Advertisement

ގައުމީ ގުރުއާން މުބާރާތަކީ އޭގެ ޒާތުގައި ވަރަށް ބޮޑު މަދަރުސާއެއް، ބައިވެރިވުމަކީ ޝަރަފެއް: މިނިސްޓަރ ޝަހީމް

ގައުމީ ގުރުއާން މުބާރާތަކީ އޭގެ ޒާތުގައި ގިނަ މަސައްކަތްކުރަން ޖެހޭ މަދަރުސާއެއް ކަމަށާއި ގުރުއާން މުބާރާތުގައި ބައިވެރިވުމަކީ ލިބޭ ޝަރަފެއް ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

1037 ބައިވެރިންނާއެކު ރޭ ފެށި 37 ވަނަ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގައި ބަލައިގެން ކިޔަވާ ގޮފީގައި 582، ނުބަލައި ކިޔަވާ ގޮފިން 424 އަދި ހާފިޒުންގެ ގޮފީގައި 31 ހާފިޒުން ވަނީ ބައިވެރިވެފައެވެ.

Advertisement

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ވަޒީރު ޝަހީމް ވިދާޅުވީ ގައުމީ ގުރުއާން މުބާރާތަކީ ބޮޑު މަދަރުސާއެއް ކަމަށާއި އެ މުބާރާތުގައި ބައިވެރިވުމަކީވެސް ޝަރަފެއް ކަމަށެވެ. އަދި ރާއްޖެ މިހާރު ދެކެމުން މިދަނީ ކީރިތި ޤުރުއާނުގެ އިލްމަށް ވަރަށް މުހިންމުކަން ދޭ ޒަމާނެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

“ގައުމީ ގުރުއާން މުބާރާތަކީ އޭގެ ޒާތުގައި ވަރަށް ބޮޑު މަދަރުސާއެއް. ކޮންމެ އަހަރުކުމެ އޭގެ ބައިވެރިން އެތައް ގުނައަކަށް ތަމްރީނުކޮށްދޭ ވަރަށް މުހިންމު މަސައްކަތެއް. އެހެންކަމުން މި މުބާރާތުގައި ބައިވެރިވުމަކީވެސް ހަގީގަތުގައި ޝަރަފެއް. ގައުމުގައި ބޭއްވޭ އެންމެ ބޮޑު ގުރުއާން މުބާރާތް.”، ވަޒީރު ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވި ގޮތުގައި މިއަދުގެ ސަރުކާރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި އިސްލާމީ ކަންތައްތައް ހިމަނުއްވައިގެން ދީނީ ކަންތައްތަކަށް ވަރަށް އިސްކަންދީގެން ކަންތައް ރާވާ ދަނީ ހިންގަމުންނެވެ. އެގޮޮތުން ސަރުކާރުން މިހާރު އެންމެ އިސްކަމެއް ދެނީ ގުރުއާން ހިތުދަސް ހާފިޒުން ރާއްޖޭގައި އިތުރުކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހަމައެއާއެކު ރީތި ރާގުތަކަށް ކިޔަވާ ގާރީންނާއި ހާފިޒުން ރާއްޖޭގައި މިހާރު އެބަތިބިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ގުރުއާނުގެ އިލްމު ފެތުރުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަގުފް ބިނާތައް އެޅުމަށް ރައީސް ނިންމާފައިވާކަމަށް ވަޒީރު ވިދާލުވިއެވެ.

“މިއަހަރުގެ ތެރޭގައި ބޮޑެތި ސިޓީތަކާއި ބޮޑެތި ރަށްތަކުގައި އިސްލާމް ދީނަށް ޚަރަދު ކުރުމަށް ވަގުފް ބިނާތައް އެޅުމުގެ މަސައްކަތް ފެއްޓެވުމަށް ރައީސް ވަނީ ނިންމާފައި. މިއިން ކޮންމެ ކަމަކީވެސް ވަރަށް ގިނަ މަސައްކަތް ކުރެވިގެން ހަގީގަތަކަށް މިވަނީ.”، ވަޒީރު ވިދާޅުވިއެވެ.

ފާއިތުވީ ދެއަހަރަށް ބަލާލާއިރު، ހާފިޒުން އިތުރުވަމުން އަންނަކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެހެން އަހަރުތަކާ ޚިލާފަށް ގިނަ އަދަދަކަށް ގުރުއާން ހިތުދަސްކުރުމަށް ގިނަ ފަރާތްތަކަށް ފުރުސަތުދީފައިވާ ކަމަށެވެ. މި ފުރުސަތުގެ ބޭނުން ހިފައި ދެޖިންސުގެ ކުދިން ވަރަށް ހިތްވަރާއެކީ ގުރުއާން ހިތުދަސްކުރާކަން ވަޒީރު ފާަހަގަކޮށް ގުރުއާނުގެ އިތުރުން އެހެން މާއްދާތަކުންވެސް އެކުދިން ރަނގަޅު ނަތީޖާ ހޯދާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

“ދަރިވަރުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މުބާރާތެއްގައި ބައިވެރިވުން އެއީ ރަމްޒީ ކަމެއް. ގުރުއާން މުބާރާތުގައި ބައިވެރިވެ ވަނަ ހޯދުމަކީ އެއީ އަސްލު އަމާޒު ކަމުގައި ހަދައިގެން ނުވާނެ. ގުރުއާން ބާވައިލެއްވިފައިވަނީ އެ މަގްސަދަކަށް ނޫން. ގުރުއާން ބާވައިލައްވާފައިވަނީ ހިދާޔަތުގެ ނޫރެއްގެ ގޮތުގަ. އެހެންވީމަ ދުނިޔެވީ މަންފާއެއް ޝަރަފެއް ހޯދުމުގެ މަގްސަދުގައި ބައިވެރިވެގެން ނުވާނެ. އެއީ ވަރަށް ބޮޑު ގޯހެއް.” ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މުބާރާތުން ވަނައެއް ނުލިބުނަސް ގުރުއާން މުބާރާތެއްގައި ބައިވެރިވެއްޖެ ނަމަ ތާރީހުގައި އެކަން ލިޔެވި ދުނިޔެވީ އަދި އާޚިރުގައިވެސް އޭގެ މަންފާ ލިބޭނެ ކަމަށެވެ. އައި ޒުވާން ހަތީބުން ބިނާކުރުމާއި، ހާފިޒުން ބިނާކުރުން އަދި އިމާމުން ތަމްރީނުކުރުން ފަދަ ކަންތައްތަކަކީ ގައުމުގެ އިސްލާމީ މުސްތަގުބަލު ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް