ މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މ. އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ދިއްގަރަށް ވަޑައިގެންނެވެ.
މަޝްރޫއު ނިމުމުން ފާހަގަކުރުމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވަނީ ދިއްގަރު ކައުންސިލްގެ ރައީސް އަހުމަދު ނިޝާނަށް ހަދާނީ ފިލައެއް ހަދިޔާކުރައްވާފައެވެ.
މި މަޝްރޫއުގެ ދަށުން އެ ސަަހައްދުގައި 700 މީޓަރުގެ ބޮޑުހިލައިގެ ވައި-ގްރޮއިން ޖަހާފައިވާއިރު، 138 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓަރު ޖަހާފައި ވެއެވެ. އަދި 332 މީޓަރުގެ ޖިއޯބޭޣް ރިވެންޓްމެންޓް ޖަހާފައި ވެއެވެ.
މި މަޝްރޫއުގެ މަސައްްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 17 މިލިއަން ރުފިޔާއަށެވެ.
ރާއްޖޭގެ އެހެން ގިނަ ރަށްތަކެކޭ އެއްފަދައިން ދިއްގަރަށްވެސް ދިމާވެފައިވާ އިޖްތިމާއީ އެންމެ ބޮޑު އެއް މައްސަލައަކީ ރަށުގެ ބިންފުރި، ބޯހިޔާވަހިކަމާއި އިގްތިސޯދީ ކަންކަމަށް ބޭނުންކުރާނެ ބިން ރަށުގައި ނެތުމެވެ. މިކަމަށް ހައްލެއް ގެނެސްދިނުމުގެގޮތުން ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. އަދި އެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ވަނީ ނިންމާލާފައެވެ.
ދިއްގަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރުމަހެވެ. އެ މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކާ، އަދި ހިއްކި ބިން ހިމާޔަތްކުރުމާއި، ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި، ބޭރު ތޮށިލުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ. އެ މަޝްރޫއަށް 121 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
މިއީ ރަށަށް މިހާރު ދިމާވެފައިވާ ގިނަ މައްސަލަތަކަކަށް ހައްލުގެނެސްދީ، ރަށަށް އިގްތިސޯދީގޮތުން އިތުރު ދިރުމަކާއި އާރޯކަމެއް ގެނުވާނެ އުއްމީދީ މަޝްރޫޢެއްގެ ގޮތުގައި ދިއްގަރު ރައްޔިތުންނާއި އެރަށު ކައުންސިލުންވެސް ފާހަގަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު